ރަައީސް ނަޝީދުގެ މަޒުމޫނު ކިޔާލުމުން……!

ފުނަމާ

މިމަހުގެ 16 ވަނަދުވަހު އާދައިގެ މަތީން ހަވީރުނޫސް ކިޔާލުމުން އެދުވަހު އެންމެ އަޅައިގަތީ އެނޫހުގައި “ނަޝީދުގެެ މަޒުމޫނުގެ ” ގޮތުގައި ރައީސް ނަޝީދު ލިއުއްވާފައިވާ ” އާދިރުމެއް ” މިއާޓިކަލްގައެވެ. މާފާއެކު ދަންނަވަން ޖެހެނީ އަޅުގަނޑު އެހާވަރަށް އެއާޓިކަލްގައި އަޅައިގަތީއަކީ އެމަޒުމޫނުގެ މޮޅުކަމަކުން ނުވަތަ ދެރަކަމަކުން ނޫނެވެ. އަޅުގަނޑަކަށް އެކަން އިންސާފުކުރާކަށް ނުމެއެނގޭނެވެސް މެއެވެ. މަޒުމޫނު އެއްކޮޅުން އަނެއްކޮޅަށް ދެތިންފަހަރަކު ކިޔާލާފައި އެއަށް އެކިފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތައް ކިޔާލަންވެސް ގިނަވަގުތުތަކެއް ހޭދަވިއެވެ. އެއައްފަހު ހިތައްއެރި ގިނަބައިވަރު އެއްޗެތީގެ ސަބަބުން “އަނގަގަދަ މިތުރުގެ ” ނަންލިބުނަސް ހެޔޮކަމުގައި ހިތައި މިލިއުން ލިޔެލާހިތް ވެއްޖެއެވެ.
މުޅިދިރިއުޅުން ” ހިއްކަން އަޅައިގެން ” ސިޔާސީވެގެން އުޅެނިކޮށް ފިކުރާއެއްގޮތް ބަޔަކާ ގުޅިގެން ލިބުނު ވަޒީފާގަނޑު ގެއްލުނުތާ ދުވަސްތަކެއްވީއިރު މިއުޅެވެނީ “މިސްކިތުނެގި ވަކަރަށް ” ވެގެންނެވެ. އުނދުނަށްލާން ނުކެރުނުތާ ، ފީވެބާވެފައި ވާތީވެ މުޑިއަކަށްވެސް ބޭނުންކުރާން ކަމުނުގޮސްގެން އުޅޭހާލެއްގައެވެ. އަތުގައި ފޮރުވުނު އެއްޗެއްނަމަ ހުސްވެ އަނގަޔާއި އަތާ ދިމާނުވެ އަންނަމަހުގެ އެފުށުން އަންނާންއޮތް ރޯދަމަހަށް ހަދާނެގޮތެއް ، މާދަމާގެ ފުރާގު ހޯދާނެ ގޮތަކާމެދު ކަންބޮޑުވެފައި ހުއްޓައި ޑޮލަރުގެ އަގަށް އައި ބަދަލަކުންނޭ ކިޔާފައި އަބަދުވެސް ވަގުތުގެ ފައިދާނަގާ ” އޯގާތެރި ” ވިޔަފާރިވެރީން ހުރިއްޔާ ހުރިއެއްޗަކުން އެތައްތަނެއް އަގުބޮޑުކޮށް ހަދާލި ދަނޑިވަޅުގެ ފައިދާ ނަގައިގެން ޒުވާނުންގެ ނަމުގައި ސިޔާސީ ބަޔަކު ނުކުމެ މަގުމަތީ އުޅޭވާހަކަ އިވުމުން މިހިރަ ނުރަތައް ކަޅުކޮށްލައިގެން އެވެރީންގެ ތެރެއަށްވަދެ ފިލާހުރެގެން ” ޑޮލަރު އަގުތިރިކުރޭ! އަތްފޯރާ ފަށަށް ކާބޯތަކެތިގެނޭ! ” ގޮވާލަން ދާންވ ނޫން ހޭވެސް ބަޔަކު ކިޔެވެ. އެކަމަކު އަލިފާންޖެހުމާ ފުލުހުންނާ ދިމާލަށް އެވެރިން އެއުކާ ގާތައްފެނިފައި އެކަން ކުރާހިތެއްވެސް އަމުދުންނުވިއެވެ.
ކަންމިހެން އޮއްވައި ރައީސް ނަޝީދުގެ އާޓިކަލް ކިޔާލުމުން އެތަކެއް އުންމީދުތަކެއް އާވެއްޖެއެވެ. ކޮންމެފަދަ ގުރުބާނެއް ވެގެންވެސް ސަރުކާރުން އެގެންނަވަމުން ގެންދަވާ ބަދަލުތަކާއެކު ކުރިއަށް ދެވިއްޖެނަމަ މިއުންމީދުކުރާފަދަ ފާގަތި ދިރިއުޅުމެއް ދާދިއަވަހަށް ދިވެހީންނަށް މަތިވާނެކަމުގެ ޔަޤީންކަން ލިބިއްޖެއެވެ. ބައެއްފަހަރު ދެގޮތައް ވާހަކަ ދައްކައި އުޅުނު ކުރީގެ ބައެއް ވަޒީރުންނާއި ޚިލާފަށް މިމަޒުމޫނުގައި އެލިއުއްވި އެއްޗެއް ލިއުއްވާފައި އެވަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ގަލަން ކޮޅުން ކަމުގައި ވާތީވެ ކަމަކީ ހަގީގަތަކަށް ހައްދަވާނެ ކަންކަން ކަމާއިމެދަކު ކުޑަވެސް ޝައްކުކަމެއް މަހިތަކު ނެތެވެ. ކުރީންވެސް ދެންނެވި ފަދައިން ނިކަމެތި އަޅާއީ އިގްތިސާދީ އިލްމުން ފޮތެއްގެ ބަނޑޭރި ގަނޑު ކިޔާންއެނގޭ މީހެއްކަމުގައި ހެދޭންވެގެން، އެކަންވާނީ އެހެންނޭ ނޫނީ ، މިހެންނޭ ކިޔާކަށް ނެތީމެވެ. ނަމަވެސް ގައުމަށް މިވަގުތު ކުރިމަތިވެފައިވާ މިމުހިންމު މައްސަލައާއި ގުޅިގެން ސަރުކާރުގެ ތެރޭންކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތް ތަކުގެ އިތުރުން ސީދާ އެމަނިކުފާނުން މިފަދަ ލިއުމެއް އަމިއްލަ ނޫހެއްގައި ލިއުއްވުމުން ، ރާއްޖޭގެ އިގްތިސާދީ ހާލަތު އެމަނިކުފާނުން ސީދާ ބައްލަވައި، ދެއްވަމުންގެންދަވާ އިސްކަން ހާމަވެގެން ހިނގައްޖެއެވެ.
ހަމައެއާއިއެކު މީސްތަކުން އަވަދިނެތި ޚާއްސަ ސަމާލުކަމެއް ދީގެން އެލިއުއްވުމަށް ކޮއްފައިވާ ކޮމެންޓުތައް ކިޔާލުމުން މިއަދު ރާއްޖޭގައި މީޑިޔާގެ މިނިވަންކަން މިއޮތް މިންވަރު ޔަޤީންވެ އިތުރަށް ކަށަވަރު ވެއްޖެއެވެ. އަދި ރާއްޖެއަށް މިގެނެވުނު ސިޔާސީ ބޮޑުބަދަލު ގެންނާން “ތެއްގޯނި އުފުލާން އުޅެވުނީތީވެ ހިންހަމަވެސް ޖެހިއްޖެއެވެ. ބައެއް ފަރާތްތަކުން އެމީހުންނީ މާދަރީ ބަހަށް އެވަރެއް އަމުދުން ނެއް ކުޅަދާނަ ބަޔަކު ކަމުގައި ހީވާގޮތަށް ، އަނެއްބަޔަކު ތިމާމެންނީ އިގްތިސާދު ފޫޅުގައި އެލުވައިގެން ދުނިޔެއުފަން މީހުން ކަމުގައި ހީވާގޮތަށް ކޮމެންޓު ކޮށްފައި ހުރިއިރު ޒާތީ ތައައްސަބާ ނިފާގުން ފުރިފައިހުރި ކޮމެންޓުތައްވެސް ބައިވަރެވެ. ހަމައެހެންމެ ދުރުވިސްނައި ޚުޝާމަދުން އެކަހެރިވެ ބިނާކުރަނިވި ފާޑުކިއުންތައްވެސް މަދެއްނޫނެވެ. މިހުރިހާކަމެއް ފެނުމުން މަހިތުން މަށަކީވެސް މީހެކޭ ނުހިތިއެއްކަމަކު ހަމަ އެއްޗެއް ބުނެލާ ހިތްވެމިކަން މިކުރެވުނީއެވެ.
ރައީސް ނަޝީދަށް އިޚްލާސްތެރި ކަމާއެކު ދަންނަވާލަން ބޭނުމީ ، ފޮރުވާކަށް ނޫޅެމެވެ. އަރުޒަލިލް އުމުރަށް އެޅުނަސް އަޅުގަނޑުވެސް ލިބޭނެނަމަ، އެއްދުވަހަށް ނަމަވެސް ދިވެހި ރާއްޖޭގެ ވެރިކަން ކޮއްލާހިއްވެއެވެ. ނަންބަރު ނުޖަހާ ކާރުގައި މަނިކުފާނުން ތިއުޅުއްވާހެން ހަމައުޅެލާހިތް ވެއެވެ. އެހެނެއް ކަމަކު އަޅުގަނޑުގެ އެދުރުން ބުނާގޮތުން ވިއްޔާ ވެރިކަމަކީ ﷲތަޢާލާ މިންވަރު ކުރައްވާ ބަޔަކާ ޙަވާލުކުރައްވާ އަމާނާތެއް ކަމުން ކިތަންމެ ދަހިވިޔަސް މަތީގަޑީން ނުޖަހަނީސް އެކަކަށްވެސް ތިކަމެއް ނުލިބޭނެކަން އެނގޭތީވެ، ކިތަންމެ ހިތްދަތިވިޔަސް ހުރެވެނީއެވެ. އަދި ކާބަފައިންގެ ޒަމާނުއްސުރެ ދީނީ ދަންނަބޭކަލުން ” ވެރީންނަކީ ކަލާނގެ ހިޔަނިފުޅުތަކެއް” ކަމުގައި ބުނާއަޑު އިވޭތީވެ ވެރިއަކަށް ހުންނަ މީހަކަށް އަބަދުވެސް ކިޔަމަންވެ ދައްކަވާ ހެޔޮމަގުން ހިނގުމަށް އަޒުމު ކަނޑައަޅައިގެން އުޅެވޭތޯ އަބަދުވެސް ބަލަމެވެ. މިހެން ދެންނެވިޔަސް އެއީ ދީނުގެ އިމުގެ ތެރޭގައި އިނގޭތޯއެވެ. މަނިކުފާނަށް އިޚުލާސްތެރި ހެޔޮއެދޭ އަޚެއްގެ ، އަދި މަނިކުފާނަށްވުރެ އުމުރުން މަދުނަމަވެސް އަހަރުތަކެއް އިތުރު މީހެއްގެ ހައިސިއްޔަތުން ދަންނަވާން އޮތީ ” ހިތްޕުޅު ކުޑައި ނުކުރައްވައި ތިޔަގޮތުގައި ކުރިއަށް ވަޑައި ގަންނަވާށެވެ. ކޮންމެ ގައުމެއްގައިވެސް ޒާތީ ތަޢައްސަބުން ފުރިގެންވާ މީހުންނާއި، ހެޔޮވިސްނާން ބޭނުންނުވާ މީހުންނާއި ، ހަމައެހެންމެ ހެޔޮ ނުވިސްނޭ މީހުންވެސް އުޅޭނެއެވެ. އެފަދަމީހުންނަށްވެސް ކޮންމެވެސް ދުވަހަކުން ހެޔޮވިސްނުން ދެއްވާނެެއެވެ. ” ﷲގެ ތަނަވަސް ރަޙްމަތްފުޅު ވަނީ އިޚްލާސްތެރީންނާއި އެކުގައެވެ. ކޮންމެ އަޅެއްގެވެސް ހިތްނިޔަތް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. ހެޔޮގޮތުގައި މަސައްކަތް ކުރާ އަޅަކަށް އަބަދުމެ ނަސްރާ ހެޔޮ ތައުފީޤު ދެއްވުމުގައި އެއިލާހު ވޮޑިގެން ވެއެވެ. ފިސާރި ސާބިތުކަމާއިއެކު ތިކުރައްވާ މަސައްކަތްޕުޅު ކަމުފޮޅާ ގޮތްވާކަން އެނގި އިއްޔެއަށްވުރެ މިއަދު މަނިކުފާނަށް އިހްތިރާމުކުރާ މީސްތަކުން އެތެރެއާ ، ބޭރުގައިވެސް މާގިނައެވެ. އަދި ވާނީވެސް ގިނައެވެ. މަނިކުފާނުންގެ ނަންފުޅު ދިވެހި އުންމަތް ދިރި ، ދެމިއޮތްހާ ދުވަހަކު ދިވެހީންގެ ހިތްތަކުގައި އިޙްތިރާމާއި އެކު ދިރި ،ދެމި އޮންނާނެކަމާމެދަކު ޝައްކެއް ނުކުރަމެވެ. ﷲ މަނިކުފާނަށް ފުރިހަމަ ވިސްނުމާއި ނަސްރާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން!