މާފަރު ކައުންސިލްގެ ރައީސް އަންވަރު އަބްދުލްޣަނީ އެމްޑީޕީން ވަކިކުރުމަށް ނިންމައިފި

maafaru1

މާފަރު ކައުންސިލްގެ ރައީސް އެމްޑީޕީގެ މެމްބަރު އަންވަރު އަބްދުލްޣަނީ، އެމްޑީޕީގެ ރޫހާ ޚިލާފަށް ގިނަކަންތައް ތަކެއް ކުރަމުންދާތީ އޭނާ އެމްޑީޕީން ވަކިކުރުމަށް މިއަދު ނިންމައިފިއެވެ.

އެމްޑީޕީ ގެ ފިޔަވަޅުއަޅާ ކޮމިޓީން މިއަދު މި ގޮތަށް ނިންމާފައިވަނީ އަންވަރު އަބްދުލްޣަނީ ޕާޓީގެ ރޫހާ ޚިލާފަށް ގިނަކަންތައް ތަކެއް ކުރަމުންދާކަމަށް ބުނެ މާފަރުން މިހާތަނަށް ގިނަ ޝަކުވާތަކެއް ލިބި، އެ ޝަކުވާތަކާއި ގުޅިގެން ޕާޓީގެ ޗެއަރ ޕާސަން އާއި ޕާޓިގެ ނާއިބު ރައީސް އަދި ޕާޓީގެ ސެކްރެޓަރީޖެނެރަލް އެކިފަހަރުމަތިން އޭނާ އަށް ގުޅައި، ނަސޭހަތްތެރިވެފައިވީ ނަމަވެސް އެކަމަށް އިޖާބަދީފައި ނުވާތީ އާއި، އަދި ޕާޓީންދޭ އެ ނޫންވެސް އިރުޝާދުތަކާ އެއްގޮތަށް އަބުދުލް ޣަނީ އަމަލްކޮށްފައި ނުވާތީ ކަމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ބުނެއެވެ.

އެ ގޮތުން ކައުންސިލް ބައްދަލުވުން ތަކުގައި ޑީ އާރުޕީ އާއި އެއްކޮޅަށް ވޯޓުދިނުމާއި، އެމްޑީޕީގެ ރޫޙާއި ޚިލާފްވަމުންދާތީ މާފަރު އެމްޑީޕީ މެންބަރުންގެ މަސްލަޙަތަށްޓަކައި، އަންވަރު އަބްދުލްޣަނީ މާފަރު ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް އެދި އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ، ފޮނުވި ސިޓީއަށް އިޖާބަ ނުދިނުމާއި، އެމްޑީޕީއަށް ތާއީދު ހޯދަން ކުރަންޖެހޭ ކަންތައްތަކުގައި ބައިވެރިނުވެ، ޕީޕީއެމް ގެ ކެންޑިޑޭޓާއި އެކު ޑޯޓުޑޯއަށް ހިނގުމާއި، މިވަގުތު އޮތް ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމުގެ ޕެޓިޝަނުގައި ސޮއި ނުކުރުމުގެ އިތުރުން މާފަރު ކައުންސިލުގެ ޑީއާރުޕީ މެމްބަރު ވިދިވިދިގެން 7 ޖަލްސާއަށް ހާޒިރު ނުވުމުންވެސް އޭނާ ކައުންސިލުން ވަކިކުރުމަށް ވޯޓު ނުދިނުން ހިމެނެއެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާމިނަތު ޖަމީލްގެ އިތުރުން، ޝުޢައިބު ޢަލީ (ފުރަހަނި ޝުޢައިބު) އެވެ. މި ކޮމިޓީގެ މުޤައްރިރަކީ އަލްހާން ފަހުމީއެވެ.

މާފަރު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ 3 ކައުންސިލަރުންނެވެ.