ނޫސްބަޔާން: ރާއްޖޭގައި ކުރެވިފައިހުރި ބޮޑެތި އިންވެސްޓްމަންޓްތައް ސަރުކާރުން ފޭރިގަތުމަށް ސިޔާސީ ހަތުރުވެރިކަމާ ޣައިރު ގާނޫނީ ބާރުވެރިކަން އިސްކޮށްގެން އެހިންގާ ޢަމަލުތައް އެންމެ މަތީދަރަޖައިގާ ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-38
ތާރީޚް: 30 މެއި 2013 (ބުރާސްފަތި)

ރާއްޖޭގައި ކުރެވިފައިހުރި ބޮޑެތި އިންވެސްޓްމަންޓްތައް ސަރުކާރުން ފޭރިގަތުމަށް ސިޔާސީ ހަތުރުވެރިކަމާ ޣައިރު ގާނޫނީ ބާރުވެރިކަން އިސްކޮށްގެން އެހިންގާ ޢަމަލުތައް އެންމެ މަތީދަރަޖައިގާ ކުށްވެރިކުރުން

ރާއްޖޭގައި ކުރެވިފައިހުރި ބޮޑެތި އިންވެސްޓްމަންޓްތައް ސަރުކާރުން ފޭރިގަތުމަށް ސިޔާސީ ހަތުރުވެރިކަމާ ޣައިރު ގާނޫނީ ބާރުވެރިކަން އިސްކޮށްގެން އެހިންގާ ޢަމަލުތައް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ މަތީދަރަޖައިގާ ކުށްވެރިކުރަމެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ދިވެހި ކުންފުންޏެއްކަމުގައިވާ ޔޮޓް ޓުއަރސް (ޕްރައިވެޓް ލިމިޓެޑް)ގެ ދެ އިންވެސްޓްމަންޓް ކަމުގައިވާ އަލިދޫ ރިޒޯޓާއި ކުޑަރަށް ރިޒޯޓް ސަރުކާރަށް ނެގުމަށް ނޯޓިސް ދިން މައްސަލާ ވަނީ އެކުންފުނިން ސިވިލް ކޯޓަށް ހުށައަޅާފައެވެ. ޝަރުއީ މަރުހަލާތައް ފުރިހަމަނުވެއޮތް މައްސަލާއެއްގައި ޣައިރުގާނޫނީ ބާރުވެރިކަން އިސްކޮށްގެން އެދެރިޒޯޓް ސަރުކާރަށް ނެގުނީ ކަމުގައި އަންގާފައި އެވަނީ، ޔޮޓް ޓުއަރސް (ޕްރައިވެޓް ލިމިޓެޑް)ގެ އިސް މާލުވެރިޔާ، އެމްޑީޕީގެ ޕާލިއަމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރު، މި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާތީއާއި ރައްޔިތުންގެ މަޖިލީހުގައްޔާއި އާންމުކޮށް ސިޔާސީ ހުރިހާ ދާއިރާއެއްގައި އެމަނިކުފާނު މިޕާޓީއަށްޓަކައި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކާމެދު ސިޔާސީ ހަތުރުވެރިކަމާ ހަސަދަވެރިކަން ކޮޅުންލައިގެން ކަމުގައި މި ޕާޓީއިން ދެކެމެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދުގެ ނާއިބު ރައީސްއަކަށް ކުރިން ހުންނެވި ޑރ. މުހަންމަދު ވަހީދު ކަނޑައެޅިގެން ހަރާމް ގޮތްގޮތުން އަރާވަޑައިގެން އެހުންނެވި ވެރިކަން ދެމެހެއްޓެވުމަށްޓަކާ އެ ގެންދަވަނީ މިރާއްޖޭގައި ކުރެވިފައިހުރި އިންވެސްޓްމަންޓްތަކަށް ސަރުކާރުން ބުރޫއެރުވުމާ ސިޔާސީ ވާދަވެރިންގެ މުދާ ފޭރިގަތުން އެއީ އިންޒާރުތައްކަމުގައި ހައްދަވައިގެން، މިގައުމުގެ ބައިތުލްމާލު ލޫޓުވާލައްވައިގެން ހުންނަވައި މިޕާޓީގެ މެމްބަރުންނަށް ލާއިންސާނީ އަދި އަގަލުކުޑަ އެތަކެއް އަނިޔާކުރައްވަމުންނެވެ. މިފަދަ ޢަމަލުތަކަކީ ރާއްޖޭގައި ކުރެވިފައި ހުރި އެހެން ބޮޑެތި އިންވެސްޓްމަންޓް ތަކަށާއި ރިސޯޓް ހިންގަވާ ފަރާތްތަކަށާއި ވެރިކަމުއަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު ގަބޫލުވެނުލައްވާ ކޮންމެ ފަރާތަކަށް އަމާޒުކުރައްވާ އިންޒާރެއްކަމުގައި ބެލެވެއެވެ. މިފަދަ އަގަލުކުޑަ ޢަމަލުތަކާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިޕާޓީގެ އެންމެހައި ކޮމީޓީ ތަކުންނާއި ފަންނީ ދާއިރާތަކުން އިރާދަފުޅާއެކު މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގައި ހާމަކުރަމެވެ.

ރާއްޖޭގައި ކުރެވިފައިހުރި ބޮޑެތި އިންވެސްޓްމަންޓް ތައް ސަރުކާރުން ފޭރިގަތުމަށް ސިޔާސީ ހަތުރުވެރިކަމާ ޣައިރު ގާނޫނީ ބާރުވެރިކަން އިސްކޮށްގެން ހިންގާ ޢަމަލުތަކާ ދެކޮޅަށް މި ރާއްޖޭގެ ގާނޫނީ މުއައްސަސާތަކުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވުމަށާއި، ނިހާއީ ގެއްލުންތައް ސިޔާސީ ވާދަވެރީންނަށް މެދުވެރިކުރުމުގެ ގަޞްދުގައި މިހާރުގެ އަނިޔާވެރި ސަރުކާރުން އެހިންގާ އަގަލުކުޑަ ޢަމަލުތައް ވަގުތުން ހުއްޓުވުމަށް މިޕާޓީއިން އިލްތިމާސްކުރަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް