އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ކަމުން ޑރ. ޝަހީދު އިސްތިއުފާ ދެއްވައިފިނަމަ އެމަގާމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވެއްޖެ

ޒުވާނުންނަށް ރޭވިފައި ހުރި ގިނަ މަޝްރޫއުތައް ހުރީ 2012އަށާއި 2013 އަށް ކަމަށް ވެސް ވިދާޅުވި

އިބްރާހީމް ރާމިޒް

އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ކަމުން ޑރ. ޝަހީދު އިސްތިއުފާ ދެއްވައިފި ނަމަ ނައިފަރު ދާއިރާއަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާ އެއް ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވީ ޅ.ނައިފަރުގައި އެމްޑީޕީގެ މެމްބަރުން ވަރަށް މަދު ކަމަށާއި، އަދި އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިފައިރު ދާއިރާގެ ރައީސް، ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު، އީރާންގެ އިންސާނީ ހައްގުތައް ބެލުމަށްޓަކައި އދ. ޚާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖެހުނު ފަހުން ނައިފަރު ދާއިރާގެ މަސައްކަތަށް މާ ގިނަ ވަގުތެއް ނުދެއްވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޒުވާނުންނަށް ރޭވިފައި ހުރި ގިނަ މަޝްރޫއުތައް ހުރީ 2012 އަށާއި 2013 އަށް ރޭވިފައި ކަމަށް މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑު ހަދައިދޭނެ ކަމަށާއި، ކުޅިވަރުގެ ވަރަށް ގިނަ މަޝްރޫއުތަކެއް ވެސް އެ 2 އަހަރު ހިންގުމަށް ރޭވިފައިވާ ކަމަށެވެ.