ނޫސްބަޔާން: ބަޣާވާތުގެ ވެރިޔާ ޑރ. މުހަންމަދު ވަހީދަށް މަރުހަބާ ކިޔުމުގެ އެއްވެސް ކަމެއްގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވުމަކީ އެދެވިގެންވާ ކަމެއް ނޫން

noosbayan

ނަންބަރު:MDP-2013-PR-32
ތާރީޚް: 30 އޭޕްރީލް 2013 (އަންގާރަ)

ބަޣާވާތުގެ ވެރިޔާ ޑރ. މުހަންމަދު ވަހީދަށް މަރުހަބާ ކިޔުމުގެ އެއްވެސް ކަމެއްގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވުމަކީ އެދެވިގެންވާ ކަމެއް ނޫން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދުގެ ނާއިބު ރައީސް އަކަށް ކުރިން ހުންނެވި ޑރ. މުހަންމަދު ވަހީދު ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ބޮޑުވެގެންވާ ހަރާމް ޢަމަލުތަކެއް ހިންގަވައިގެން އަދި މާތްރަސްކަލާނގެ ގަންދެއްވައި ކުރެއްވި ހުވަޔާ ފާޅުގަ ޚިލާފްވެވަޑައިގެން، ދިވެހި ރާއްޖޭގައި ގާއިމްކުރެވިފައި އޮތް ގާނޫނީ ޑިމޮކްރެޓިކް ސަރުކާރާއި އެސަރުކާރުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އާއި ދެކޮޅަށް ރަހުމްކުޑަ އަދި އަނިޔާވެރި ބަޣާވާތެއް ހިންގަވައިގެން ވެރިކަމު އަރާވަޑައިގަންނަވާފައެވެ.

ކަނޑައެޅިގެން ހަރާމް ގޮތްގޮތުން އަރާވަޑައިގެން އެހުންނެވި ވެރިކަން ދެމެހެއްޓެވުމަށްޓަކާ ލާއިންސާނީ އަދި އަގަލުކުޑަ އަނިޔާކުރެއްވުމުގެ ޢަމަލުތައް އެތައް ރައްޔިތުންނަކާ ދެކޮޅަށް އެގެންދަވަނީ ހިންގަވަމުންނެވެ. އެއީ އިންޒާރުތައްކަމުގައި ހައްދަވައިގެން، މިގައުމުގެ ބައިތުލްމާލު ލޫޓުވާލައްވައިގެން ކުރީގެ ނާއިބުރައީސް ޑރ. މުހަންމަދު ވަހީދު މިހާރު އެކި ރަށް ރަށަށް އެ އަރާވަޑައިގަންނަވަނީ ދައުލަތުގެ ވަޞީލަތްތައް ގާނޫނާ ޚިލާފަށް ބޭނުންކުރައްވައިގެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭނުކުރައްވާށެވެ. ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް ފާޅުގައި ހަރާމްކޯރުވެވަޑައިގެން ހުންނަވައި މިހިންގަވާ ގާނޫނާ ޚިލާފް ޢަމަލުތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން އެންމެ މަތީ ދަރަޖައިގާ ކުށްވެރި ކުރަމެވެ.

އެހެންކަމުން ވެރިކަމުއަރާވަޑައިގެން އެހުންނެވި ޑރ. މުހަންމަދު ވަހީދު އެއްވެސް ރަށަކަށް ވަޑައިގެންނެވުމުން، މަރުހަބާ ކިޔުމުގެ އެއްވެސް ކަމެއްގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވުމަކީ އެދެވިގެންވާކަމެއްނޫނެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް