އެމްޑީޕީ ސަރުކާރުގައި ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް އާސަންދަ އެކުލަވާލުން
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މެނިފެސްޓޯ އެކުލަވާލަން ކުރެވުނު މަސައްކަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ރައްޔިތުން އެންމެ ކަންބޮޑުވާ އެއް ކަމަކަށް ފާހަގަކުރެވުނީ ބޭސް ފަރުވާއާ ސިއްހީ ޚިދުމަތް ލިބުމުގެ ދަތިކަމެވެ. އެގޮތުން ގިނަ ފަރުވާތަކެއް ރާއްޖޭގައި ކުރެވެން ނެތުމާ، ފަރުވާގެ އަގު ބޮޑުވުމުން ބޭސް ފަރުވާކުރުމަށް މާލީ އެހީ ހޯދަންޖެހުމާ، ރަށްރަށުގައި އާދައިގެ ފަރުވާ ހޯދުމަށްވެސް ދަތުރުކޮށް އެތަކެއް ހޭދައެއް ކުރަންޖެހުމާ، ސިއްހީ ދާއިރާގައި ދިވެހިން މަދުވުމަކީ މެނިފެސްޓޯ އެކުލަވާލެވުމުގެ މަސައްކަތްކުރުމަށް ރަށްރަށަށް ދަތުރުކޮށް ދޮރުން ދޮރަށް ހިނގުމުން ރައްޔިތުން ހިއްސާކޮށްފައިވާ ބައެއް ކަންބޮޑުވުންތަކެވެ.
އެމްޑީޕީގެ ސިޔާސަތަކީ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތް ހޯދުމުގައި ހުރި ތަފާތުތައް ކުޑަކުރުމާ، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހޯދައިދިނުމެވެ. ރައްޔިތުންގެ ކިބައިގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، ބައިނަލް އަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަގުހެޔޮ އަދި ހުރިހާ ރައްޔިތުންނަށްވެސް ފަސޭހައިން ލިބޭނެ އިޖްތިމާއީ ސިއްހީ ނިޒާމެއްގެ ދަށުން ސަރުކާރާ އަމިއްލަ ފަރާތްތަކާ ހިއްސާވެގެން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން ސިއްހީ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިން އިތުރު ކުރުމަށް ތައުލީމީ ފުރުސަތުތައް ހޯދާދިނުމާ، ތަމްރީން ޕްރޮގްރާމްތައް ހިންގުމާ، ރާއްޖޭގެ އެކި ހިސާބުގައި މަތީ ފެންފަރުގެ ޓަރޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމާ، ޓެލެމެޑިސިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ، ދިވެހި ބަދީލީ ބޭސްވެރިކަން ދިރުވާ އާލާކުރުމަށް އެމްޑީޕީ ސަރުކާރަކުން މަސައްކަތްކުރާނެއެވެ.
ސިއްހީ ދާއިރާއިން މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ވަރަށް ހަލުވިކަމާއެކު އިތުރުވުން ކަމުގައި ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ. ވަރލްޑް ހެލްތް އޯގަނައިޒޭޝަންގެ 2014ގެ ކަންޓްރީ ރިޕޯޓުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ %80 އަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. ދިރުއުޅުމުގެ ދުޅަހެޔޮ އާދަތަކެއް ދެމެހެއްޓުމަށް ބޭނުންވާ ރަނގަޅު މައުލޫމާތާއި އެކަމަށް ފަހިވާ މާހައުލެއް ރައްޔިތުންނަށް ޔަޤީންކޮށްދީ، ޅައުމުރުން ފެށިގެން ހަރަކާތްތެރިވެ ހެލިފެލިވެ އުޅުމަށް ބާރު އެޅުމަކީ އެމްޑީޕީގެ ސިއްހީ ސިޔާސަތުގެ މުހިއްމު ލަނޑުދަނޑިއެކެވެ. އަދި ހަމައެހެންމެ ޑެންގީފަދަ އެކި ދުވަސްވަރު ފެތުރޭ ގައިންގަޔަށް އަރާ ބަލިތައް ފެތުރިގެން ދިއުމުގެ ކުރިން ރައްކާތެރި ފިޔަވަޅު އަޅާ، ޓީބީ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް އިސްކަމެއްދޭނެއެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރޭ އައު ގައިންގަޔަށް އަރާ ބަލިތައް ރާއްޖެއާ ހަމައަށްވެސް ވާސިލްވަމުން ދާތީ، މިބަލިތަކުގެ ސަރވެއިލަންސް ނިޒާމް ހަރުދަނާކޮށް ފެތުރެމުންދާ ބަލިތަކުން ރައްކާތެރިވުމަށް ބައިނަލް އަގްވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް އިސްކަންދީ ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކަން އުފައްދާ އެހީތެރިކަން ފޯރުވޭނެ މަގުތައް ފަހިކުރާނެއެވެ.
ސިއްހީ ޚިދުމަތް އެންމެނަށް ފޯރުކޮށްދިނުމަށްޓަކައި އެމްޑީޕީ ސަރުކާރުންވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ސިއްހީ އިންޝުއަރަންސް ނިޒާމް ތައާރަފްކޮށްފައެވެ. އާސަންދައިގެ ޚިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަކީ އެމްޑީޕީގެ އަމާޒެކެވެ. 2012ގައި އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްފަހު، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓި، މިސްރާބު އޮޅިފައިވީ ނަމަވެސް، އެމްޑީޕީ ސަރުކާރަކުން މިމަޝްރޫއުތައް ކުރިއަރުވާ، އާސަންދައިގެ ހިދުމަތަކީ ހަގީގަތުގައިވެސް ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުމުގެ ހިތްދަތިކަމުން ސަލާމަތްކޮށްދޭ ނިޒާމެއްކަން ޔަގީންކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފެށިފައިވާ މަޝްރޫއުތައް ހަމަމަގަށް އަޅުވާނެއެވެ. އަދި ސިއްހީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް މަސައްކަތްކޮށް، ސިއްހީ ޚިދުމަތްދިނުމުގައި ތައުލީމާ ތަމްރީން ލިބިފައިވާ ގިނަ ދިވެހިންގެ ބައިވެރިވުމާ ހިއްސާ ޔަގީންކުރާނެއެވެ.