އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނޭ ކަމަށް މާރިޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

dsc_5909-225-x-320

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމުގެ އިންތިޚާބަކަށް ގޮވާލައްވައި، އެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް މިހާރުގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށާއި، އެމްޑީޕީގެ އާ ލީޑަރޝިޕަށް މަރުހަބާ ދެންނެވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި މާރިޔާ ވިދާޅުވީ، އެކަމަނާ އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ އެމްޑީޕީ މަޔަކަށް ބޭނުންވެފައިވާ ދުވަސްވަރެއްގައި ކަމަށާއި، އެހެން ނަމަވެސް މިއަދު އެމްޑީޕީއަކީ ފުރާފުރިހަމަވެ ތަސައްރަފް ފުދިފައިވާ ޕާޓީއެއް ކަމުން، މިއަދު އެކަމަނާ ޕާޓީގެ ޗެއަރޕާސަން ކަމުން ފެއަށް ވަޑައިގެންނެވި ނަމަވެސްޕާޓީ ހަރުދަނާ ކަމާއެކު ހިނގަމުންދާނޭ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު އޭރުގެ ހޮލިޑޭއިން (މިހާރުގެ ޓްރޭޑަރސް ހޮޓެލް) ގައި ބޭއްވި އެޕާޓީގެ އާ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވެސް މާރިޔާ ދީދީ ވަނީ ޗެއަރޕާސަން ކަމުގެ މަގާމުގެ އިތުރު ދައުރަކަށް ދެން ކުރިމަތި ނުލައްވާނޭ ކަމަށް ވިދާޅުވެ އެކަން އާންމުކޮށް އިޢުލާންކުރައްވާފައެވެ. އަދި ރޭގެ ޖަލްސާގައި އެކަމަނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަކަށް ގޮވާލައްވައި އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތުހުޅުއްވާ ލައްވާފައެވެ.

ރޭގެ ޖަލްސާގައި މާރިޔާ ދީދީ ވަނީ އަލަށް އިންތިޚާބުވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި އަލްހާން ފަހުމީ އަށް ފުރިހަމަޔަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ ދެ ބޭފުޅުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެފައެވެ. އެ ދެ ބޭފުޅުން ވައުދުވެވަޑައިގެންފައިވާ ގޮތަށް ޕާޓީގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވާނޭ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ޑީޑީ ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން ކޮމިޓީތައް މެދުވެރިކޮށް ސަރުކާރުގެ ވުޒާރާތަކާއި ރައްޔިތުންނާ ގުޅުވައިދީ، އަލްހާން ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އެމްޑީޕީ ކުރިމަތިލާއިރު އެޕާޓީގައި އެއް ލައްކަ މެންބަރުން ހަމަކޮށް، އަނެއް ދިވެހިރާއްޖެ މެކުހަށް ޖައްސަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ރޭ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި އިންތިޚާބުގައި ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޗަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ އާއި، ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އެމްޑީޕީއަށް ކޮށްދެއްވާ އިޚްލާސްތެރި މަސައްކަތްތަކަށް މާރިޔާ ޝުކުރު އަދާކުރެއްވިއެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް ކުރައްވާ އަންހެން ބޭފުޅުންނަށް ދޭ ” އިންޓަރނޭޝަނަލް ވިމެން އޮފް ކަރޭޖް” ގެ މަގާމު 2007 ވަނަ އަހަރު ހޯއްދަވާފައިވާ އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަކީ އެމްޑީޕީގެ އެންމެ ފުރަތަމަ މުޒާހަރާގެ ދިދަ އުފުއްލަވާލައްވައި، އެމްޑީޕީގެ ފުރަތަމަ ޖަޑިބުގެ ގޮތުގައި މަޝްހޫރުކަމާއި، މަޤްބޫލުކަން ހޯއްދަވައި އެމްޑީޕީގެ މެންބަރުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ކުޅަދާނަ މާލިމީއެކެވެ.