އިބްރާހީމް ރާމިޒް
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޖަލުތަކުގައި އަނިޔާކޮށް މަރާލާފައިވާ މީހުންގެ ހަނދާން އާ ކޮށް، އެ ކަމަށް އިންސާފް ހޯދުމަށް ގޮވާލާ މިއަދު ކަޅު ހެދުމުގައި ބަޔަކު މުޒާހަރާކޮށްފިއެވެ.
މާލެ ސިޓީގެ ލޮނުޒިޔާރަތްކޮޅުގައި އޮންނަ 3 ބާރު ވަކިކުރާ ސަރަހައްދުގައި، ޖަލުތަކުގައި އަނިޔާކޮށް މަރާލާފައިވާ ބައެއް މީހުންގެ ފޮޓޯ ހިފައިގެން މިއަދު ހަވީރު ބޭއްވި މި އެއްވުމުގައި ޖަލުތަކުގައި އަނިޔާލިބިފައިވާ ބައެއް ފަރާތްތަކުން އެ ފަރާތްތަކަށް ޖަލުތަކުގައި ކޮށްފައިވާ އަނިޔާއާ ދެކޮޅަށް މިއަދު ވާހަކަދައްކާފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި އިޙްތިޖާޖުގައި މޫސަ ދެއްކެވި ވާހަކަފުޅުގައި، އީވާން ނަސީމު މަރާލުމާއި، އެ މަރާގުޅިގެން ޖަލުގައި “ވަޔަށް ޖައްވަށް ފަޒާއަށް” ބަޑިޖަހާ 3 ގައިދީއަކު މަރާލައި، އެތައް ބަޔަކު ޒަޚަމްކޮށްލި ހާދިސާއާ ގުޅިގެން އޭރުގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށާއި، އެ ވާހަކަތަކާއި، ޖަލުތަކުގައި ކޮށްފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލް މާދަމާ އެ ސަރަހައްދުގައި ބާއްވާ މިފަދަ ދެވަނަ އެއްވުމުގައި ހާމަކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.
މި އެއްވުން ބާއްވާފައި މިވަނީ 20 ސެޕްޓެމްބަރު 2003 ވަނަ އަހަރު މާފުށީ ޖަލުގައި ބަޑިޖަހާ ބަޔަކު މަރާލިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. އެ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ޖަލުގައި އަނިޔާކޮށް ޒުވާން އީވާން ނަސީމް މަރާލުމާ ދެކޮޅަށް ޖެހިގެން އައި ދުވަހު ޖަލުގައި ގައިދީން އިޙްތިޖާޖުކުރުމުން އޭރުގެ ސިފައިންވަނީ އެފަރާތްތަކަށް އަމާޒުކޮށް ބަޑިޖަހާ 3 މީހަކު މަރާލާފައެވެ. އެ ހާދިސާގައި މަރާލި 3 މީހުންނަކީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. މީގެ އިތުރުން މި ހާދިސާގައި ގިނަބަޔަކު ވަނީ ޒަޚަމްވެފައެވެ.