ބާޣީންގެ ކަށްވަޅު ބާޣީންގެ އަމިއްލަ އަތުން ކޮންނަމުންދާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ބާޣީންގެ ކަށްވަޅު ބާޣީންގެ އަމިއްލަ އަތުން ކޮންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ “ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރު”ގެ އިފްތިތާހީ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އަލީ ރިޒާ ވިދާޅުވީ މިލަންދޫ އަކީ ށ. އަތޮޅުގެ އެންމެ އާބާދީ ބޮޑޫ ރަށް ނަމަވެސް 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގައި އެކެހެރިކޮށްފައިވާ ރަށެއް ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި މިލަންދޫއަށް ވަރަށް ބޮޑު ތަރައްގީއެއް ގެނެސްފައިވާ ކަމަށެވެ.
އަލީ ރިޒާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދަވާ ކަމަށާއި، މިލަންދޫގެ ރައްޔިތުން އެކަން ގަބޫލުކުރާ ކަމަށެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުގައި ބަސްބުނިހިނދުން ފެށިގެން ހީވެސް ނުކުރާހާ އަވަހަށް މިލަންދޫގެ ތަރައްގީގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވައުދުގެ ދަތުރުގެ މުހިންމު ކަމާއި ބެހޭ ގޮތުން ވެސް އަލީ ރިޒާ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން މި ދަތުރަކީ އެމްޑީޕީން ކުރި ވައުދުތައް ފުއްދިފައިވާ މިންވަރު ދެނެގަތުމާއި، ވައުދު ނުފުއްދި ހުރި ނަމަ އެ ވައުދެއް ނުފުއްދި ވަނީ ކީއްވެގެންތޯ ދެނެގަތުމަށާއި، ރައްޔިތުން އިތުރަށް ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށް ކުރާ ދަތުރެއް ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މިލަންދޫ އެމްޑީޕީ މެންބަރުން ވަނީ މިނިވަން މީޑިއާ އެއްގެ ގޮތުގައި ރާއްޖެޓީވީ ކުރަމުންދާ މަސައްކަތާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ހަނދާނީ ހަދިޔާ ދީފައެވެ.