ފަތުރުވެރިކަން

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެންމެ ފުޅާ ގޮތެއްގައި އާންމުންނަށް ހިއްސާވާގޮތަށް ކުރިއަރުވައި ރައްޔިތުންގެ ބައިވެރިވުން ފަތުރުވެރިކަމުގައި އިތުރުކުރުން

އެމްޑީޕީގެ އިގްތިސާދީ ތަރައްގީގެ އެއް ސިޔާސަތަކީ ޓޫރިޒަމްގެ ސިނާއަތް ޑައިވެރސިފައިކުރުމެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ގެސްޓްހައުސް ފަދަ ފަތުރުވ ހިންގުން އިތުރުކޮށް ‘އައިލަންޑް ޓޫރިޒަމް’ ތައާރަފްކޮށް ފުޅާކުރުމަކީ އެމްޑީޕީގެ ސިޔާސަތެކެވެ. މިސިޔާސަތުގެ މައިގަނޑު މަގްސަދުތަކަކީ ޓޫރިޒަމުން ލިބޭ އާމްދަނީ އެންމެ ފުޅާ ގޮތެއްގައި އާންމުންނަށް ހިއްސާވާގޮތަށް އަދި ޓޫރިޒަމްކުރިއެރުވުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ، އިގްތިސާދީ ފައިދާއާ ޒުވާނުންނަށް ވަޒީފާ ލިބުމުގެ އިތުރުން ޑޮމެސްޓިކް ޓޫރިޒަމް ތަރައްގީވުމުން ދިވެހި އާއިލާތަކަށް މިފަދަ ރަށްރަށަށް ޗުއްޓީހޭދަކޮށްލަން ގޮސް އާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިވުމާ، ރަށްރަށުގެ އުމްރާނީ ތަރައްޤީ ކުރިއަރާ އަދި ހާއްސަކޮށް މިހާރަށްވުރެ ބޮޑަށް އިންސާނީ ވަސީލަތްތައް ބިނާކޮށް އިތުރުކުރުމަށް ބޭނުންވާ ތަމްރީނާ އެހީ ލިބޭނެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ. އައިލަންޑް ޓޫރިޒަމްގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެކަމާ، ޓޫރިޒަމާ ގުޅުންހުރި ސިނާއަތްތައް ކަމަށްވާ އަތްތެރި މަސައްކަތާ، ދަނޑުވެރިކަމާ، އަދި މެދު ފަންތީގެ ވިޔަފާރިކުރުމަށް ބޭނުންވާ ވެށި ގާއިމްކުރެވި އެކަންތައްތައް މިހާރަށްވުރެ ފުޅާވެ މިސިނާއަތްތަކުން ވަޒީފާ އިތުރުވެގެންދާނެކަމަށް އެމްޑީޕީން ދެކެއެވެ. ހަމައެހެންމެ ތާރީހީ މުހިއްމު ތަންތަން އާމްދަނީ ލިބޭނެ ވަސީލަތްތަކަށްވެ، އެފަދަ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމަށް އާމްދަނީ ލިބިގެންދާނެއެވެ. އަދި ކައުންސިލްތަކަށް އެހީތެރިކަން ފޯރުވާ، ފަތުރުވެރިކަމުގެ ސިނާއަތަށް ފޯކަސްކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގާ ޒުވާނުން މިދާއިރާއަށް އަހުލުވެރިކުރާނެއެވެ.

ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކާ ގެސްޓްހައުސްތަކާ ސަފާރީ ޔޮޓްތައް މާކެޓް ކުރުމަށް ބައިނަލް އަގްވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުގައި މާކެޓިންގް ހަރަކާތްތައް ކުރިއަށް ގެންގޮސް، ރާއްޖޭގެ އިމޭޖް ކުރިއަރުވަން މަސައްކަތްކޮށް، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލް އަގްވާމީ ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރެވޭނެއެވ. އައިލަންޑް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މިސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާއިލާއާއެކު ރަށުގައި ތިބެގެން ވަޒީފާއަދާކުރެވި، ކުރިން ވަޒީފާގެ ފުރުސަތު ނުލިބިފައިވާ އެތަކެއް ޒުވާނުންނަކީ ޒިންމާދާރު ހަމަ އިސްކޮޅަށް ތެދުވެވިފައިވާ އުފެއްދުންތެރި ބަޔަކަށް ވެގެންދާނެއެވެ.