އެމް ޑީ ޕީ ގެ ވައުދުގެ ދަތުރަށް ހުރަސް އެޅޭގޮތައް ކުރަމުން ގެންދާ ކަންތައްތައް ހުށްޓުވުމަށް ފުލުހުންނަށާއި ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

އެމްޑީޕީން މިހާރު ދެކުނަށް ކުރަމުންގެންދާ ވަޢުދުގެ ދަތުރަށް ހުރަސް އެޅޭގޮތަށް ބައެއްފަރާތްތަކުން ކުރަމުންގެންދާ ކަންތައްތައް ހުށްޓުވައިދިނުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ފުލުހުންނަށާއި ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ގޮވައިލައްވައިފިއެވެ.

މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން ދެކުނަށް ކުރަމުންގެންދާ ދަތުރަކީ ވަރަށް ބޮޑެތި ތައްޔާރީތަކެއްވެ، އަދި އެހާމެ ރޭވުންތެރިކަމާއި އެކު ކުރިޔަށް ގެންދާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުން އެމްޑީޕީއަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދު ބޮޑުކަން ހާމަވެގެން ދާކަމަށާއި ، އެކަމާހުރެ ބައެއް ސިޔާސީ ޕާޓީ ތަކުގެ ބޭފުޅުންނަށް ކެތްނުކުރެވިގެން އުޅުއްވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދަތުރަށް ޖެއްސުންކޮށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަށެވެ. އަދި ރާއްޖޭގެ ގިނަރަށްތަކުގައި ގިނައީ އެމްޑީޕީގެ މެމްބަރުންކަމަށާއި، އެފަދަ ރަށްތަކަށް އެހެން ސިޔާސީ ޕާޓީ ތަކުން ދިޔުމުން އެމްޑީ ޕީގެ މެމްބަރުން ނިކުމެ އެގޮތައް ކަންތައް ކޮށްފިނަމަ އެފަރާތްތައް ކޮންޓްރޯލް ކުރަން އަޅުގަނޑުމެންނަށް އުނދަގޫ ވާނޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށާއި އެހެންކަމުން ހުރަސްއެޅުމަށް ކުރަމުންގެންދާ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންނަށާއި ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ގޮވާލާ ކަމަށެވެ.

” މި ދަތުރުތަކުން ރާއްޖޭގެ ރައްޔިތުންގެ ތާއީދު ބޮޑީ އެމްޑީޕީއަށް ކަން ހާމަވެގެން އެބަދޭ، އެހެންވެ މިކަން ބަލައިގަންނަން އުދަގޫވާ ސިޔާސީ ޕާޓީ ތަކުގެ ބޭފުޅުން ދަތުރަށް ޖެއްސުން ކުރަމުން މިދަނީ، މިފަދަ ފަރާތް ތަކުން ދަތުރަށް ހުރަސް އެޅޭ ގޮތަށް ކުރަމުން ގެންދާ ކަންކަން ހުށްޓުވައިދިނުމަށް ފުލުހުންނަށާއި ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ގޮވާލަން. އަޅުގަނޑު ކަންބޮޑުވަނީ ރާއްޖޭގެ ގިނަރަށްތަކުގައި މެޖޯރިޓީ އޮތީ އެމްޑީޕީ އަށް ކަމަށްވެފައި އެފަދަރައްތަކަށް އެޕާޓީތަކުން ދިޔާމާ އަޅުގަނޑުމެންގެ މެމްބަރުން ނިކުމެދާނެތީ، އޭރުން އުދަގޫވާނެ އަޅުގަނޑުމެންނަށް އެމީހުން ކޮންޓްރޯލްކުރަން، އެހެންވެ މިގޮވާލަނި އެކަން ތަކުރާރުވިޔަ ނުދޭން. ” މޫސަ ވިދާޅު ވިއެވެ.