ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުން ހިތްވަރު ހޯއްދަވާނެ ކަމަށް މިސްރުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

– މިސްރުގެ ސިޔާސީ މަސްރަހާ މެދު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

އިބްރާހީމް ރާމިޒް

egyptian-ja-elbaradei-225-x-151hep-nasheed-225-x-149

ދިވެހި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުން ހިތްވަރު ހޯއްދަވާނެ ކަމަށް މިސްރުގެ އިދިކޮޅު ލީޑަރު މުޙަންމަދު އަލްބަރާދޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށްޓަކައި ސީދާ ހަރަކާތަށް ނުކުމެވަޑައިގެން އެތައް ގުރުބާނީއެއް ވެ ވަޑައިގެން، އިސް ސަފުގައި މަސައްކަތްކުރެއްވި މިހާރުގެ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމަނިކުފާނަށް ހިއްވަރު ދެއްވައި، އެ ޤައުމުގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ގުޅުއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިސްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލަބަރާދޭ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، މިޞްރު ސަރުކާރުން، މުޙަންމަދު އަލްބަރާދޭ ބަންދުގައި ބަހައްޓަވާފައި ވާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، މުޙަންމަދު އަލްބަރާދޭއަށް ހިތްވަރު ދެއްވިއެވެ.އަދި ދިވެހިންނަކީ، އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ލޯބިކުރާ ބައެއްކަން ފާހަގަކުރައްވަމުން، ދިވެހިން ތިބީ މިޞްރުގައި ޞުލްޙަވެރިކަމާއެކު މިނިވަންކަމަށް މަސައްކަތް ކުރާ ހުރިހާ ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި، ޑިމޮކްރަސީ ޤާއިމް ކުރެވި، ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބޭއްވިފައިވަނީ ވަރަށް ފަހުން، 2008 ވަނަ އަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވި، ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބޭއްވިފައި މިވަނީ ވަރަށް ގިނަ ބަޔަކު އެކަމަށްޓަކައި ކުރި ގިނަގުނަ މަސައްކަތްތަކަކާއި، ވީ ބޮޑެތި ޤުރުބާނީތަކެއްގެ ސަބަބުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ހިތްވަރުދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިޞްރުގައި މިނިވަންކަމަށް މަސައްކަތްކުރާ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި، ދިވެހި ރައްޔިތުންނަށް، އަލްބަރާދޭ ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ވަރަށްގިނަ ބައެއްގެ މަސައްކަތުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވިފައިވާތީ، އެކަމަށްޓަކައި، މިޞްރުގެ ވާދަވެރި ލީޑަރު ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިންނަށްމަރުޙަބާ ވިދާޅުވިއެވެ.