މިހާރުގެ ރައީސް ކަމަށް ބުނާ ޑރ.ވަޙީދު ކުރެއްވި ހުވާގެ ސައްޙަ ކަމާމެދު ޙިސާން ސުވާލު އުފައްދަވައިފި

dharubaaruge-10-02-12-1571

މިހާރުގެ ރައީސް ކަމަށް ބުނާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ކުރެއްވި ރައީސް ކަމުގެ ހުވާގެ ސައްޙަ ކަމާމެދު ރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދުގެ ލީގަލް އެފެއަރޒް ސެކްރެޓަރީ ޙިސާން ޙުސައިން ސުވާލު އުފައްދަވައިފިއެވެ.

ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެމްޑީޕީގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ޙިސާން ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގެ ޖަދުވަލު 1 ގައި އެކިއެކި މަޤާމުގެ ހުވައި އޮންނަ އިރު އެ ހުވާ ގައި “އަހުރެން” ވިދާޅުވުމަށްފަހު ހުވައި ކުރައްވާ ބޭފުޅެއްގެ ނަން ވިދާޅުވާން ޖެހޭނޭ ކަމަށާއި، އެހެން ނަމަވެސް މިހާރުގެ ރައީސް ކަމަށް ބުނާ ޑރ.ވަޙީދު ހުވައިކުރެއްވިއިރު އެމަނިކުފާނުގެ ނަން ވިދާޅު ނުވާތީ އެ ހުވައަކީ ސައްޙަ ހުވައެއް ކަމާއި މެދު ސުވާލުއުފެދޭ ކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވައި ގައި ވަނީ ” އަހުރެން …….. (މީހާގެ ނަން) …… އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.”

ނަމަވެސް މިހާރުގެ ރައީސް ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ގަބޫލުކުރާ ޑރ.ވަހީދު، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބަހައްޓަވައިގެން ހުވާކުރެއްވިއިރު ހުވައިގައި އެމަނިކުފާނުގެ ނަންފުޅު ވިދާޅުވެފައެއް ނުވެއެވެ.

ރޭގެ ޖަލްސާގައި ޙިސާން ވިދާޅުވީ ޑިމޮކްރަސީއެއް ގައި ސަރުކާރެއް ބަދަލުވާން އޮންނަނީ ވޯޓަކުން ކަމަށާއި، ވޯޓެއް ނުނަގައި އިންތިޚާބެއް ނުބާއްވައި ސަރުކާރު ބަދަލުވެއްޖެއޭ ނުބުނެވޭނޭ ކަމަށެވެ. ” އެހެން ކަމުން ބަޣާވާތެއް ނުގެންނަމޭ ސަރުކާރު ބަދަލުވެއްޖެއޭ އެއް ނޭވައަކުން ނުބުނެވޭނެ.” ޙިސާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކެބިނެޓް ސެކްެރެޓަރީގެ މަސްއޫލިއްޔަތުވެސް ފުރުއްވަމުން ގެންދަވާ ޙިސާން ވިދާޅުވީ ރައީސް އިސްތިޢުފާދެއްވުމަށް މަޖުބޫރުކުރުވި ދުވަހު ރައީސް އޮފީހަށް ރައީސް ވަޑައިގެންނެވި އިރު، ބާޣީންގެ ޙައިސިއްޔަތު ފިޔަވައި އެހެން އެއްވެސް ޙައިސިއްޔަތެއް ނެތް 3 މީހަކު ރައީސްގެ ކާރުކޮޅު ވަށާލާފައި ތިބި ކަމަށެވެ. އަދި ރައީސް ނަޝީދު ކެބިނެޓާ ބައްދަލުކުރެއްވީ ވެސް މީޓިންގ ރޫމްގައި ކަމަށް ޙިސާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޙިސާން ވިދާޅުވީ ރައީސްގެ އިސްތިޢުފާގެ ސިޓީ ލިއުއްވި އިރު، އެންމެ އަރިހުގައި ތިބީ އެ 3 މީހުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިސްތިޢުފާގެ ސިޓީއެއް ރަސްމީ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިނުވާނޭ ކަމަށެވެ.

ރައީސް އޮފީހަށްއައި ބާޣީންގެ ޙައިސިއްޔަތު ނޫން އެހެން އެއްވެސް ހައިސިއްޔަތެއްނެތް 3 މީހުންނަކީ ކުރީގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކަމަށްބުނާ، ކުރީގެ ކާނަލް މުހައްމަދު ނާޒިމާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު ކަމަށް ބުނާ، އަދި ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކަމަށް ހިސާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް ވަނީ އެމްއެންޑީއެފްގެ އެ ތެރޭގެ ވީޑިއޯއެއް ލީކް ކޮށްލުމާއި، ފުލުހުންގެ މަރުކަޒުގައި ހުރި ޝީލްޑްފަދަ ތަކެތި އާންމުން ހިތުހުރި ގޮތަކަށް ބޭނުންކުރުމަށް ދޫކޮށްލާފައި އޮތް އޮތުމާއި، އެ ދުވަހު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ކަމަށްވާ މާރިޔާ އަޙުމަދު ދީދީ އާއި އީވާ އަށް ފުލުހުން ކުރި އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.