މިގައުމުގައި އަދުލު އިންސާފް ގާއިމް ކުރަން ބޭނުންނަމަ މިނިވަން މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ: ފައްޔާޒް

މިއަދު ނޫނީ މާދަމާ ވިޔަސް މި ގައުމުގައި އަދުލު އިންސާފް ގާއިމް ކުރަން ބޭނުން ނަމަ ރައްޔިތުންނަށް ހަރާންކޯރުވަމުންދާ މިނިވަން މުޥައްސަސާތަކުގެ ވެރިންގެ މައްޗަށް ޝަރީޢަތް ހިންގަންޖެހޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އަނިޔާވެރިކަމާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ރޭ ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒް އިސްމާއީލް ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ އެންމެ ބޮޑު އަނިޔާވެރި ކަމަކީ 3 ބާރުގެ މައްޗަށް ކަނަޑައަޅާފައިވާ މުއައްސަސާތައް މަސްހުނިވުން ކަމަށާއި، ތިން ބާރު ވަކިވެފައިވާ ކަމަށް ބުނާއިރު މިނިވަން މުޥައްސަސާތައް ފެއިލްވެފައިވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ވަޒީފާ ގެއްލިދާނޭ ކަމުގެ ބިރަށް މިނިވަން މުޥައްސަސާތަކުގައި ތިއްބެވި ބޭފުޅުން ވަނީ ރައްޔިތުންނަށް ހަރާންކޯރުވެފައި ކަމަށާއި، ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ފަރާތުން މިއަދު ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާއިރު ވެސް އެ އަނިޔާތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައި އެ ބޭފުޅުންގެ ވަޒީފާ ހިމާޔަތް ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ދިވެހީން މިއަދު މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ދަރިންނާއި ދަރީންގެ ދަރީންގެ މުސްތަގްބަލަށް ޓަކައިވެސް ހައްގުބަސް ބުނަން ނުކުންނަން ޖެހޭ ކަމަށާއި، އުއްމީދަކީ މިނިވަން 50 ގައި ރައްޔިތުންނަށް މިނިވަންކަން ލިބުންކަމަށެވެ. އަދި އަދުލުއިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ހިއްވަރު ލިބެނީ ރައްޔިތުންގެ ކިބައިން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.