ދަނޑުވެރިކަން

އެންމެނަށް ހަމަހަމަ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމުގެ ފުރުޞަތުތައް ހުޅުވާލުމާއި ދަނޑުވެރިކަމަކީ ތިމާވެއްޓާ ރަށްޓެހި މަސައްކަތަކަށް ހެދުމާއި، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ދާއިރާ ފުޅާކުރުން

ެމްޑީޕީގެ ދަނދުވެރިކަމުގެ ސިޔާސަތަކީ ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ހޯދައިދިނުމާ، ދަނޑުވެރިކަމުން ލިބޭ އިޤްތިސާދީ ނަފާ ރައްޔިތުންނަށް ހޯދައިދިނުމާ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި ހަމައެއާއެކު ‘އެގްރިވިޔަފާރި’ ގެ މަސައްކަތުގައި އެންމެންނަށް ހަމަހަމަ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ، ދަނޑުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެދުމާ، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމެވެ.
ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ދަނޑު މަސައްކަތުގެ އިތުރުން އެގްރިވިޔަފާރީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ އެމްޑީޕީން އިސްކަންދޭ ކަމެކެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް ޖާގަ އޮތް ރަށްރަށުގައި ކުއްޔަށްދޭ އެގްރިދަނޑުތައް ގާއިމްކުރުމާ، ހައިޑްރޮޕޯނިކްސް ނިޒާމްތައް އިތުރުކުރުމާ، ދިވެހި އުފެއްދުން ގަންނާނެ ޤައުމީ ކޯޕަރޭޝަނެއް ހެދުމާ، އުތުރާ ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރުމާ، މާލީ އަދި ފަންނީ އެހީތެރިކަމާ ތަމްރީން ދިނުމުގެ މަޝްރޫއުތައް ހިންގުމާ، ދަނޑުވެރިކަމާ ގުޅޭ ގާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް ތަފާސް ހިސާބު އެއްކުރުމަކީ މިސިޔާސަތުގެ ދަށުން ހިންގޭނެ ކަންކަމެވެ.

ދަނޑުވެރިން ހައްދާ ތަރުކާރީއާ މޭވާ ތާޒާކަންމަތީ އެކި ރަށްރަށަށް ގެންގޮސް މާކެޓް ފުޅާކުރުމަށްޓަކައި އެގްރިބޯޓުގެ ދަތުރުފަތުރުގެ ޚިދުމަތް ތައާރަފްކުރުމަކީ އެމްޑީޕީއިން އިސްކަމެއްދޭނެކަމެކެވެ. ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމާ މި ދާއިރާއާ ގުޅޭ ނިންމުންތައް ނިންމުމުގައި ދަނޑުވެރިންގެ ހިއްސާ އިތުރުކުރުމަށް ކޯޕަރޭޓިވްތައްހެދުމަށް ހިތްވަރުދިނުމާ މިކޯޕަރޭޓިވްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީން އިސްކަންދޭނެކަންކަމެވެ.