ޒުވާނުން

ޒުވާނުންނަކީ ގައުމުގެ އެންމެ އަގުހުރި ރައުސުލްމާލު. އެމްޑީޕީގެ އަމާޒަކީ ހުނަރުވެރި، އުފެއްދުންތެރި، ޒިންމާދާރު ޒުވާން ޖީލެއް އުފެއްދުން

ޒުވާނުންނަކީ ޒިންމާދާރުކަންކުޑަ ބައެއްގެ ގޮތުގައި ދެކި ގައުމުގެ މުހިއްމު ކަންތައްތަކުން އެކަހިރިކޮށް ބާކީކުރުމުގެ ބަދަލުގައި، އެއީ ގައުމުގެ އެންމެ އަގުހުރި ރައުސުލްމާލުގެ ގޮތުގައި ބަލައިގަންނަންޖެހޭކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. ޒުވާނުންނަކީ ކަންކަމުގައި އިސްނަގާ ތަރައްޤީގެ މަސައްކަތްތަކުގައި ފުރިހަމައަށް ބައަކަށް ހެދުމަކީ އެމްޑީޕީގެ ތަސައްވަރެވެ. އެމްޑީޕީގެ އަމާޒަކީ ތައުލީމާ ތަމްރީން ލިބިފައިވާ ދުޅަހެޔޮ، އުފެއްދުންތެރި، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ގައުމުގެ ތަރައްޤީއަށް އެހީތެރިވެދޭނެ ބައެއްގެ ގޮތުގައި ބިނާކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިވާން އެހީތެރިވުމަކީ އިސްކަމެއް ދޭންޖެހޭ ކަންކަންކަމުގައި މިޕާޓީން ދެކެމެވެ.

އެމްޑީޕީގެ ސިޔާސަތަކުތަކުގެ ތެރޭގައި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމާ، ތަމްރީނާ މަސައްކަތުގެ ތަޖުރިބާ ހޯދާދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިވުމަށް އެހީތެރިވުމާ، ޒުވާނުންގެ އިސްނެގުން އިތުރުކުރުމަށް ޒުވާނުންގެ ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުމާ، ރާއްޖޭގެ އެކި ހިސާބުގައި ޒުވާނުންގެ ސެންޓަރުތަކާ ކުޅިވަރާ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ. ދިވެހި ޒުވާނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައިވަނީ ވަޒީފާގެ ފުރުސަތުތައް މަދުވުމެވެ. ވަޒީފާގެ ދަތިކަން ހައްލުކުރުމަށް އެމްޑީޕީގެ ބައެއް ވިސްނުމަކީ އައިލަންޑް ޓޫރިޒަމާ، މެރިކަލްޗަރ ފަދަ އައު ސިނާއަތްތައް ފުޅާކުރުމާ ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުސަތުހޯދާ ދިނުމެވެ. ހަމައެހެންމެ އައިޓީފަދަ ދާއިރާތަކަށްދޭ އަހައްމިއްޔަތު އިތުރުކޮށް މިފަދަ ދާއިރާތަކުން ބައިނަލް އަގްވާމީ ފެންވަރެއްގައި ކުރިއަށްދެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. ވަރަށް ޚާއްސަ ގޮތެއްގައި ސިއްހީ ދާއިރާފަދަ ދާއިރާތަކުގައި ދިވެހިން ގިނަ ކުރުމަށް މިދާއިރާތަކުން ތައުލީމުގެ ފުރުސަތުތައް ހޯދަދީ، ހުނަރު ޕްރޮގްރާމް ފަދަ މަޝްރޫއުތަކުން އެކި ވަޒީފާއަށް ބޭނުންވާނެ ތަމްރީން ފޯރުކޮށްދިނުމެވެ. އަދި އެކި ފަންނީ ޒުވާނުންނަށް އެމީހުންގެ ފަންނުތައް ދިރުވާ އެއީ އާމްދަނީއާ ނަފާ ލިބޭ މަސައްކަތްތަކަކަށް ހެދުމަށް މަސައްކަތްކުރުމެވެ. އެމްޑީޕީއަކީ ތިމާވެށި ހިމާޔަތްކުރުމާ މޫސުމަށް އަންނަ ބަދަލުތަކާމެދު އަޑުއުފުލާ ޕާޓީއަކަށްވުމުން، ދެމެހެއްޓެނިވި ދައުރުވަނިވި ހަކަތަ އުފެއްދުން ފަދަ ކަންކަމަކީވެސް ރާޢްޖޭގައި ކުރިއަރުވާ، މިކަމުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ދާއިރާއެއްކަމަށް ދެކެއެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ސްކޫލު ދައުރު ކާމިޔާބުކަމާއެކު ފުރިހަމަ ނުކުރެވުނު ޒުވާނުންނަކީ މަގުމަތިވެ މުޖުތަމައުއަށް ގިނަވެގެންދާ ބަޔަކަށް ވެގެންނުވާނެއެވެ. މިފަދަ ޒުވާނުންނަށް އިތުރަށް ކިޔެވުމާ ތަމްރީން ހޯދުމުގެ ފުރުސަތުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުންވަނީ ކާމިޔާބުކަމާއެކު ހުނަރު ޕްރޮގްރާމް ތައާރަފްކޮށްފައެވެ. އަމިއްލަ ފަރާތްތަކުގެ ދައުރު ތައުލީމީ ދާއިރާގައި ފުޅާކުރުމަށް ހިތްވަރުދީ މަހުފަހިކޮށް، ގިނަ ފަރާތްތަކެއް ޝާމިލްވެގެން އެކި ބާވަތުގެ ތައުލީމާ ތަމްރީންގެ ފުރުސަތުތައް ގިނަކުރުމަކީ މުހިއްމުކަމެއް ކަމުގައި އެމްޑީޕީން ދެކެއެވެ. ޒުވާނުންނަށް ވަޒީފާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ކެރިއަރ ގައިޑަންސްއާ ޖޮބް ސެންޓަރުތައް ހިންގާ، އަމިއްލަ ވިޔަފާރިތައް ފައްޓަން އެދޭ ޒުވާނުންނަށް އެކަންކަން މަގުފަހިކޮށްދީ އެކި ސްކީމްތަކުގެ ދަށުން ލޯނާ ގްރާންޓްލިބުމަށް އެމްޑީޕީ ސަރުކާރަކުން އެހީތެރިވެދޭނެއެވެ. އަދި ޒުވާނުން މުޖުތަމައުގެ ހަރަކާތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށާ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް ހިންގާ، ޒިންމާދާރުކަމާ އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލްތަކުގައި މަދަނީ ތައުލީމް ފޯރުކޮށްދިނުމާ، ޒުވާނުންގެ ޖަމިއްޔާތައް ހިންގުމަށް ހިތްވަރުދީ، ޖަމިއްޔާތަކަށް އެކި ފަންޑިންގް ހޯދުމަށް އެހީތެރިވެދީ، އެޖަމިއްޔާތަކުގެ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެއެވެ.

އެމްޑީޕީ ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ފެށި ގިނަ މަޝްރޫއުތަކެއް ފެބްރުއަރީ 2012ގައި އެމްޑީޕީ ސަރުކާރު ވައްޓާލުމުން ހީނަރުވެ ހުއްޓިފައިވީ ނަމަވެސް، އެމްޑީޕީ ސަރުކާރަކުން އެމަޝްރޫއުތައް އަލުން ރުޖޫއަކުރާނެއެވެ. ވެރިކަމުގައި ތިބި ފަރާތްތައް ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ކުރިއަށް ނެރޭ މަނާތަކެއްގެ ގޮތުގައި ބޭނުންކޮށް، އިގްތިސާދީ ގޮތުންނާ ސިޔާސީ ގޮތުން ޒުވާނުން އަޅުވެތިކޮށް ކުރިއަށް ގެންދާ ޖަރީމާތައް ނިމުމަކަށްގެނަސް، ދިވެހި ޒުވާނުންނަކީ އަމިއްލަ ފައި މައްޗަށް ތެދުވެވިފައިތިބި، ތާހިރު ދިރިއުޅުމެއް އުޅޭ، ތައުލީމީ، ހުނަރުވެރި، ޒިންމާދާރު، މުޖުތަމައުއަށް ފައިދާހުރި ބަޔެއްގެ ގޮތުގައި ބިނާކުރާނެއެވެ.