އެއް ރެކެޓުން ޖަހާ އެންމެ ބޯޅައަކުން 2013 ކާމިޔާބު ކުރާނަން – މޫސަ

ސަރކްސަމިޓާ ދިމާކޮށް ކާއެއްޗިއްސަށް ކޮކަޑިއަޅައި، ބޮންގޮއްވަން ބަޔަކު ރާވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

haruge-25-10-2011-251

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އާއިލާގެ ބޭފުޅަކަށް ވެސް ރާއްޖޭގެ ވެރިކަމާ ދެން ކައިރި ނުވެވޭނޭ ކަމަށާއި، އެއް ރެކެޓުން ޖަހާ އެންމެ ބޯޅައަކުން 2013 ކާމިޔާބު ކުރައްވާނޭ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވެފައިވާ ރާއްޖޭގައި ޢަދުލު އިންސާފް ގާއިމްކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން އެ ޕާޓީން ފަށާފައިވާ މަސައްކަތުގެ ދަށުން ރޭ، އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ޝަރުޢީ ދާއިރާ މިނިވަންކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތް ކާމިޔާބު ނުވަނީސް އެކަން ހުއްޓާނުލާނޭ ކަމަށާއި، އިންސާފް ހޯދުމަށް މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން ވެސް އެމްޑީޕީން ޝަރުޢީ ދާއިރާ މިނިވަންކުރާނޭ ކަމަށެވެ. އަދި ކޯޓުތަކުގައި ޢަދުލު އިންސާފުގެ ބޭރުން ކުރަމުންދާ ކަންތައްތަކާއި، ކޯޓުތަކުގައި ހުރި ކޮރަޕްޝަނުގެ ވާހަކަތައް ފުރަތަމަ ތިލަވާން ފެށީ ޚުދު އެ ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން މި ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ޢަދުލު އިންސާފް ގާއިމްކުރުމަށް ކަމަށް ވިދާޅުވަމުން މޫސަ އިތުރަށް ވިދާޅުވީ، “އަދިވެސް ފަނޑިޔާރުންނަށް ހީވަނީ މިއުޅެވެނީ ތިން ބާރު އެއްވެފައި އޮތް ނިޒާމެއް ގައި ކަމަށް. އެ ބޭފުޅުންނަށް ހީވަނީ މިއުޅެވެނީ ތިން ބާރުއެއްވެފައި އޮތް ނިޒާމެއްގައި ކަމަށް. އެ އުޅެނީ އޮޅިގެން.”

ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރަށް ބާރުލިބިގެންވާ ކަމަށާއި، ސަރުކާރަށް ލިބިފައިވާ ބާރުގެ ބޭނުންކުރެވޭނެ ގާނޫނުތައް އެބަހުރި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާ ގައި ސަރކް ސަމިޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެ ސަމިޓާ ދިމާކޮށް ކާއެއްޗިއްސަށް ކޮކަޑި އަޅައި، ބޮންގޮއްވަން ބަޔަކު ރާވާފައިވާ ކަމަށެވެ.

ރޭގެ ޖަލްސާ ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ ޙައްޤު ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ ވަގުތީ ނައިބު މުޤައްރިރު ވެސް ވާހަކަދެއްކެވިއެވެ.