މާދަމާ އޮންނަ އިންތިހާބު ތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ގޮވާލައްވައިފި

އަޕްޑޭޓް ކުރީ: ރާމިޒް

މާދަމާ އޮންނަ ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމުގައި އުޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ ތަރައްގީއަށް ޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވާ އެބޭފުޅުން ހޮއްވެވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމުގައެވެ. އެއީ ތަރައްގީގެ ޕްލޭނެއް އޮވެ އެއަށް މަސައްކަތް ކުރަނީ ހަމަ އެކަނި އެމްޑީޕީން ކަމުގައި ވާތީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއިން ކުރިމަތިލާފައިވާ 3 ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

މ އަތޮޅު ކައުންސިލް މުލަކު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލާފައިވަނީ އެރަށު ހެޕީނާސް އިބްރާހިމް ލަތީފް ކެންޑިޑޭޓް ނަމްބަރ 2 އެވެ. ލ މާބައިދޫގެ ރަށު ކައުންސިލަށް ކެންޑިޑޭޓް ނަމްބަރ 1 އެރަށު ފިނިހިޔާގެ އަބުދުﷲ ރަޝީދު ކުރިމަތި ލައްވާފައިވާއިރު ފ ބިލެތްދޫ ރަށުކައުންސިލަށް ކުރިމަތިލާފައިވަނީ ކެންޑިޑޭޓް ނަމްބަރ 2 އެރަށު ޗާންދަނީވިލާ ރަމްޒީނާ އަފީފު އެވެ.

މާދަމާ ހެނދުނު 8 ން ހަވީރު 16:00 އަށް މި އިންތިހާބުތަކުގެ ވޯޓުލުން ކުރިޔަށް ދާނެއެވެ.