އިންނަމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާނީ ހުސައިން ޝާފިއު

ރ.އިންނަމާދޫ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ރ.އިންނަމާދޫ އޯޝަންވިލާ ހުސައިން ޝާފިއު ކަމުގައި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ކަނޑައަޅައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބާއި ބެހޭ ފޯކަލް ޕޮއިންޓް އަހުމަދު އަކުރަމް ވިދާޅުވީ ހުސައިން ޝާފިއުގެ އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، މާދަމާ ޝާފިއުގެ ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ލިބިވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން ހއ.ވަށަފަރު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ނަން ވެސް ވަރަށް އަވަހަށް އިއުލާންކުރެވޭވަރު ވާނޭ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 16 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަހު އެވެ.