އެމްޑީޕީގެ އަންހެން މެންބަރުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ ދަރުބާރުގޭގައި އޮންނާނެ

މި ބައްދަލުވުން ފެށޭނީ 10 ޖަހާއިރު

mdp-bodhu-muzaahiraa-19-2-2012-2461

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެން މެންބަރުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ ދަރުބާރުގޭގައި އޮންނާނެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވީ މިރޭ ބާއްވާ ބައްދަލުވުމަކީ މިހާރު އެމްޑީޕީން ކުރިޔަށް ގެންދާ ސުލްހަވެރި އެއްވުމުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމާއި، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުން އެ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކެމްޕެއިންކުރުމާއި، ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ވައްޓާލާފައިވީ ނަމަވެސް އެ ބަޣާވާތާއި ބެހޭ ސައްޙަ މައުލޫމާތު ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ އަންހެނުންނަށް ލިބިފައިނުވާ ކަމަށް ފާހަގަކުރެވޭތީ، އެފަދަ ފަރާތްތަކަށް ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް އަތޮޅުތަކަށް ދަތުރުކުރުމާއި، އަދި މިފެށޭ މާރޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށް ވުމާއެކު އެ ދުވަސް ފާހަގަކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މިރޭގެ ބައްދަލުވުން ފެށޭނީ 10 ޖަހާއިރުއެވެ.