ޚާރިޖީ

ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ލާމެހިފައިވާ ދުނިޔެއެއްގައި ދިވެހިރާއްޖެ އެކަހެރު ނުވެ، ޑިމޮކްރަޓިކް ޤައުމުތަކުގެ ބައިވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވުން

1965 ވަނަ އަހަރު އ.ދ. ގެ މެމްބަރަކަށްވުމަށްފަހު، ދިވެހިރާއްޖެ އަކީ ބައިނަލްއަޤްވާމީ މަސްރަހުގައި ވަރަށް ޒިންމާދާރުކަމާއެކު ހަރަކާތްތެރި ވަމުން އައިސްފައިވާ ޤައުމެކެވެ. ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމައުގައި ޚާއްސަކޮށް ޑިމޮކްރެޓިކް ޤައުމުތަކުގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާންޖެހޭ ކަމުގައި އެމްޑީޕީ ދެކެމެވެ. އެހެންކަމުން ދުނިޔޭގެ ޤައުމުތަކުގައާއި ރައްޔިތުންގެ މެދުގައި ޑިމޮކްރެސީ އާއި އިންސާނީ ހައްޤުތައް ކުރިއަރުވާ އަށަގަންނަވުމަށް ވަކާލާތު ކުރުމުގައިއެމްޑީޕީއިން އިސްރޯލެއް އަދާކުރާނެއެވެ.

ދިވެހިރާއްޖޭގެ ނާޒުކްތިމާވެށީގެ ބޭނުންހިފައިގެން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ގިނަގުނަ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން އެމްޑީޕީން މަސައްކަތްކުރަމުންގެންދާނަމެވެ.

100 ޕަސަންޓް މުސްލިމް ޤައުމެއްގެ ހައިސިއްޔަތުން ދުނިޔޭގައި އިތުރުވަމުންދާ ހައްދުފަހަނައެޅުމުގެ ސިޔާސަތުތަކާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި ބައިނަލްޢަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި ކުރެވެމުންދާ އެންމެހާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނަމެވެ. ދިވެހިރާއްޖެއަކީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ޤާއިމުކުރެވިފއިވާ މުސްލިމް ޤައުމެއްގެ ފުރިހަމަ މިސާލެއްކަމުގައި ވެވިދާނެއެވެ.

މިސަރުކާރުން މިވަގުތު ނެތިކޮށްފައިވާ ޒަމާންވީ ޑިޕްލޮމެޓިކް ގުޅުންތައް އެމްޑީޕީ ގެ ސަރުކާރެއްގައި އަލުން އަބުރާ އިއާދަކުރާނަމެވެ. ވެ އެގޮތުން، ކޮމަންވެލްތް ޖަމާއަތާ އަލުން ގުޅި، އީރާން އާއި ޤަތަރާއެކު ކަޑާލެވިފައިވާ ޑިޕްލޮމެޓިކް ގުޅުން އަލުން އަބުރާ ޤާއިމުކުރާނަމެވެ.

އިންޑިޔާކަޑުގެ އާއި މިސަރަހައްދުގެ ހަމަޖެހުމަކީ އަބަދުގެވެސް އެންމެ މުހިންމު ލަޑުދަޑިކަމުގައި ދިވެހިރާއްޖެއިން ދެކޭހިނދު ދިވެހރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިންޑިއާއަށް އަބަދުވެސް ދެމުން އަންނަ ޚާއްސަ އަހައްމިއްޔަތުކަން ކުރިއަށް ގެނދާނަމެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާކިޔާ އެފަރާތްތަކަށް އިތުރުފުރުސަތުތައް ތަނަވަސްކޮށްދޭ އަދި އެފަދަ އިންވެސްޓަރުންގެ ހައްޤުތައް ހިމާޔަތްކޮށްދޭ ސިޔާސަތަކަށް ވާނެއެވެ. މިގޮތުން އިންވެސްޓްމަންޓްތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތިމާވެއްޓާއި ރަހުމަތްތެރި އަދި ދެމެހެއްޓެނިވި މާހައުލެއްޤާއިމު ކުރާނަމެވެ.
ދިވެހިރާއްޖެއަކީ ވަރަށްފަހުގެ ތާރީޚެއްގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރެވިފައިވާ ޤައުމެއްކަމުގައި ވާއިރު، ރާއްޖޭގެ ތަރައްޤީގެ ތަޖްރިބާތަކުގެ އަލީގައި ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ޤައުމުތަކާ ދެމެދު މެދުވެރިއެއްގެ ރޯލްކުޅުމުގެ ފުރުސަތު ބޮޑެވެ. އަދި ތަރައްޤީވަމުންއަންނަ އެހެނިހެން ކުދިޤައުމުތަކާއި އިތުރަށް ގުޅުން ބަދަހިކޮށް އެފަދަ ޤައުމުތަކަށް ތިމާވެށީގެ ގޮތުންނާއި ތަރައްޤީގެ ރޮގުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް ހައްލުހޯދުމުގައި އެޤައުމުތަކުގެ ބައިވެރިވުމާއި އެއްބާރުލުން ހޯދައިގެން ބައިނަލްއަޤްވާމީ މަސްރަހުގައި އިތުރަށް މަސައްކަތްކުރާނަމެވެ.ހަމައެފަދައިން ވަށައިގެން ކަޑުއޮންނަ ޖަޒީރާޤައުމުތަކުގެ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އަޑުއުފުލާ ވަކާލާތު ކުރާނަމެވެ.

ދިވެހިރާއްޖޭގެ ސަލާމަތްތެރިކަމާއި ތަރައްޤީގެ ދުވެލި ބިނާވެފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖްތަމައު އާދެމެދު ފުޅާދާއިރާއެއްގައި ޤާއިމުކުރެވިފައިވާ އެކުވެރިކަމުގެ ސުލްހަވެރި ގުޅުންތަކާއި ބޭއްވެމުންދާ ގާތްކަމުގެ މައްޗަށެވެ. ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ލިބިފައިވާ އެންމެ މުހިންމު އަދި ދެމެހެއްޓެނިވި ސަލާމަތީ ގެރެންޓީ ހިމެނިފައިވަނީ އ.ދ ގެ ޗާޓަރުގައެވެ. އެމް ޑީ ޕީ އިން ޤަބޫލުކުރާގޮތުގައި ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ހައްޤު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ’ ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ އ.ދ. ގެ ޗާރޓަރއަށާއި، ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ އެކިއެކި މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ. މިގޮތުން ބަވަނަވެފައިވާ ދުނިޔެއެއްގައި ހިމެނޭ ޤައުމެއްގެ ހައިސިއްޔަތުން ބައިނަލްއަޤްވާމީ އިތުރު މުއާހަދާތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން ސޮއިކޮށް ތަންފީޒު ކުރުމުގެ މުހިންމު މަސައްކަތްތައް އެމްޑީޕީން ކުރިޔަށް ގެންދާނަމެވެ.