ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނީ ހުރިހާ މުއައްސަސާއަކުން ވިސްނައިގެން!

ފުނަމާ

މިއަދު ރާއްޖޭގެ އާބާދީ މިދަނީ އިތުރުވަމުންނެވެ. މީހުންގެ އުމުރު ދިގުވެ ، ދާމިންވަރަކުން އާބާދީ އިތުރުވެގެން ދާނެކަމީ ޝައްކެއްނެތި އެނގޭ ކަމެކެވެ. އެހެންކަމުން ރައްޔިތުންގެ ފައިދާއާއި ، ލާބައާއި ، ކުރިއެރުމަށް ، ދައުލަތުން އެތައްގިނަ ޚަރަދުތަކެއް ކުރާންޖެހޭނެވެސް މެއެވެ. ކުރިޔާ ޚިލާފަށް ތައުލީމަށާ ، ސިއްހަތަށް ، އެކަނި މިއަދު މިކުރަމުން ގެންދާ ޚަރަދު ތަކަކީވެސް އިންތިހާއަށް ބޮޑެތި ޚަރަދު ތަކެކެވެ. ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ބުނިކަމުގައި ވީނަމަވެސް މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ސީދާގޮތުގައި ކުރެވޭ ޚަރަދުތަކަކީ މީގެކުރީގެ އެއްވެސް ޒަމާނެއްގައި ވެރިކަމަކުން ، މިގައުމުގެ ރައްޔިތުންނަށް ކުރާން ޚިޔާލުވެސް ކޮށްފައި ނުވާފަދަ ޚަރަދުތަކެކެވެ. އަދި ސަރުކާރުން އެވިދާޅުވަނީ އަދިވެސް ، އަދިވެސް އިތުރުކުރާނެ ވާހަކައެވެ. މިއަދަކު އެކަން ނުކުރާނެޔޭ ބުނާކަށް ލަދެއްހުރި އެކަކަށްވެސް ނުކެރޭނެއެވެ. މީގެކުރީން ނުކުރެވޭނެޔޭ ގޮވި ދޫތަކުންވެސް މިހާރު ބައެއްފަހަރު އެނޫންއެއްޗެތި ބުނާއަޑު މިދަނީ އިވެމުންނެވެ.

ކަންމިހެން އޮތްއިރު އެތަކެއް ޒަމާންވަންދެން މިގައުމުގައި ފެތުރެމުންދިޔަ ކޮރަޕްޝަނުގެ ބަލިމަޑުކަން މިއަދުވެސް މިގައުމުގެ ހުރިހައި ދިމާލެއްގައި ނެތެކޭ ދަންނަވާކަށް ނެތީމެވެ. ހަގީގަތަކީ އެބައޮތެވެ. އިންތިހާއަށް އެބައޮތެވެ. މުޅިގައުމު ކަތުރު ފަންޏެއްހެން ކަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބައިވަރެވެ. މިކަމުން ސަލާމަތް ވެވޭނީ ހަމަގައިމުވެސް މުޅިގައުމު މިކަމާ އިދިކޮޅަށް ހަނގުރާމައެއް ކޮށްގެންނެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ގައުމުގެ ކުރިއެރުން ނެތިދާ މިންވަރަށް ބޮޑުވަމުން ދާއިރު ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކުންވެސް ބަލަމުން ގެންދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޭކާރު ޚަރަދުތައް ބޮޑުކުރެވޭތޯއެވެ. މަސައްކަތްކުރާ މާހައުލު ފުރިހަމަ ކުރުމުގެ ނަމުގައާއި އެހެނިހެން ތަފާތު ޚަރަދުތައް ކޮށްގެން ހައިބަތާއި ގަދަރު ދެއްކޭތޯެއެވެ. އިތުރު މުއައްސަސާތައް އުފެއްދޭތޯއެވެ. މިއީ މިއަދު އަޅުގަނޑުމެން ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ. ބަދަލުކުރާން ވެއްޖެ ކަމެކެވެ.

މިއަދު މިގައުމުގައި ބަދަލުވެ ކުރިއަރައި ދަމުންދާ ރޭހުގެ އެންމެ ފަހަތުގައި މިއޮތީ ސިއްހީ ދާއިރާ ކަމުގައި ދެންނެވުމަކީ އެދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބުނެވޭ ކުޑައިމިސް ބަހަކަށް ނުވާނެއެވެ. އެކަމަކު ދައުލަތުގެ ބަޖެޓުން މިދާއިރާއަށް ކުރަމުން ގެންދާ ޚަރަދު ގައިމުވެސް ކުޑައެއް ނޫނެވެ. އަހަރުން އަހަރަށް މިދަނީ އިތުރު ވަމުންނެވެ. ނަމަވެސް މިކުރެވޭ ހޭދަތަކުގެ އެންމެ ފުރިހަމަ ފައިދާ ފެންނަމުން ނުދަނީ ކަންކުރާން ތިބި ބައެއްގެ އިހުމާލު މިކަމުގައި އޮތުމުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މިސާލަކަށް ބުނާނަމަ މިއަދުވެސް ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސް މާލެއާ ރާއްޖެތެރެއާ ހަމަހަމަ ވަސީލަތްތަކެއް އަދިއަކު ނެތެވެ. މާލޭގެ ސިއްހީ ދާއިރާއެއްގައި ބޭނުންކުރާ އުޅަނދެއް ނުވަތަ މެޝިނަރީއެއް ހަލާކުވުމުން ހަދާލެވޭހާ ފަސޭހައިން ރާއްޖެތެރޭގައި އެކަންކަން ކުރެވޭކަށް ނެތެވެ. މާލޭގައި އޮންނަ އެމްބިއުލެންސް އަކަށް މައްސަލައެއް ދިމާވުމުން ފަތްޖެހި އެނދުގައި ބަލިމީހުން އުފުލާކަށް ނުޖެހެއެވެ. އަދި އެމްބިއުލެންސް އަށް ލިބިފައި އޮތީ ކޮންގެއްލުމެއްކަން އޭތި ރޫޅާ ނުލަނީސް އެނގޭ ވަރުގެ މީހުން މާލޭގައި އެބަތިއްބެވެ. އެހެންކަމުން ބޭނުންވާ ކަމެއް ބޭނުން ވަގުތަކު ކޮށްލެވިދާނެއެވެ. ނަމަވެސް ރާއްޖެ ތެރޭގެ ރަށެއްގައި އޮންނަ އެމްބިއުލެންސް ނުދުވީމައި އެނގެނީ ގިނަފަހަރަށް ނުދުވިކަމެވެ. މިދެންނެވީކީ މިތަކެތި ހެދޭ ފެންވަރުގެ ނޫނީ އެނގޭ ފެންވަރުގެ މީހުން ރާއްޖެތެރޭގެ އަތޮޅުތަކަށް އުފަންވެފައި ނެތް ވާހަކައެއް ނޫނެވެ. އެފަދަ މީހަކު ހުރިއްޔާ ހުންނަނީވެސް އާމްދަނީ ހޯދުމަށް މާލޭގައެވެ. އެހެންކަމުން ރާއްޖެތެރެއިން ހަދަންގެންނަ މިކަހަލަ ކޮންމެ އެއްޗެއް މާލެގެނެސް ރޫޅާލުމުން ކުރީން ކަންޑައެޅި މަސައްކަތް ތަކުގެ ތެރެއަށް ބޮޑެތި ޚަރަދުތަކެއް އިތުރު ވެގެން އެބަދެއެވެ. ނަމަވެސް ގިނަފަހަރަށް ބަޖެޓެއް ނެތޭ ބުނެ ނިންމާލަނީ އެއްބައެވެ. އެތި ހަދައިގެން ގެންދާތާ މަސްދުވަސް ނުވަނީސް އަނެއްކާ ޖެހެނީ ޚިދުމަތަށް އަލްވަދާއު ކިޔާށެވެ. ނޫނީ ދެންކުރާންޖެހޭ ޚަރަދުތައް އިންތިހާއަށް އިތުރުވެގެން އެބަދެއެވެ. މިކަންކަމަކީވެސް ކޮރަޕްޝަންއާއި ގުޅިލާމެހިފައިވާ ކަމެކޭ ދެންނެވިދާނެއެވެ. އަޅުގަނޑު ހަމައެކަނި މިބަލާލީ ސިއްހީ ދާއިރާއަށެވެ. މިދާއިރާގައި މިއަދު އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި އެންމެންވެސް މިގޮވަނީ ގައިނީން ނެތް ވާހަކައެވެ. އެންމެ އަޅައިގަންނަނީ މިކަމުގައެވެ. ގައިނީން ނުގެނެވޭ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި މިބުނަނީ މުސާރަ ބޮޑުކަމުންނެވެ.

މިއަދު މިގައުމުގައި ޑޮލަރުގެ އަގުހުރި ގޮތުން ކޮންމެ ޑޮކްޓަރަކަށްވެސް ލިބޭ މުސާރަ މިވަނީ 20 އިންސައްތައިން ކުޑަވެފައެވެ. އެހެނީ ބިދޭސީ ޑރން ރަށަށް ގެންދާނީ ޑޮލަރު ކަމުގައި ވާތީއެވެ. ކިތަންމެ ބުންޏަސް ރާއްޖޭގައި މިހާތަނަށް ގެނެވުނު ބޮޑުހިލައާއި ކޮންކްރީޓްގެ ތަރައްގީގެ ތެރެއިން މިދާއިރާއަށް ތަރައްގީ ގެނެވިފަކާ ނެތެވެ. އެކަށީގެންވާ ވަރަށް ޑރ ން މިރާއްޖެއިން ލިބޭކަށް ނެތެވެ. އެހެންކަމުން ގެންނަން މިޖެހެނީ އެއްކަލަ އެބުނާ ބިދޭސީންނެވެ. އެހެންވެ މުސާރަ ކުޑަމީހަކު ލިބޭތޯ އެކަކު ކައިރިން އަނެކަކުގެ ކައިރިއަށް ދުވެލަ ދުވެލަ ތިބޭއިރު މާލެއާ ދުރު އަތޮޅުތަކުން ކުއްލިއަކަށް ވިހަން ތަނަށް އަރައިގެން ދެމައިންގެ ފުރާނަ ސަލާމަތް ކުރުމަށް މާލެގެނައުމަށް ގިނަފަހަރަށް މިއަނބުރާލަން ޖެހެނީ ރާއްޖޭގެ ގޮނޑުދޮށާ ސަތޭކަ މޭލުދުރުގައި އޮންނަ ކޯސްޓުގާޑުގެ އުޅަނދެކެވެ. ބަލިމީހާ މާލެގެނެވޭއިރު ހިނގާ ޚަރަދަކީ ދެމައިންގެ ފުރާނައާއި އަޅުވައި އަގުކުރެވޭނެ އެއްޗެއް ނޫންކަން އެނގެއެވެ. އެކަމަކު މިކަހަލަ ހައެއްކަ ދަތުރުން ކިތައް ގައިނީންގެ މުސާރަ ދެވިދާނެތޯ ސުވާލު ކޮށްލާން އެބަޖެހެއެވެ. ކޯސްޓުގާޑުން އެނދިޔަސް ، ސިއްހީ ދާއިރާއިން އެނދިޔަސް އެއަނދަނީ ދައުލަތުގެ ފައިސާއެވެ. ޚަރަދު ހުރެގެން ބޮޑުވަނީ ދައުލަތުގެ ބަޖެޓަށެވެ. މިއީ އެންމެ ކަމެކެވެ. މިކަހަލަ ކިތައް ކަންތައް މިގޮތަށް އެބަހިނގާ ބާވައޭ ސުވާލު ކޮށްލާހިތް ހަމަވީއެވެ. މާފުކުރަށްވާށެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނީ ހުރިހާ މުއައްސަސާއަކުން ވިސްނައިގެންނެވެ.