ތިމާވެށި

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ރައްކާތެރިކުރެވޭނީ ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް ބޮޑެތިމަސައްކތްތަކެއް ކޮށްގެން

ތިމާވެށީގެ ދާއިރާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެށީގެ ޤާނޫނާއި، ގަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުމުގައި ހުރި ގިނަގުނަ ހުރަސްކަތެއް
ކުރިމަތިވެފައިވުމެވެ. މިހެން މިކަން ދިމާވާންޖެހުނު އެންމެ ބޮޑު ސަބަބެއް ކަމަށް ފާހަގަކުރެވިފައިވަނީ ތިމާވެށި ޙިމާޔަތްކޮށް ދެމެހެއްޓުމަކީ ރާއްޖޭގެ ތަރައްޤީއަށް އޮތް ހުރަހެއްކަމެއްކަމުގައި ދެކެވެންފެށުމެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިމުގައި ހުރި ހުރަހެއްކަމުގައި ބެލެވެން ފެށުމެވެ.

ރާއްޖޭގެ ޤުދުރަތީ ވެށްޓަށް ޤާނޫން ދީފައިވާ އެންމެ ބޮޑު ޙިމާޔަތަކީ ތަރައްޤީގެ މަޝްރޫޢުތަކަށް ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހަދަން ލާޒިމުކޮށްފައި އޮންނަ އޮތުމެވެ. ނަމަވެސް މި ރިޕޯޓު ހެދެނީ މަޝްރޫޢުގެ އެންމެ ފަހު މަރުހަލާގައެވެ. ވަޒީރުންގެ މަޖިލީހުން މަޝްރޫޢު ބަޔަކަށް އެވޯޑުކޮށް ނިންމާފަހުން ހަދާ ރިޕޯޓަކުން ކޮންމެ ނަތީޖާއެއް ދެއްކިނަމަވެސް މަޝްރޫޢުކުރިއަށް ގެންދިއުން ނޫންގޮތެއް މިހާރަކު ނެތެވެ. ތިމާވެށީގެ ގޮތުން ޙިމާޔަތްކުރެވިފައިވާ ތަންތަނުގަޔާއި އަދި ސެންސިޓިވް އޭރިއާ ތަކުގައި ތަނާއި އެއްވެސްގޮތަކަށް އެކަށީގެންނުވާ މަޝްރޫޢުތައް ހިންގުމަށް އެވޯޑްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އީ.އައި.އޭ މަރުހަލާގައި މިކަން ފާހަގަކުރެވުމުން، އީ.އައި.އޭ އަދި އީ،އައި.އޭ ތަންފީޛުކުރާ އޮފީހާއި މުވައްޒަފުން އެއީ ތަރައްޤީއަށް ހުރަހެއްގެ ގޮތުގައި ދަނީ ލޭބަލްކުރެވެމުންނެވެ. އެހެންކަމުން ތިމާވެށީގެ ދާއިރާގެ ގަވަރނެންސްވެސް މިހާރަށްވުރެ ހަރުދާނާ ކުރަންޖެހެއެވެ.

އެމްޑީޕީ އިން ދެކެނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ރައްކާތެރިކުރެވޭނީ ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް ބޮޑެތިމަސައްކތްތަކެއް ކޮށްގެންނެވެ. ތިމާވެށި ރައްކާތެރިކުރުމުގައި އެމްޑީޕީއިން އެންމެ އިސްކަމެއްދޭނެ ކަންކަމަކީ:

  1. ދައުލަތުގެ ހިންގުމުގެ ނިޒާމްގެ ތެރެއަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރުން.
    • ތިމާވެށި ރައްކާތެރި ކުރުމުގެ އެމްމެ ބާރުވެރި ފަރާތަކީ ޤާނޫނޫ ހައިސިއްޔަތެއް ލިބިފައިވާ މިނިވަން މިނިވަން މުއައްސަސާއެއް ކަމުގައި ހެދުން (އީ ޕީ އޭ)
    • ތިމާވެށި ރައްކާތެރި ކުރުމުގައި ރާއްޖޭގެ ލޯކަލް ގަވަނަންސްގެ ދައުރު ފުޅާކޮށް ހިމެނުން
  2. މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާނެ ދަތި އުދަގޫތަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށްޓަކައި ޒަމާނީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ރައްޔަތުންގެ ދިރިއުޅުމުގެ މާހައުލާއި ވަސީލަތްތައް ތަރައްގީކުރުން:
    • ރިނިއުބަލް އެނާރޖީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ހަކަތަ އުފެއްދުމަށް މަޝްރޫއުތައް ހިންގުން
    • ގުދްރަތީ ވަސީލަތްތަކާއި ދިރުން އާލާކޮށް ދިރުވައި އެއިން އިޤްތިސާދީ ފުރުސަތު ބިނާކުރުން
    • ރަށް ރަށް ޕްލޭން ކުރުމާއި ގެދޮރު ބިނާކުރުމުގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެޓުމަށް އިސްކަން ދިނުން
    • ބިމުގެ ފެންފަށަލަ އާލާކޮށް ދިރުވައި ދެމެހެއްޓުމުގެ ޤައުމީ ޕރޮގްރާމެއް އެކުލަވާލާ ހިންގުން
  3. ޤައުމީ އުމްރާނީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލާ އެ ޕްލޭނަކީ ރައްޔަތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޕްލޭނަކަށް ހެދުން. މި ޕްލޭން އެކުލަވާލުމުގައި ތިމާވެށި ރަށްކާކޮށް ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުން.
  4. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ އަދި ދިމާވާނެ މައްސަލަތަކަށް ބައިނަލް އަޤްވާމީ ހައްލު ހޯދުމުގައި ރާއްޖޭގެ ދައުރު ފުޅާކޮށް އިސް ރޯލެއް އަދާކުރުމަކީ ރާއްޖޭގެ ފޮރިން ޕޮލިސީގެ މައިގަޑު މަސެއްކަތެއް ކަމުގައި ހެދުން