އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވި އިރު، ނައިބު ރައީސް ކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވި އިރު، ނައިބު ރައީސް ކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިމަހުގެ 28 ވާ ހޯމަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަމަވިއިރު، ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިހާރުގެ ވެސް ރައީސް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ( ކާނަލް) އާއި، މިހާރުވެސް ނައިބު ރައީސްގެ މަގާމް ފުރުއްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިހާރު ވެސް އެ މަޤާމް ފުރުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު އެކަނި ކުރިމަތިލައްވާފައިވާއިރު، ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް ކުރިމަތިލައްވާފައިވަނީ ވެސް މިހާރު ވެސް އެ މަޤާމް ފުރުއްވާ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް އެވެ. އަދި ވިޕުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ވެސް މިހާރު ވެސް އެ ގްރޫޕްގެ ވިޕުންގެ ގޮތުގައި ތިއްބެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އާއި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގަވައިދުގައިވާ ގޮތުގެ މަތިން އެ ގްރޫޕްގެ ނައިބު ރައީސުންގެ ގޮތުގައި ދެ ބޭފުޅުން އަދި ވިޕުންގެ ގޮތުގައި 3 ބޭފުޅުން އިންތިޚާބުކުރަން ޖެހެއެވެ.