އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އިސްތިއުފާ އާ މެދު އަލުން ވިސްނާވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) ގޮވާލައްވައިފިއެވެ.
7 ފެބްރުއަރީގެ އެމްއެންޑީއެފްގެ އޮޕަރޭޝަން ލިބަޓީ ރިޕޯޓުގައިވާ މައުލޫމާތަށް ބައްލަވައި، ރައީސް ނަޝީދުގެ އިސްތިއުފާއާ މެދު އިތުރު ފައިސަލާއެއް ކުރެއްވުމަށް ގޮވާލައްވައި އިބޫ ފޮނުއްވި މި ސިޓީގައިވާ ގޮތުން އެ ރިޕޯޓުގެ 4.2.11، 4.2.12، 4.2.13 މި ތިން ނުކުތާއިން، ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބު ކުރި ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް އާ ދެކޮޅަށް، ސަލާމަތީ ބާރުތަކުގެ ބައެއް ފަރާތްތަކުން ނިކުތް ކަން ހާމަވެގެން ދާކަމަށާއި، އަދި، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަމްރު މައުރޫފާއި ދެކޮޅަށް، ސަލާމަތީ ބާރުތަކުގެ ހުވަޔާ ޚިލާފަށް، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ދެކޮޅަށް، އެބައިމީހުންގެ އަމަލުތައް ބަހައްޓަން ފެށި “ވަގުތު” ހާމަވެގެންދާ ކަމަށާއި، އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވި “ވަގުތު” ހާމަވެގެން ދާ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.
“ވީމާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ލިޔެވި ރިކޯޑް ކުރެވިފައިވާ “އެމް.އެން.ޑީ.އެފް. އޮޕަރޭޝަން ލިބަޓީ ޝީލްޑް ރިޕޯޓް” ގައިވާ މަޢުލޫމާތުތައް ބައްލަވައި، 7 ފެބްރުއަރީގައި މަނިކުފާނަށް ލިބިލެއްވި އަތުލިޔުނު ސިޓީ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ދައްކަވައި ނިންމެވި ނިންމެވުމާ ދޭތެރޭ، މިދެންނެވި މަޢުލޫމާތުގެ އަލީގައި އިތުރު ފައިސަލާއެއް ކުރެއްވުމަށް ދަންނަވަމެވެ.” އިބޫގެ ސިޓީގައިވެއެވެ.
މީގެ އިތުރުން 7 ފެބްރުއަރީއަށް ފަހު މިއަދާ ހަމައަށްވެސް ރާއްޖޭގެ ރައްޔިތުން އިންތިޚާބު ކުރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނު އިސްތިއުފާ ދެއްވީ ބައެއް ސިޔާސީ ފަރާތްތަކާއި، ބައެއް ވިޔަފާރިވެރިންނާގުޅި، ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެމަނިކުފާނާއި ދެކޮޅަށް ތެދުވެ ހިންގި ބަޣާވާތަކުން، ފެނުނު ޤާނޫނާއި ޚިލާފު އަމަލުތަކުން މަޖުބޫރީ ޙާލަތެއް މެދުވެރި ކުރުވައިގެން ކަމަށް ވެސް މި ސިޓީގައި އިބޫ ވިދާޅުވެފައިވެއެވެ.