ޝަރުއީ ދާއިރާ އަށް އެމްޑީޕީން ފާޑުކިޔަނީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން – އެމްޑީޕީގެ ޗެއަރޕާސަން

އިބްރާހީމް ރާމިޒް

haruge-25-10-2011-251

ޝަރުއީ ދާއިރާ އަށް އެމްޑީޕީން ފާޑުކިޔަނީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން ބިރު ފަހަނައަޅައި ގޮސް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެ ޕާޓީގެ ޚާއްޞަ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތަށް ކޯޓުތަކުގެ ފަނޑިޔާރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އަދި ފުލުހުންނަށް ވެސް ބިރެއް ނުދެއްކޭނެ ކަމަށެވެ.
ބުރާސްފަތިދުވަހު ސްޕްރީމްކޯޓު ކައިރީގައި ކުރި މުޒާހަރާއަށް ފަހު އެންދެރިމާގެ އިން ލަކުޑިބުރިއެއް އެއްލައި، ޒަޚަމް ކޮށްލި ގދ. ތިނަދޫ، ސެމީ، ޙުސައިން ޙަސަން ސީރިއަސް ހާލަތެއްގައި އޮތް އިރު އެ ކުއްޖާ އަށް އިންސާފު ހޯދައިނުދެވޭ ކަމަށާއި، އެފަދަ ނާޒުކު ޙާލަތެއްގައި އޮތް ކުއްޖަކަށް އިންސާފު ހޯދައި ނުދެވޭނަމަ ގާޒީންގެ ބޭތިއްބުމުގެ މާނައެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި، ޤާނޫނު އަސާސީއާ ހިލާފަށް ގާޒީން ކަންތައްކުރާ ނަމަ ކޯޓުތެރެއަށް ވަދެގެން ނަމަވެސް ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީގެ މެންބަރުން ތިބީ ތައްޔާރަށް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ޙުސައިން ޙަސަން އަށް އިންސާފު ހޯދައިދިނުމަށް ބާރުގެ ބޭނުންކޮށްގެން ނަމަވެސް އަލަށް އުފައްދަން މަސައްކަތް ކުރާ، ޕީޕީއެމް ގެ ވަގުތީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން މުޙައްމަދު ޣައްސާން ހައްޔަރުކޮށްގެން އިންސާފުވެރި ތަޙްޤީގެއް ކުރުމަށް ދިވެހި ފުލުހުންނަށް މޫސަ ގޮވާލެއްވިއެވެ.

އެމްޑީޕީން ވެފައިވާ ޢަދުލު އިންސާފް ޤާއިމްކުރުމުގެ ވައުދު ފުއްދުމަށް ގޮވާލައި ސްޕްރީމް ކޯޓު ދޮށުގައި ކުރި، މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓް ޙުސައިން އިލްހާމް ހައްޔަރުކޮށް ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކުރި ނަމަވެސް ޣައްސާން ހައްޔަރުކުރީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ކޯޓުން ޙުކުމްކުރީ ވަރަށް ނާއިންސާފުން ކަމަށް މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ޝަރުއީ ދާއިރާ މިނިވަންކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ އަށް ހެދުން ބަދަލުކޮށްގެން ތިބީ ހަމަ ކުރީގެ ވެސް ފަނޑިޔާރުން ކަމަށާއި، އެ ފަނޑިޔާރުންނަކީ މައުމޫނުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވެ، ބޮޑު އަގުދީގެން ހަތް ފަނޑިޔާރުން ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށާއި، އެ އަދަދު ފަހަކަށް ތިރިކޮށްލައްވާނޭ ކަމުގައި ރޭގެ ޖަލްސާ ގައި މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ސްޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރަން އުޅުނު އިރު، އެކަން ކޮށްފައިވަނީ އެއީ ކޮން ފިކުރެއްގެ ކޮންބައެއް ކަން ރަގަޅަށް އެނގި ތިބެ ކަމަށާއި، އެ ލިސްޓަށް އެމްޑީޕީން ވޯޓުދިނީ އެ ޕާޓީގެ ގްރާސް ރޫތުގެ ގިނަ މެންބަރުން އެކަމާ ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޤާއިމްކުރުމަށް ޤާނޫން އަސާސީން ލާޒިމްކުރާތީ ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާ މަޝްވަރާ ކުރެއްވުމަށް ފަހު، އެކަން އަވަހަށް ނިންމާލުމުގެ ގޮތުން އެލިސްޓަށް ވޯޓުދޭން ޖެހުނީ ކަމަށް މޫސަ ވިދާޅުވިއެވެ.