ބޯހިޔާވަހިކަން

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ތާހިރު ދިރުއުޅުމަކަށް މަގުފަހިކޮށްދިނުން

ެމްޑީޕީން ރައްޔިތުންނަށް ހުށަހަޅާފައިވާ މެނިފެސްޓޯތަކާ ސިޔާސަތުތަކުން ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ސިޔާސަތަކީ ބޯހިޔާވަހިކަމުގެ ސިޔާސަތެވެ.

ގިނަ ރަށްރަށުގައި ސިއްހީ ޚިދުމަތް، ތައުލީމު، އަދި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނުވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާއަކަށްވެފައިވަނީ މާލެއަކީ އިންތިހާއަށް ތޮއްޖެހިފައިވާ ބައިބޯ ރަށަކަށްވުމެވެ. މާލޭގެ ގިނަ ރައްޔިތުންނާ، ރަށްރަށުގެ ހިތްގައިމު ތަނަވަސް ބޮޑެތި ގޯތިތައް ދޫކޮށް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ރައްޔިތުން އުޅެމުންދަނީ ވަރަށް ކުދި ޖާގައިގައި ނުހަނު ގިނަ ދަތިތަކާއެކުއެވެ. ތޮއްޖެހުމަކީ މާލޭގެ ގިނަ އިޖްތިމާއީ މައްސަލަތަކުގެ އެންމެ ބޮޑު ސަބަބުކަމަށްވެސް ބެލެވެއެވެ.

އެމްޑީޕީގެ ސިޔާސަތަކީ އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން ޔުނިޓު ތަރައްޤީކޮށް، ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުމެވެ. މާލޭއަށާއި މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގައި މައްސަލަ އެންމެ ބޮޑަށް ގުޅިފައިވަނީ ތަރައްޤީގެ ހުރިހާ ކަމެއް މަރުކަޒުކުރުން ކަމުގައި އެމްޑީޕީން ދެކެމެވެ.

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީ ވެރިކަމުގައި ތިން ގިންތިއަކަށް ބަހާލައިގެން ވެށިފަހި މާލޭގެ ނަމުގައި މަޝްރޫއު ފެއްޓިނަމަވެސް މި ސަރުކާރުން އެ މަޝްރޫއު މެދުކަނޑާލައި، އެމްޑީޕީ ސަރުކާރުން ތަރައްޤީކުރި ސޯޝަލް ހައުސިން ޔުނިޓުތައް ވިއްކުމަށް ހަމަޖެއްސީ އެތައް ގުނައެއް ބޮޑުކޮށް، އަތްނުފޯރާ އަގުގައެވެ.