މިއަންނަ މަހުން ފެށިގެން ކޮންޒަވެޓިވް ޕާޓީން އެމްޑީޕީއަށް ޚާއްސަ ގޮތެއްގައި އެހީތެރިވެދޭން ނިންމައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

5moosa-alhaan-manchester

އަބަދުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީން އެމްޑީޕީއަށް މިއަންނަ ނޮވެމްބަރު މަހުން ފެށިގެން ޚާއްސަ ގޮތެއްގައި އެހީތެރިވެދޭން ނިންމައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ މަންޗެސްޓަރ ގައި މިހާރު ކުރިޔަށްދާ ކޮންޒަވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއްގައި، މަންޗެސްޓަރ ގައި މި ވަގުތު ހުންނެވި އެމްޑިޕީގެ ޗެއަރޕާސަން މިއަދު ފޯނުން އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ” އަބަދުވެސް އެމްޑީޕީއަށް ޚާއްސަ ގޮތެއްގައި އެހީތެރިކަން ފޯރިކޮށްދެމުން އަންނަ ބްރިޓިޝް ކޮންޒަވެޓިވް ޕާޓީން މިއަންނަ މަހުން ފެށިގެން އެމްޑިޕީއަށް އެކި ރޮނގުތަކުން ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭނޭ ކަމަށް އެ ޕާޓީގެ އިސްވެރިން” ވިދާޅުވެފައިވާ ކަމަށާއި، އެމްޑީޕީއާ ދޭތެރޭ ކޮންޒަވެޓިވް ޕާޓީން ބަހައްޓާ ގާތްކަމަށްޓަކައި އެ ޕާޓީގެ އިސްވެރިންނަށް ނިހާޔަތަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ކޮންޒަވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސް އިއްޔެ ފެށިފައިވާ އިރު، މި ކޮންފަރެންސް ގައި މިހާތަނަށް އެޕާޓީގެ ވަރަށް އިސް ލީޑަރުން ތަޤްރީރުކުރައްވާފައިވާ ކަމަށާއި، މީގެ އިތުރުން އިނގިރޭސިވިލާތުގެ ކެބިނެޓް މިނިސްޓަރުންނާ ވަކިވަކިން ބައްދަލުކުރުމުގެ ފުރުޞަތު އެމްޑިޕީއަށްދީފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން އިއްޔެ އާއި މިއަދު، އެ ގައުމުގެ 5 މިނިސްޓަރަކާ އެމްޑީޕީން ބައްދަލުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

” ކޮންޒަވެޓިވް ޕާޓީން އެމްޑީޕީއާ ދޭތެރޭ ވަރަށް ޚާއްސަ ގާތްކަމެއް ބަހައްޓާ. އިއްޔެ އާއި މިއަދު ސީދާ އެމްޑީޕީއާ އިނގިރޭސި ވިލާތުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ދީފަ. މިހާތަނަށް އަޅުގަނޑުމެން 5 ވަޒީރަކާ ބައްދަލުކޮށް، އެބޭފުޅުން ކުރައްވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދިން.” މޫސަ ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ސަބަބުން އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ދިއުމުގެ އިތުރުން، ކެމްޕެއިން ކުރިޔަށް ގެންދާނޭ ގޮތާއި، ކައުންސިލްތައް ޒިންމާދާރުކުރުވުމަށް ޕާޓީލައިނުން މަސައްކަތްކުރާނޭ ގޮތުގެ މަޢުލޫމާތާއި، އެހެނިހެން ވެސް ބޭނުންތެރި އެތައް މަޢުލޫމާތެއް ލިބިވަޑައިގެންނެވި ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ގެ އިތުރުން އެ ޕާޓީގެ ޒުވާން ނައިބު ރައީސް އަލްހާން ފަހުމީ ވެސް މި ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވައެވެ.