ކޯނީގެ މެންބަރުކަމުން ގަހާ ސައީދު އިސްތިއުފާ ދެއްވައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ)އަށް ރައީސް މުހަންމަދު ނަޝީދުގެ ފަރާތުން ކަނޑައެޅުއްވި މެންބަރު ގަހާ ސައީދު މިއަދު އެކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ސައީދު ވިދާޅުވީ ކޯނީގެ މެމްބަރުކަން ގަބޫލު ކުރެއްވީ އެ ކޮމިޝަނުގެ މަސައްކަތުން އިންސާފުވެރި ގޮތުގައި ހަގީގަތް ބަޔާން ކުރެވޭނެ ކަމަށް އޭރު ގަބޫލުކުރައްވާތީ ކަމަށާއި، އެފަދަ އާ ވައްތަރެއްގެ ބަޣާވާތެއް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކެއް ރިކޮމެންޑް ކުރެވި ކުށްކުރި ފަރާތްތައް ދެނެގަނެ އެމީހުންނާ މެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމޭނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށާއި، ނަމަވެސް ކޯނީގެ މަސައްކަތްތަކުން އެފަދަ އެއްވެސް ކަމެއް ހާސިލު ކުރެވިފައިނުވާ ކަމަށެވެ.

ގަހާ ސައީދު އިސްތިއުފާ ދެއްވި ސަބަބެއް ކަމުގައި ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ހެކީގެ ގޮތުގައި ހިމެނުމަށް އެކިއެކި ފަރާތްތަކުން ލިބިފައިވާ ވީޑިއޯއާއި އޯޑިއޯ އާއި ފޮޓޯ އާއި، ލިޔުމާއި، އިންޓަވިއުތައް ، ކޯނީގެ ރިޕޯޓުގައި ހިމަނާފައި ނުވާތީ ކަމަށެވެ. އަދި ކުށްކުރި މީހުންނާއި ކުށުގެ ބާވަތާ މިވާހަކަތައްވެސް ރިޕޯޓުގައި ލިޔުމަށް ކޯނީގެ އެހެން މެންބަރުން އެއްބަސް ނުވާތީ ކަމަށާއި އެކުށްކުރި މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން އެމީހުން ބޭނުން ނުވާތީ ކަމަށެވެ.