އިބްރާހީމް ރާމިޒް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އިއްޔެ ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ކާމިޔާބުކުރި ރާއްޖޭގެ މަޖިލިސް މެންބަރުންގެ ޓީމަށާއި، މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިވަޑައިގެންނެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗް 5 ލަނޑު 3 ލަނޑުން ރައްޔިތުންގެ މަޖިލިސްގެ ޓީމް ކާމިޔާބުކޮށް، އަދި މެޗުގެ މޮޅުކުޅުންތެރިއަކަށް އަލީ ވަހީދު ހޮވިވަޑައިގަތުމުން، ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށާއި، އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް މަރުޙަބާ ވިދާޅުވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަދި ކުރިން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ.
އިއްޔެގެ މެޗުގައި އަލީ ވަހީދު ހެޓްރިކް ހެދި އިރު، ރާއްޖޭގެ ޓީމުގެ އަނެއް 2 ލަނޑު ކާމިޔާބުކޮށްދެއްވީ އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރުއެވެ. މި މެޗުގައި ޖަރުމަނު ޓީމުން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުޅެވުނު މި މެޗުގައި ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހުގެ 6 ކުޅުންތެރިއަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މެޗުގެ ޝަރަފުވެރި މެޙުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދެވެ