ނޫސް ބަޔާން: އެމްޑީޕީ މަތިވެރި ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

މިދިވެހިރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމާއި، އެނިޒާމަކީ ރައްޔިތުންގެކިބައިން ފެށިގެން ރައިސުލްޖުމުހޫރިއްޔާ އާއި ހަމައަށް ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އެކުލަވާލެވިފައިވާ ނިޒާމަކަށް ވީހިނދު، އެމަނިކުފާނު ރައްޔިތުންގެ ވެރިކަން އަދުލުއިންސާފާއެކު ޤާއިމުކުރުމަށްރާއްޖޭގެ ޤާނޫނުއަސަސީގައި ވާގޮތަށް 3 ބާރުގެ މައްޗަށް ދައުލަތް އެކުލަވާލައި، ވެރިކަން ހިންގާން ފެއްޓެވުމުން، އެބާރުތަކަށް ލިބިދީފައިވާ ބާރު އެއްބާރާއި، އަނެއްބާރާއި މަސްހުނިވެ، ކޮންމެބާރަކީ ވަކިސަރުކާރަކަށް ހެއްދެވުމަށް އެލިބިފައިވާ ބާރުގެތެރެއިން ހައްދުފަހަނައަޅައި، މަސައްކަތްތައް ކުރައްވަންފެއްޓެވުމުން، ދައުލަތުގެ އެގްޒެކެޓިވް ބާރަށް އެމުއައްސަސާތައް ހަމައަކަށް އެޅުއްވުމަށްޓަކައި، އެއީ މުއައްސަސާއަކަށްވިޔަސް އަދި ފަރުދަކަށްވިޔަސް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރުމުގެ ބާރު، ޤާނޫނު އަސާސީގެ 115ވަނަ މާއްދާއިން ރައީސުލްޖުމުހޫރިއްޔާއަށް ލިބިގެންވާކަމަށް ޤަބޫލުކުރަމެވެ.

ޚާއްސަކޮށް އަދުލުއިންސާފުގެ ނިޒާމު ފުރަތަމަ މަރުހަލާގައި މިޤާނޫން އަސަސީގެ ހައްދާއި، އިމުންބޭރުގައި ވަކިބައެއްގެ މެޖޯރިޓީ މަޖިލީހުގައި ބާއްވައިގެން ނަހަމަގޮތުގައި އުފައްދާފައިވާ ކޯޓުތަކާއި، ޖުޑިޝަރީން، ޝަރުތުހަމަނުވާ ޤާޟީންތަކެއް ދާއިމީކުރުމުގެ ސަބަބުން އަދުލު އިންސާފު ޚަރާބުވެފައިވާކަން ފާހަގަކުރެވެއެވެ. ވުމާއެކު އެނިޒާމު ހަމަމަގަށް އެޅުއްވުމަށްޓަކައި، ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެކަމެއް ކުރުމަކީ ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ވާޖިބެއްކަމަށް ދެކޭ ހާލު މި އަމަލު ކުއްވެރިކޮށް މިކަން ހަމަމަގަށް އެޅުއްވުމަށް މި ދާއިރާގެ ފަރާތުން ދައުލަތުގެ ކަމާއިބެހޭ ހުރިހާ މުޥައްސަސާއަކަށް ގޮވާލަމެވެ.

އަބުދުﷲ ޤާޟީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން އިދިކޮޅުފަރާތްތަކުން ސިލްސިލާކޮށް މާލޭގެ އަމަންއަމާންކަން ނަގާލުމަށްޓަކައި ކުރަމުންގެންދާ މުޒާހަރާތައް ކުއްވެރިކޮށް އެ މުޒާހަރާތަކުގެ ސަބަބުން ރައްޔިތުންނާއި، ސަރުކާރަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އިދިކޮޅު ފަރާތްތަކުން ނަންގަވަން ޖެހޭކަމުގައި މި ދާއިރާއިން ދެކެމެވެ. އެފަރާތްތަކަށް އެކަމުގެ ޙައްޤު އަދަބު ދެވެންޖެހޭނެ ކަމަށް ގަބޫލުކުރަމެވެ.

ފާޅުގައި ބަޣާވާތްކުރުމަށް ގޮވާލައި، ސިފައިންގެ ވާޖިބުތަކަށް ހުރަސް އަޅުއްވައި، އެމުޥައްސަސާގެ ހުރުމަތް ކެނޑޭގޮތަށް އެބޭފުޅުންނަށް ރިޝްވަތުދިނުމަށް ގޮވާލައި، ސިފައިންނާއި ވެރިންނާއި ޖެހޭގޮތަށް ވާހަކަދައްކަވަމުން ގެންދަވާ ހުރިހާ ފަރާތްތަކެއް މިހާރުން މިހާރަށް ހިފަހައްޓައި ހައްޔަރު ކުރުމަށް ޤައުމީ ސަލާމަތާއިބެހޭ ބާރުތަކަށް މި ދާއިރާގެ ފަރާތުން ގޮވާލަމެވެ.

ދީނުގެ ނަމުގައި ކަމަށް ބުނެ ދީން ބައިބައި ކުރުމަށް ހައްދުފަހަނައަޅާފައިވާ އަދާލަތު ޕާޓީގެ ބައެއް އިސްވެރިން އެކިދުވަހު އެކި ވާހަކަ ދައްކަވައި ދީންހަތިޔާރަކަށް ހަދައިގެން ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު މަގުމަތިން ވައްޓާލުމަށް ގޮވާލާގޮވާލުންތައް ކުއްވެރިކުރާ ހާލު މިދެންނެވި ފަސާދަކުރައްވާ ބޭފުޅުންގެ ސަބަބުން، ދަންނަބޭކަލުންގެ އަބުރަށް ހުތުރުއަރުވާ ބޭފުޅުން ވެސް ވަގުތުން ވަގުތަށް ހައްޔަރުކުރުމަށް ސަލާމަތާއި ބެހޭ ފަރާތްތަކަށް މަތިވެރި ދާއިރާގެ ފަރާތުން ގޮވާލަމެވެ.

އަޅުގަނޑުމެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް އިޙުލާސްތެރިކަމާއިއެކު މިދަންނަވަނީ މަނިކުފާނުގެ ފަހަތްޕުޅުގައި ޖިހާދަށް ނިކުންނަން ޖެހުނަސް ނުކުތުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އަޅުގަނޑުމެން ދުނިޔޭގެ ތާރީޚުން ދެކިފައިނުވާ ވަރުގެ ހިތްވަރުފުޅު ވަރުގަދަ، މިޤައުމަށާއި ރައްޔިތުން ދެކެލޯބިވާ ޑިމޮކްރަސީގެ ބާނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އަޅުގަނޑުމެންގެ ހިތުގެ އިޚްލާސްތެރި ޝުކުރާއި، އަސްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އަޅުގަނޑާއި އަޅުގަނޑުގެ ދާއިރާ މަނިކުފާނުގެ ފަހަތްޕުޅުގައި އެންމެ ފަހުމީހާއާއި ޖެހެންދެން އޮތްކަމުގެ ފުރިހަމަ ޔަޤީންކަން މަނިކުފާނަށް އަރުވަމެވެ. އަޅުގަނޑަށް މިހާރު މިދިވެހިރައްޖޭގެ ރައްޔިތުންނަށް ވަރަށް ކައިރި މުސްތަޤުބަލެއްގައި ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީ މާ ފޮޅުވާ، އަނެއް ދިވެހިރާއްޖޭގެ މަންޒަރު ފެންނަކަހަލައެވެ.

ބަޔާން ނެރުނީ: ސަޢީދު ޙަސަން – އެމްޑީޕީ މަތިވެރި ދާއިރާގެ ރައީސް