2013 އިގެ އިންތިޚާބަށް ވޯޓޫ ހޯއްދަވަން މައުމޫން ތިނަދޫ އަށް ވަޑައިގެން ހުންނަވާނީ ހަނުތޯ މަޑަވެލި ދާއިރާގެ މެންބަރު ސުވާލު އުފައްދަވައިފި

އެމްޑީޕީގެ ނިޝާނަކީ ތިލަފަތް. އެ ތިލަފަތުން ރަމްޒުކޮށްދެނީ ހަމަހަމަ ކަމާއެކު އަދުލު އިންސާފް ގާއިމްކޮށްދިނުން – އަލްހާން

އިބްރާހީމް ރާމިޒް

mdp-gm

2013 އިގެ އިންތިޚާބަށް ވޯޓޫ ހޯއްދަވަން މައުމޫން ތިނަދޫ އަށް ވަޑައިގެން ހުންނަވާނީ ހަނުތޯ ތިނަދޫގެ އެންމެ ދެކުނު ސަރަހައްދު ވެސް އެ ދާއިރާއެއްގައި ހިމެނޭ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ސުވާލު އުފައްދަވައިފިއެވެ.

އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ ކޯޓުން ޤާއްސާން ގެ މައްސަލަ ނިންމާފައިވާއިރު، ނިންމާފައިވާ 2 ގޮތް ފުށުއަރާ ކަމަށާއި، ކުށެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި މީހަކު އެއް މަސް ދުވަހަށް ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ބަހައްޓަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

“ޮލިހަށް ހާޒިރުކުރީމާ ވަކީލުގެ އިޝާރާތަށް ހަނުހުރި ގޮތަށް 2013 ވަނަ އަހަރު ރާއްޖޭގެ 5 ވަނަ އަށް އެންމެ ބޮޑު އާބާދީ ކަމަށްވާ ތިނަދޫ ރައްޔިތުންގެ ކުރިމައްޗަށް ގޮސް ބައްޕާފުޅަށް ވޯޓުހޯދަން ހުންނާނީ ހަނުތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް.” ނާޒިމް ވިދާޅުވިއެވެ.

އެންދެރިމާގެ ކައިރީގައި ހުއްޓާ ލަކުޑިބުރިއަކުން ޖަހާ ބޯ ފަޅާލައި ސީރިއަސް އަނިޔާތަކެއް ދީފައިވާ ގދ. ތިނަދޫ ސެމީ، ޙުސައިން ޙަސަން އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން، އެ ގަރާރު ހުށަހެޅުއްވި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް ވިދާޅުވީ އެ މައްސަލައިގައި ޕޮލިހުން ތުހުމަތުކުރާ ފަރާތް ހައްޔަރުކުރިއިރު، އެ ތަޙްޤީގަށް ކޯޓުން ހުރަސް އަޅާފައިވާތީ ހިތާމަކުރައްވާ ކަމަށާއި، ޒަޚަމްކޮށްލު ކުއްޖާގެ އެއްފަޅި ވާގިނެތިފައިވާ ކަމަށާއި، އެހެން ކަމުން އެކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް އެމްޑީޕީން ދޭ އެއްބާރުލުމަށް ގަސަމް ޝުކުރުއަދާކުރެއްވިއެވެ.

މި މައްސަލައިގައި އިއްޔެ ގައުމީ މަޖިލީހުގައި ވާހަކަދެއްކެވި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠޯރިޤް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ވަރަކަށް މިކަމުގެ ވާހަކަ ނުދައްކާކަން މި ގަރާރުން ފާހަގަވާ ކަމަށާއި، ހަމަ މިގޮތަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަނަދޫ ގައި އެމްޑީޕީ މެންބަރުންނާ ދެކޮޅަށް ހިންގި ހަރުކަށި ޢަމަލުތަކުގައި ވެސް ހިއުމަންރައިޓްސް ކޮމިޝަން އޮތީ ހިމޭނުން ކަމަށް ޠޯރިޤް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އިމްތިޔާޒް (އިންތި) ވިދާޅުވީ ކުށުގެ ތުހުމަތަށް ކޮންމެ މީހަކު ވެސް ހައްޔަރުކުރުމުގެ ބާރު މޯލްޑިވްސް ޕޮލުސް ސަރވިސް އަށް ލިބިގެންވާ ކަމަށާއި، މި ކަމުގައި ކޯޓުތަކުން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބަށް ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށެވެ.

މި ގަރާރާމެދު ވާހަކަ ދެއްކެވި ޢަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވީ އެ ކުއްޖާގަ ބޯފަޅާލައި ސީރިއަސް ޒަޚަމްތަކެއް ދިންތާ އިއްޔެއާ ހަމައަށް 6 ދުވަސް ވީ އިރުވެސް ހިއުމަންރައިޓްސް ކޮމިޝަނަކަށް އެކުއްޖާގެ ހާލުބަލާލަން އެ ކުއްޖާއާ ހަމައަކަށް ނުދެވޭ ކަމަށެވެ. އަދި ހަމަ މި ގަރާރަށް ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ވިދާޅުވީ ގަރާރެއް ފާސްކުރުމުން ނިމުނީ ނޫން ކަމަށާއި، މި މައްސަލައިގައި މިނިވަން މުޥައްސަސާތަކާ ބައްދަލުކުރަންޖެހޭ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާ ވެސް ވިދާޅުވީ ގަސަމްގެ ގަރާރަށް ތާޢީދުކުރައްވާ ކަމަށާއި، އެ މައްސަލައިގެ ވީޑިއޯގައި ވަރަށް ރީތިކޮށް ލަކުޑިބުރި އައީ ކޮންތާކުންކަން ފެންނަ ކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނުން މިކަމުގައި ހިމޭނުން އޮތުމުން އެ ކޮމިޝަނާ މެދު މިހާރު އިތުބާރެއް ނެތް ނެތް ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވެސް މުސްތަފާ ގޮވާލެއްވިއެވެ.

މި ގަރާރަށް އެންމެ ފަހުން ވާހަކަދެއްކެވި އެމްޑީޕީގެ ނައިބު ރައީސް، އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ “އެމްޑީޕީ މިއޮތީ ޕޮލިސް ކޮމިޝަނަރ ފަސީޙްގެ ފަހަތުގައި” ކަމަށާއި އެމްޑީޕީ އަކީ ރައްޔިތުންގެ ވެރިކަން ކަމަށާއި، އެހެންކަމުން ފަނޑިޔާރުންނަށް އެނިކުމެވެނީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކަމަށެވެ. އަދި އެމްޑީޕީން އަދުލު އިންސާފް ގާއިމްކުރާނޭ ކަމަށެވެ. މީގެ އިތުރުން ވެސް އެމްޑީޕީގެ ނިޝާނަކީ ތިލަފަތް ކަމަށާއި، އެ ތިލަފަތުން ރަމްޒުކޮށްދެނީ ހަމަހަމަ ކަމާއެކު އަދުލު އިންސާފް ގާއިމްކޮށްދިނުން ކަމަށް އަލްހާން ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ޤަސަމް ހުށަހަޅުއްވައި، ނާޒިމް ތާޢީދުކުރެއްވި ޤަރާރު ފާސްވެފައިވަނީ އެ މަޖިލީހަށް ހާޒިރުވި 64 މެންބަރުންގެ އިއްތިފާގުންނެވެ.