ހދ.ކުޅުއްދުއްފުށީ އެމް.ޑީ.ޕީ ކޭމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވާ 2 އެކްޓިވިސްޓުންނާއި އަދި އެނޫންވެސް އެހެން ދާއިރާތަކަށް ނިސްބަތްވާ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާތީ، އެކަން ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ކުރަމުންދާ ރިޔާސީ އިންތިޚާބުގެ ކޭމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ މި ޕާރޓީގެ އެކްޓިވިސްޓުން، ބަޣާވާތް ކޮށްގެން ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް އަރާހުންނެވި ޢަބްދުﷲ ރިޔާޒުގެ އަމުރަށް، ފުލުހުން ހިފާހައްޔަރުކުރަމުން ގެންދާތީއާއި މިގޮތުން ހދ.ކުޅުއްދުއްފުށީ އެމް.ޑީ.ޕީ ކޭމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވާ 2 އެކްޓިވިސްޓުންނާއި އަދި އެނޫންވެސް އެހެން ދާއިރާތަކަށް ނިސްބަތްވާ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާތީ، މި ޕާރޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ ގެ ފަރާތުން ރިޔާސީ ކެމްޕޭން ފޯރީގައި ކުރިޔަށްގެންދާއިރު، ޢަބްދުﷲ ރިޔާޒުގެ އަމުރަށް މި ޕާރޓީގެ އެކްޓިވިސްޓުން އެގޮތަށް ހިފާ ހައްޔަރުކުރަމުން ގެންދަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެގެން ނުވާ ދޮގު އިލްޒާމުތަކެއްގެ މައްޗަށްކަން ފާހަގަކުރަމެވެ. މިގޮތުން ހދ.ކުޅުއްދުއްފުށިން ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިވަނީ ވެސް ޢަބްދުﷲ ރިޔާޒުގެ އަމުރަށް އެދާއިރާގެ އެމް.ޑީ.ޕީ އޮފީހަށް ފުލުހުން ވަދެ، އެމީހުންގެ ކޭމްޕޭނާ ގުޅޭ ޑޭޓާތައް ހުންނަ ލެޕްޓޮޕްތަކާއި އެހެނިހެން ސާމާނާއެކުގައެވެ. މިކަމަކީ އެމް.ޑީ.ޕީ އިން ކުރަމުންގެންދާ ރިޔާސީ ކެމްޕޭނަށް ހުރަސްއަޅައި މި ޕާރޓީގެ ހީވާގި އެކްޓިވިސްޓުންނަށް ބިރުދެއްކުމުގެ ގޮތުން ޢަބްދުﷲ ރިޔާޒު ހިންގަމުން ގެންދާ އަމަލުތަކެއްކަން ފާހަގަކުރަމެވެ.

ރިޔާސީ ކެމްޕޭނާ ގުޅުވައިގެން އެމް.ޑީ.ޕީގެ އެކްޓިވިސްޓުން ހައްޔަރުކުރަމުން ގެންދާއިރު އެނޫން ޕާރޓީތަކުން މާބޮޑަށް ސާބިތު ހިފޭގޮތަށް ޣައިރު ޤާނޫނީ ކަންކަންކޮށް، އަދި ރިޝްވަތު އޮޑިތައް ފޮނުވާ، އަދި ހަމައެހެންމެ ފައިސާ ބަހާފައިވާކަން ފެންނަން އޮތްއިރު، އެބާވަތުގެ އެއްވެސް މައްސަލައެއް ޢަބްދުﷲ ރިޔާޒު ބައްލަވާފައި ނުވާކަން އެންމެހައި ރައްޔިތުންނަށް ސާފުވެވަޑައިގެންފައިވެއެވެ.

އެއްވެސް ހަމައެއް އުސޫލެއް ނެތް ގޮތަށް ޢަބްދުﷲ ރިޔާޒު މިފަދައިން އަމަލުކުރަމުންދާ ސަބަބަކީ އޭނާއަކީ ބަޣާވާތުގެ ބައިވެރިއަކަށް ވާތީއާއި އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައި އޭނާ ނުރުހޭ ރިޔާސީ ކެންޑިޑޭޓަކަށްވާނަމަ ފާޅުގައި އެންޓި ކެމްޕޭން ކުރައްވާ ބޭފުޅެއްކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ގެ ތަޙުޤީޤުން ވެސް ސާބިތުވާ ބޭފުޅަކަށްވާތީއާއި، އެހެންކަމުން އެބޭފުޅާއަކީ ޤާނޫނާ މުޅިން ޚިލާފުވެފައިވާ ބޭފުޅެއްކަމަށްވާތީކަމުގައި ދެކެމެވެ.

ވީމާ، އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާވެގެން ނުވާ މައްސަލައަކާ ގުޅިގެން ހދ.ކުޅުއްދުއްފުށިން ހައްޔަރުކޮށްފައިވާ އެމް.ޑީ.ޕީ ގެ 2 އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށާއި އަދި އެނޫންވެސް ނާއިންސާފުން ހައްޔަރުކޮށްފައިވާ މި ޕާރޓީގެ އެހެނިހެން އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށާއި، މި ޕާރޓީން ކުރަމުންގެންދާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޢަބްދުﷲ ރިޔާޒު ހުރަސްއަޅުއްވަމުން ގެންދަވާ ގެންދެވުން ވަގުތުން ހުއްޓާލުމަށް މި ޕާރޓީން ގޮވާލަމެވެ.

11 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް