ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން ޑރ.ޝަހީދު ވަކިކުރައްވައިފި

އިބްރާހީމް ރާމިޒް

drshaheed-hep

އ.ދ.ން އިރާނަށް ކަނޑައެޅުއްވި، އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ ރެޕަޓުއަރގެ މަގާމަށް ޑޮކްޓަރ އަޙްމަދު ޝަހީދު ހޮވިވަޑައިގެންފައިވާތީ، އެމަނިކުފާނު މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.
ޑޮކްޓަރ އަޙްމަދު ޝަހީދު އެމަގާމުން ވަކިކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝިދު ވަނީ ޑރ.ޝަހީދުއާ ބައްދަލުކުރައްވައި، މެދުއިރުމަތީގެ އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، އަދި މިއަހަރު އައްޑޫ ސިޓީގައި ބާއްވަވާ ސާކް ސަމިޓްގައި، މިސަރަޙައްދުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ ހަރުދަނާ ސިޔާސަތެއް ޤާއިމްކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާ ކުރައްވާފައެވެ.