އަންހެނުންގެ ރޫޙު

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަނެވެ. އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް

ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުމެވެ. އަންހެނުންގެ ރޫހުން ހާސިލްކުރަން އެދޭ ލަނޑުދަނޑިތަކަކީ:

  • އެމްޑީޕީގެ ހަރަކާތްތަކުގައާއި ނިންމުންތަކުގައި އަންހެން މެމްބަރުންގެ ބައިވެރިވުން އިތުރުކުރުން
  • ޕާޓީގެ ނިންމުންތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ނުކުޅެދޭ މީހުންނާއި އެހެންވެސް މައިނޯރިޓީ ގްރޫޕްތަކަށް ތަފާތުކުރުންތައް ނެތްގޮތަށް ނިންމުންތައް ނިންމުމަށް ބާރުއެޅުން.
  • ޕާޓީގެ ނިންމުންތަކުގައި އަންހެނުންނާއި މައިނޯރިޓީ ގްރޫޕްތަކުގެ މަސްލަހަތު ހިމާޔަތްކުރެވިފައި ހުރުން
  • ޕާޓީގެ އިންތިޚާބީ މަގާމުތަކަށް ވީހާވެސް ގިނަ އަންހެން މެމްބަރުން ވާދަކޮށް އެމަގާމުތަކަށް އިންތިޚާބުކުރުވުން.
  • ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށް އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުން
  • ކުޅިވަރާއި ސަގާފީކަންކަމާއި، ފަންނުވެރިކަމާއި ވިޔަފާރީގައި އަންހެނުންގެ ދައުރުފުޅާކުރުން
  • ޕާޓީގެ ގުނަވަންތަކުގައި އަންހެން މެމްބަރުން ތަމްސީލުކުރުން
  • ގައުމީ އެކި ހަފުލާތަކާއި މުނާސަބަތުތަކާއި ޖަލްސާތަކުގައި ޕާޓީގެ އަންހެން މެމްބަރުން ތަމްސީލުކުރުން
  • އަންހެނުންނާ ގުޅޭ ކަންކަމުގައި މައުލޫމާތު އެއްކޮށް ދިރާސާތައް ކުރުމާއި ސަރުކާރަށް ފާޑުކިޔުން
  • ޕާޓީގެ އަންހެން މެމްބަރުންގެ އަޑުއުފުލުން
  • ޕާޓީން ކުރަން ނިންމާ ކަންކަމުގައިއާއި ޕާޓީ ސަރުކާރުގައި އޮންނަ އިރު ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ހިންގުމުގައި އެހީތެރިކަން ދިނުން

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ އިސް ފަރާތްތަކަކީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުން އިންތިހާބުކުރެވޭ ރައީސާއާ ނައިބު ރައީސާއެވެ.