“ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުރިހާ ގެއަކަށް” ހޮނިހިރު ދުވަހު ….

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ޒިޔާރަތްކުރުމަށް “ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުރިހާ ގެއަކަށް” ވަނުމަށް ހޮނިހިރު(31 އޯގަސްޓް 2013) ދުވަހު ހެނދުނު9:30 ގައި ފެށޭނެއެވެ. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހޮނިހިރު ދުވަހު ދޮރުން ދޮރަށް ހިނގުން ކުރިއަށް ދާނެއެވެ.

މި މަސައްކަތުގައި އެމްޑީޕީގެ ފަރާތުން ވޯޓުލާދުވަހުގެ ކަންތައް ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ވޯޓުލުމާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު އަރުވާ ހުރިހާކަމެއް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ.

މާލޭގައި މިމަސައްކަތް ކުރިއަށް ދާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުވެސް ދޮރުން ދޮރަށް ހިންގަވާނެއެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއެކު ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަށް ވަކާލާތު ކުރާ ޕާޓީއެކެވެ. އެހެންކަމުން ވީހާވެސް ގިނަ އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތެރިންނާއި އެމްޑީޕީއަށް ތާއީދުކުރާ ހުރިހާ ބޭފުޅުންވެސް މިމަސައްކަތުގައި ބައިވެރިވެވުމަކީ އެމްޑީޕީގެ އެދުމެކެވެ.