އިންތިޚާބާއި ގުޅޭ ޝަކުވާ އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ 7 ޝަކުވާއެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޔާސީ އިންތިޚާބަށް ކަނޑައަޅައިފައިވާ “ކޮމްޕްލެއިންޓްސް ކޮމިޓީ”އިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ހ)ގައި ވާގޮތުން “ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް މަސައްކަތް ކުރުމުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ” ކަމަށް ބުނެފައިވާ ހިނދު އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ހުށަހެޅި 7 ޝަކުވާ ތަހުގީގުކޮށް ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވެއެވެ.

މިގޮތުން ޝަކުވާގެ ގޮތުގައި ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި 23 ޖޫން 2013 ގައި ސ. ހިތަދޫއަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ “ވާލި” ދޯނިން ލެޕްޓޮޕާއި، ޓީވީ، އެއަރކޮންޑިޝަނަރ، ސްމަރޓްބޯޑް ޝިޕްމަންޓެއް ގެންދިޔަ މައްސަލަ ޝަކުވާގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައެޅިފައެވެ. އަދި އެޝިޕްމަންޓް ގެންގޮސް އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކަށް ބަހާފައިވާތީ އެއީ މި ކެމްޕެއިންގެ ތެރޭގައި އިންސާފުން އެއްކިބާވެފައިވާ ކަމެއްކަމަށް ބެލެވޭތީ އެކަންތައް ތަހުގީގުކޮށް ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން 19 ޖޫން 2013ގައި ބޭއްވުނު ‘މުޅި ހެންވޭރު އެއްބުރުން’ ޖަލްސާގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށް ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ސައިކަލުގައި ޖަލްސާ ބޭއްވުނު ސަރަހައްދަށް ވަދެ ބަރުގޮނު އެޅުމާއި 23 ޖޫން 2013ގައި ށ،ރ،ލ އަތޮޅު ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި ބިސް އުކާއި ތަނަށް ގެއްލުން ދިނުން ހިމެނެއެވެ.

އަދި 7 އޮގަސްޓް 2013ގައި ލ. ފޮނަދޫގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކު ކެމްޕެއިން ބިލްބޯޑް ހަރުކުރަން އުޅުމުން ރަށު ކައުންސިލުން އެކަން ނުކުރެވޭނެކަން އަންގައި އެކަން ހުއްޓުވި މައްސަލަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައިވެއެވެ. އެހެންމަވެސް ލ. ފޮނަދޫގައި އެހެން ޕާޓީތަކުގެ ބިލްބޯޑް ހަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި 20 އޮގަސްޓް 2013 ގައި ޅ. ނައިފަރު ރަށު ކައުންސިލުން ވޯޓުލުމަށް ހަމަޖެހިފައިވާ މަރުކަޒާއި ޖެހިގެން ހުރި އިމާރާތް މޯލްޑިވްސް ޕޮލސް ސަރވިސްއަށް ފުލުހުން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ދީފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައިވާ އަނެއް ޝަކުވާއަކީ 19 ޖޫން 2013ގައި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައި އަބްދުﷲ ރިޔާޒްއަށް ލިބިފައި އޮތްކަމަށް ބުނާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައިފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ފުލުހުންގެ ގާނޫނާއިވެސް ޚިލާފަށް ޓްވީޓް ކުރައްވައިފައިވާ މައްސަލައެވެ. ހަމައެހެންމެ 20 ޖޫން 2013ގައި ފޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ޑިފެންސް މިނިސްޓަރާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެމްޕެއިން ޓީމް އާއި އެކު މަތިންދާބޯޓެއްގައި ތިއްބެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައިވެއެވެ. މިފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ޓްވިޓާ އެކައުންޓުންނެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ އިންތިޚާބާއި ޝަކުވާތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލައި ޕާޓީއަށް ހުށައެޅޭ މައްސަލަތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި މިނިވަން އިންތިޚާބަކަށް ހަދައި ރައްޔިތުންނަށް ލިބޭ ވޯޓު ދިނުމުގެ ހައްގު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އެމްޑީޕީގެ އަމާޒެކެވެ.