މެންބަރުންގެ ޚިޔާލު: އޮޅުވާލަން މިއުޅެނީ ކޮންބަޔަކަށް ހެއްޔެވެ؟

ފުނަމާ

ދިވެހި ރާއްޖެއަށް މިއަދު އަންނަމުންމިދާ ތަރައްގީ އަކީ ވޭތުވެދިޔަ ތިރީސް އަހަރުގެ ތެރޭގައި ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ކުރެވުނު ފަހަތު ފަޔަށް ބުރަވެފައިވާ މަސައްކަތް ތަކެއް ނޫނެވެ. ކުރީގެ ސަރުކާރުން ކަރުކެހިކެހި ބަނޑުގައި ވޭންއަޅާތާ އަށްއަހަރު ވީއިރުވެސް ތުރަނުވި ހުޅުމާލެ ކަހަލަ ބޮޑެތި ބިންތައް މިސަރުކާރުން ވައިއެޅިލާއިރަށް އެއޮންނަނީ ވިހާފައެވެ. ވެލާ ހިޔަ ދޮޅިއްސަ ބިސް އަޅާފައި ކޫސްވެސް ނުކިޔައި ފައިބައިގެން ދާހެން މުޅިގައުމުގައި ފުލެޓުތައް އެހެރަގެން އަޅައި ނިމެނީއެވެ. ނަރުދަމާތަކާއި ބަނދަރުތައް އެދަނީ ޗާޓުގައި ހުއްޓުމެއްނެތި އިތުރު ވަމުންނެވެ. ކަރުދާހުގައި އެކަނި ލިޔާން ކުރީން އެނގުނު ސިޓީ މިއަދު އައްޑޫގައި އެއޮތީ އަލިތަކުން ޖަރީ ކުރެވިފައެވެ. މިމަންޒަރުތައް ބަލާލަން ފަރިފަރި ހިނިތުންވުމާއެކު ” ދުށުމާއިގެން ” ދާދިއުންތައް ފެނުމުން މިތިބަ އިދިކޮޅު ރޮނގާލިންގެ ހިތުގައި ހާދަހާ ވޭނެއް އެބައަޅައެވެ.
ކުރާނެ ކަމެއްނެތެވެ. ރާއްޖެއަށްވުރެ ފަހުން މިނިވަންކަން ހޯދި ގައުމުތަކުގައި ބޯލާނެ ފެންފޮދެއް ނެތްނަމަވެސް ، އަރުވާޖަހައި ގައުމައިގެން ދުނިޔޭގެ އެންމެ ކުރިއަށް ޖެހިލިއިރު ރާއްޖޭގައި ފުނިފުންޏަށް ލިބުނު ޑޮލަރުތަކާއި ހިލޭއެހީތައް ކުރިމަތީގައި ބަހައްޓައިގެން ރަށްމެދުގައި ކުރީގެ ވެރިމީހާ އެހުރީ ” އެއްގަމު ކޮހެއްހެން ” ގަމާރުވެފައެވެ. ގައުމުގައި ނަންކިޔާން ހުރިއްޔާ ހުރި ތަރައްގީގެ ކޮންމެ ކަމެއްގެ ، އެއްޗެއްގެ ބޭރުގައި ލޭބަލް ޖަހައިފައި އޮތީ އެބުނާ ބޭރުމީހުންނެވެ. ހޮސްޕިޓަލެއް ވިއްޔާ އެބުނާ ބިރުގަންނަ ވޯރާ ވިޔަފާރިވެރިންވެސް ނިސްބަތްވާ އުތުރު ކަރައިގެ މީހުންނެވެ. ބޮޑުރާޅު އަރާތީ ތިންފައިލީގާ އެތުރިއްޔާ އެތުރީ ލޯކުދި މީހުންނެވެ. ގާނޫނެއް ހަދާން އިށީންނަން ލިބުނީ ޕާކިސްތާނުންދިން ހިޔާވައްސެއްގައެވެ. ފުލެޓެއް އެޅުނިއްޔާ އެޅުނީ ކަކުނިދިޔަ ބޮއެގެން އެއުޅޭ މީހުން ލައްވައެވެ. އެކަމަކު މިއަދު ހަމަ އެމީހުން ތިބެގެން ކަރުތެރޭން އަޑުގޮއްވަމުން އެދުވަނީ މިސަރުކާރަށް އޮޑާލަމުންނެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް އަމުދުން ނެތީމައެވެ.
މިއަދުގެ ތަރައްގީގެ ސްޕީޑާއި، މިއަދުގެ ދުނިޔޭގެ އިގްތިސާދީ ހާލަތާ ރައްޔިތުންނަށް އެނގޭތީވެ ތިމާމެންނަށް ލިބެމުންދާ މަލާމާތުން ރެކޭނަމޭ ހީކޮށް ހެއްދެވިހައި ދޮގުތައް ހަދަމުން ސައްވީސްގަޑިއިރު މިގައުމުގައި ބަޔަކު ދުވިނަމަވެސް އެކަން ގަބޫލުކުރާ މަދުބަޔަކުވެސް އަދިއެތިބީ ހަމަ އަޅާފާނެ އަތަކަށް އެކަނި ބަލާލަ ބަލާލައެވެ. މިއަދު މިގައުމުގައި ވެރިކަންކުރާ ޕާޓީގެ ތާއީދު އިތުރުވެ ، ރައީސް ނަޝީދުގެ ވެރިކަމުގެ މިދައުރު ނިމުމުގެ ކުރީން ރައްޔިތުން ދެވަނަ ދައުރަކަށް އެމަނިކުފާނަށް އާނއެކޭ ބުނާނެކަން މިއަދުވެސް ޔަގީންވާއިރު އެދުހުން މިއުޅޭ އިދިކޮޅު މީހުންނާއި ހައްދުފަހަނަ އަޅާފައި އެތިބަަ ” ދޮޅުރޯނާވެފައިތިބި ސޭކުންގެ ” އަޑުވެސް ދެން އިތުރަށް މިގައުމުން އިވިގެން ނުދާނެކަން އެމީހުންނަށް އެނގި ކަށަވަރުވާތީވެ ދައްކާނެ ނުދައްކާނެ ވާހަކައެއްވެސް މިހާރު އެއުޅެނީ ނޭނގިގެންނެވެ.
ވެރިކަންކުރާ ޕާޓީގައި މުޅީންމެ ތިބީ ނުރައްކާތެރި ބޮޑު ބަލިމަޑުކަމެއް ޖެހިފައިތިބި ބައެއްކަމުގައި ރެޔާދުވާލު ގޮވަމުން ގެންދާއިރު އެއީވެސް ދިވެހި ރާއްޖޭގެ ގާނޫނުއަސާސީން އެންމެހައި ހައްގުތައް ކަށަވަރު ކޮށްދީފައިތިބި ދިވެހި ރައްޔިތުންކަންވެސް އެމީހުންގެ ހަދާނުގައި އޮންނަ ކަމަކަށް ނުވެއެވެ. ތިމަންނާމެންގެ ވެރިކަމެއްގައި ” އެމްޑީޕީގެ ރީނދޫހުން ޖެހިފައި އެތިބަމީހުންނަށް އެވެނިގޮތެއް ހަދާނަމޭ، މިވެނިގޮތެއް ހަދާނަމޭ ” ގޮވަމުންދާއިރު އެމްޑީޕީގެ ފަންސާސްހާހުން މަތީގެ އަދަދެއްގެ މެންބަރުންނާއި އެމީހުންގެ އާއިލާތަކުން އެމީހުންގެ ލެޔަށް ފެންބޮވައިގެންފައި ތިބި ބަޔަކަށް ވެރިކަން ދޭނެހެއްޔެވެ؟ ދިވެހި ރައްޔިތުން ވޭތުވެދިޔަ ތިރީސްއަހަރު އެކުރި ހިތި ތަޖުރިބާ އިތުރަށް ކުރާން ބޭނުންވާނެ ހެއްޔެވެ؟ ޕީޕީ ނުވަތަ ޕޯއްޕޯއް ލައްވަމުން ނުކުތީމައި ކުރީގެ ވެރިކަމުގައި މީހުންމެރި “ކިނބިގަހު ފުރޭތަ” ނަބީބޭކަލެއް ކަމުގައި ބަޔަކު ބަލައި ގަންނާނެ ހެއްޔެވެ؟ މޮޔަނުވާށެވެ. މިއަދު އެމްޑީޕީގެ ސަރުކާރުން މިގައުމުގެ އެންމެހައި ރައްޔިތުންނާއި މެދު ހަމަހަމަ އުސޫލުން ކަންކަން ކުރަމުން ރާއްޖެއަށް މިގެންނަ ތަރައްގީފެނި އެޕާޓީގެ ދަފުތަރުގައި ބައިލައްކައަށްވުރެ ގިނަ މެންބަރުން އުފާއުފަލުން ރަޖިސްޓަރީވަމުން ދާތީވެ އެކަމާ ލަގޮނޑީގައި އަޅާވޭނުން މަޖުބޫރުކޮށްގެން ޕާޓީއަށް މީހުން ވައްދަނީއޭ ގޮވާއިރު ، ބަލަގަ ތިމާމެން ޕާޓީއެއް ހަދައިގެން ސަރުކާރު ހިސާރުކޮށް ދައުލަތުގެ ހުރިހައި މުއައްސަސާއެއްގައި ތިބިއްޔާ ތިބިހައި މީހަކަށް މަޖުބޫރުކޮށް ނުވިތާކަށް ރަށްރަށުގެ ފަޅަށް ވަދެތިބިހައި ” ހުއިފިލަނޑާ” ތައްވެސް ޕާޓީގެ ދަފުތަރުގައި ޖެއްސި ދުވަސް މިއަދު ހަނދާން ނެތީހެއްޔެވެ؟
މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ މެނިފެސްޓޯއެއް ހިފައިގެން އެޕާޓީގެ ކެންޑިޑޭޓަކު ނުކުމެ ރައްޔިތުންގެ ވޯޓަކުން ގާއިމުކުރި ގާނޫނީ ވެރިކަމެކެވެ. އެމްޑީޕީގެ ފުރިހަމަ ދައުރު މިވެރިކަމުގައި ނޯންނާނެ ކަމުގައި ހީނުކުރާށެވެ. އޮންނާނެއެވެ. ސަރުކާރާ އިދިކޮޅަށް ކަންކަންކުރާން ސަރުކާރު ވަށްޓާލަން އިދިކޮޅު މީހުންނާއި ގުޅިގެން ޝަރުއީ ދާއިރާއިން ނުކުތަސް ، ގާނޫނުހަދާ މަޖިލިހުން ނުކުތަސް އެބަޔެއް ހުއްޓުވަން އެމްޑީޕީވެސް ނުކުތުމުގެ ހައްގު އޮންނާނެއެވެ. އެޕާޓީގައި އެތިބީ އޮޅުދޫ ކަރައިގެ އަހުލީ ހަނގުރާމަ ނިމުމުން އެސަރުކާރަށް ފިލައިގެން މިރާއްޖެ އައިސް އުޅޭ ބައެއްކަމުގައި އިދިކޮޅު ފަރާތްތަކަށް ހީވާނަމަ ބުނަންއޮތީ ” ތިޔަތިބީ ތަސައްރަފުން ކެނޑިފައެވެ. ، އަލުން ޚިތާނުގެ ލައްވަމާ ހިނގާށެވެ.” އެމްޑީޕީގެ މީހުން ނުކުންނާނީކީ ސަރުކާރު ވަށްޓާލާކަށް ނޫނީ ސަރުކާރުގެ މުއައްސަސާތައް ތަޅާލާކަށް ނޫނެވެ. އެމީހުން ނުކުންނަން ޖެހެނީ ސަރުކާރުގެ އާރާ،ބާރު ކަނޑުވާލައި ނުމަގުން ސަރުކާރު ވައްޓާލަން އުޅޭބަޔަކާ ސަރުކާރާ ދެމެދަށް ހުރަސްއަޅައި ދިފާއު ކުރުމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯއިން ސަރުކާރަށް ލާޒިމުކުޅަ ކަންކަން ސަރުކާރުން ތަންފީޒު ނުކުރެވޭނަމަ އެކަން ސަރުކާރަށް ހަނދާންކޮށްދޭން ޖެހޭނަމަ އެކަންކުރަންވެސް އެމްޑީޕީން ނުކުންނާނެއެވެ. އެކަމަކު ސަލާމަތީ ބާރުތަކަށްވެސް އެމްޑީޕީއިން ނުކުންނަ ނުކުތުން އެއީ ގާނޫނީ ސަރުކާރު ވަށްޓާލުމަށް ނުކުންނަ ނުކުތުމެއް ކަމުގައި އެމްޑީޕީގެ މަސްލަހަތު ގާނޫނީގޮތުން އޮންނަ ސަރުކާރެއް ދެމިއޮތްހައި ދުވަހަކު ތަރުޖަމާކުރާކަށް ނުޖެހޭނެ ދޯއެވެ. އެހެންވެ އިދިކޮޅު މީހުން ސަރުކާރު ވަށްޓާލަން ކުރާ މުޒާހަރާތަކާ ، ސަރުކާރު ހިންގާ ޕާޓީން ހިންގާ ހަރަކާތްތަކާ ތަފާތު ނުކުރެވޭނެޔޭ ބުނާނީ ހަމަހޭގައި ހިނދުކޮޅަކުވެސް ނުހުރެވޭ މީހުންނެވެ. ރާބޮއެގެންވާ މަސްތައްވުރެ ވެރިކަމުގައި ގިނަދުވަހު ތިބެވުނީމައި ، އަދި މިއަދު އެޝާނާ ޝައުކަތު ގެއްލި އިންދިރާސްވީމައި އެވާ މަސްތު މާބޮޑުވާނެކަމުގައި ބައެއް މީހުން ބުނެއުޅެއެވެ. މިވަނީ އެހެންކަމުގައި ބުނަންޖެހެއެވެ. އޮޅުވާލަން މިއުޅެނީ ކޮންބަޔަކަށް ހެއްޔެވެ؟