އޮނަރަބްލް އިބްރާހިމް ޙުސެން ޒަކީ އާއި، ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް ސިޔާސީ ދައުވާތަކާއި ތަޙްޤީޤްތައް ކުރަމުންދާދިއުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރު އޮތްއިރު އެމަނިކުފާނުގެ ސްޕެޝަލް އެންވޯއި އޮނަރަބްލް އިބްރާހިމް ޙުސެން ޒަކީ އާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ޕާރލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޙާމިދު ޢަބްދުލްޣަފޫރާއި އަދި މިނޫންވެސް މި ޕާރޓީގެ އެކި އެކި މަޤާމުތަކަށް އިންތިޚާބުކުރެވިފައިވާ ފަރާތްތަކުގެ މައްޗަށް ރިޔާސީ އިންތިޚާބު ކުޑަތަންވެ، ކޭމްޕޭން ބާރަށް ކުރިޔަށް ގެންދާ ދަނޑިވަޅާ ދިމާކޮށް، ކޭމްޕޭންތަކަށް ހުރަސްއެޅޭގޮތަށް ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ސިޔާސީ ތަޙްޤީޤްތަކާއި ދަޢުވާތައް ކުރަމުންގެންދާތީ މި ޕާރޓީން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިހާރުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މިހާރު މިއޮތް ސަރުކާރުން ހިންގި އަމަލެއްކަމަށް ބެލެވޭގޮތަށް، އަދި އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅިފައިވާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ނުކުރެވޭނޭކަމަށް މަޖިލީހުގެ ޤަވާޢިދުގައި ސާފުކޮށް ބަޔާންކޮށްފައިވާހިނދު، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު އެ ޤަވާޢިދާ ވެސް ޚިލާފަށް ހައްޔަރުކޮށްފައިވާތީ، އެކަމަކީ މިހާރު މިއޮތް ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގި ޖަރީމާއެއްކަން އޭރުވެސް ފާހަގަކުރެވިފައިވެއެވެ.

ރައިސް ނަޝީދުގެ ސްޕެޝަލް އެންވޯއި އޮނަރަބްލް އިބްރާހިމް ޙުސެން ޒަކީ އާއި، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު ހދ. ހޮނޑައިދޫގައި ތިއްބަވަނިކޮށް، ޕްރައިވެޓް ރަށަކަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ކަނޑުމަގުން ފުލުހުން އެރުމަކީ ކުރިން އަމަލުކުރަމުން ދިއަ ގޮތަކަށް ނުވާހިނދު، ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެރަށަށް ކަނޑުމަގުން އަރައި އެބޭފުޅުންނަށް ބޮޑެތި އަނިޔާކޮށް އަދި ހައްޔަރުކޮށް އަދި ފަހުން ދޫކޮށްލުމަށްފަހު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މި ދަނޑިވަޅާ ދިމާކޮށް އޭގެ ތެރެއިން ބައެއް ބޭފުޅުންގެ މައްޗަށް ކޯޓަށް ދަޢުވާ އުފުލައި އަދި އަނެއްބައި ބޭފުޅުންގެ މައްޗަށް ތަޙްޤީޤް ހިންގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް، މިގޮތްތަކަށް ސަރުކާރުން އަމަލުކުރަމުން ދާދިއުމުން ވެސް މި ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްގެން އުޅޭ ދައުވާތަކެއްކަން އެނގެއެވެ. އަދި މިދަނޑިވަޅުގައި އެގޮތަށް ސަރުކާރުން އަމަލުކުރަމުން އެގެންދަނީ މި ޕާރޓީން ކުރަމުންގެންދާ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ހުރަސްއެޅުމުގެ ބޭނުމުގައިކަން ވެސް އެނގެއެވެ.

އަދި މީގެ އެތައް އަހަރުތަކެއް ކުރިން 2006 ވަނަ އަހަރު އައްޑޫއިން ފުރައިގެން މާލެ އައުމަށް މަޝްހޫރު “ނަމޫނާ ” ދޯނިން ދަތުރުކުރި ކުރުމަކީ ކުށެއްކަމަށްބުނެ އެމް.ޑީ.ޕީ ގެ އައްޑޫ ސިޓީގެ ސެކްރެޓެރީ ޖެނެރަލް އަދި ހިތަދޫ މެދު ދާއިރާގެ ކެމްޕޭން މެނޭޖަރ އިބްރާހިމް ސޮބްރީގެ މައްޗަށް އެމައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް މި ދަނޑިވަޅުގައި ކޯޓު އަމުރެއް ނެރެ އޭނާ ހައްޔަރުކުރަން އުޅޭއުޅުމަކީ ވެސް އެއްވެސް ހަމަޔަކަށް ނުފެތޭ ކަނޑައެޅިގެން މިހާރު އަމަލުކުރެވޭ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފު އަމަލެއްކަމާއި އަދި އެއީ އިބްރާހިމް ސޮބްރީއަށް ބިރުދެއްކުމަށާއި މި ޕާރޓީގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ބޭނުމުގައި މިހާރު މިއޮތް ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގައި މި ޕާރޓީން ސިފަކުރަމެވެ. އަދި މިނޫން ވެސް މި ޕާރޓީގެ އެތަކެއް މެމްބަރުންގެ މައްޗަށް މި ދަނޑިވަޅުގައި ސަރުކާރުން ދައުވާކޮށް އަދި ހިފާ ހައްޔަރުކުރަމުން ގެންދާކަން ފާހަގަކުރަމެވެ.
އެހެންކަމުން އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ސަރުކާރުން ނުކުރުމަށާއި، އަދި މި ޕާރޓީން ކުރަމުންގެންދާ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ހުރަސް އެޅުން ހުއްޓާލުމަށް މި ޕާރޓީން ސަރުކާރަށް ގޮވާލަމެވެ.

25 އޯގަސްޓް 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް