އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި ސަރުކާރުގެ ޓީމަކާ ދެމެދު މާދަމާ ފުޓުބޯޅަ މެޗެއް ކުޅެނީ

– އެގްޒެކެޓިވް ޓީމްގެ ކެޕްޓަންކަން ކުަރައްވާނީ ރައީސުލްޖުމްހޫރިއްޔާ

އިބްރާހީމް ރާމިޒް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ވަހީދު ޖަރުމަނު ޓީމާއެކު ކުޅުނު މެޗުގައި ބޯޅައާ އެކު - ފޮޓޯ: މޯލްޑިވްސް ސޮކަރ ޑޮޓް ކޮމް
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ވަހީދު ޖަރުމަނު ޓީމާއެކު ކުޅުނު މެޗުގައި ބޯޅައާ އެކު - ފޮޓޯ: މޯލްޑިވްސް ސޮކަރ ޑޮޓް ކޮމް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ސަރުކާރުގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މްޑީޕީގެ އެކްޓިވިޓީސް (ހަރުގެ) ކޮމިޓީން ބުނެފިއެވެ.
ހަރުގެ ކޮމިޓީގެ ފަރާތުން މި މެޗް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ އެ ކޮމިޓީގެ މެންބަރު (މާލިމީ) އިބްރާހީމް އަޙުމަދު ވިދާޅުވީ މާދަމާ ހަވީރު 4.00 ގައި ގަލޮޅު ރަސްމީ ދަނޑުގައި ފަށާ މިމެޗް ބެލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި މެޗުގައި ވާދަކުރާ ޕާލަމެންޓްރީ ގްރޫޕްގެ ކެޕްޓަންކަން އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ކުރައްވާއިރު، އެގްޒެކެޓިވް ކޮމިޓީގެ ނަމުގައި ކުޅޭ ސަރުކާރުގެ ޓީމުގެ ކެޕްޓަންކަން ކުރައްވާނީ އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށް މާލިމީ ވިދާޅުވިއެވެ.
މި މެޗުގައި ކުޅޭ ކުޅުންތެރިންގެ ޖާރޒީ ނީލަންކިޔާ ގޮތަށް ވަނީ ހަމަޖެހިފައެވެ.