ޓީވީއެމް އާއި ޤައުމީ ޔުނިވާރސިޓީއާ ގުޅިގެން ބޭއްވި “ރިޔާސީ ބަހުސް” ޕްރޮގްރާމްގައި ރައިސް މުޙައްމަދު ނަޝީދު އެ ބަހުސްގައި އެހެން ހުރިހާ ކެންޑިޑޭޓުންގެ މައްޗަށް ވަރަށް ބޮޑަށް ކުރިހޯއްދަވާފައިވާކަމާއި ރައްޔިތުންގެ ތާއީދު އެމަނިކުފާނަށާއި އެމްޑީޕީއަށް މާބޮޑަށް އިތުރުވެއްޖެކަން ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ކޮމެންޓްތަކުން އެކަނިވެސް ހާމަވެގެން ހިގައްޖެކަން މިޕާރޓީން އުފަލާއެކު ފާހަގަކުރަން

noosbayan

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ޓީވީއެމް އާއި ޤައުމީ ޔުނިވާރސިޓީއާ ގުޅިގެން މިރޭ (1 ސެޕްޓެމްބަރ2013 ގައި) ބޭއްވި “ރިޔާސީ ބަހުސް” ޕްރޮގްރާމްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު އެ ބަހުސްގައި އެހެން ހުރިހާ ކެންޑިޑޭޓުންގެ މައްޗަށް ވަރަށް ބޮޑަށް ކުރިހޯއްދަވާފައިވާކަމާއި ރައްޔިތުންގެ ތާއީދު އެމަނިކުފާނަށާއި އެމްޑީޕީއަށް މާބޮޑަށް އިތުރުވެއްޖެކަން ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ކޮމެންޓްތަކުން އެކަނިވެސް ހާމަވެގެން ހިގައްޖެކަން މިޕާރޓީން އުފަލާއެކު ފާހަގަކުރަމެވެ.

އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން އަނެއް 3 ކެންޑިޑޭޓުން ޤައުމުގެ މައްސަލަތަކުގެ ވާހަކަދެއްކެވިއިރު، ދިގު ތިރީސް އަހަރު ފާއިތުވީ އިރުވެސް އެ ތިރީސް އަހަރުގެ ވެރިކަމަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓުންނަނަށް ވެސް އެމައްސަލަތައް ޙައްލުކުރެވިފައި ނުވާކަމާއި އަދި މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރުގައި އެ 3 ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވާއިރު ރައްޔިތުންނަށް ތަރައްޤީއެއް ހޯދާނުދެއްވައި އަދި އެމް.ޑީ.ޕީ ގެ ސަރުކާރުން ފަށައި ހިންގަމުން ގެންދިއަ ހުރިހާ ތަރައްޤީގެ ޕްރޮޖެކްޓެއް އެ 3 ކެންޑިޑޭޓުންވެގެން ހުއްޓާލާފައިވާކަން ރައްޔިތުން ޤަބޫލުކުރާކަން ސޯޝަލް މީޑިއާގެ ކޮމެންޓްތަކުގައި ހާމަކޮށްފައިވެއެވެ.

އެއާ ޚިލާފަށް އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ 3 އަހަރު ދުވަހުގެ ވެރިކަމުގައި ވެވަޑައިގެން ވައުދުތައް ފުއްދަމުން ގެންދެވިކަން ވަރަށް ސާބިތުކަމާއެކު މިސާލުތަކުން ހާމަކޮށްދެއްވައި، އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގައި ރައްޔިތުންނަށް ކޮށްދެއްވާނޭ ކަންތައްތައް ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައިވާތީ އެކަމަކީ ރައްޔިތުން އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓުދީގެން ހޮވާނޭ ސަބަބުކަން ސޯޝަލް މީޑިއާގެ ކޮމެންޓްތަކުން ހާމަކޮށްފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރާނީ އެމް.ޑީ.ޕީ ކަމާމެދު ރައްޔިތުން ޔަޤީންކުރާކަން އެގެއެވެ.

2 ސެޕްޓެމްބަރ 2013

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް