ސަރުކާރަށް ދެއަހަރު ފުރުން – ރަށްވެހި ތަރައްޤީ

މަރުޙަބާ ފްލެޓް ދޮންބެ!!!

fuletu-male-bingaa-10-11-20101fuletu-male-bingaa-10-11-2010-75

10 ނޮވެމްބަރ 2010

ޢަބްދުﷲ ޖުނައިދު

‘ރަސްކަމެއްގެ’ ސިފައިގައި ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުންދިޔަ 30 އަހަރުގެ ދިގު ސަރުކާރުން ރައްޔިތުން އޮޅުވާލާފައި ބެހެއްޓި ބެހެއްޓުން މުޅީން ނިމުމަކަށް ގެނެސް، ރަށްފުށުގެ ތަރައްޤީ މުޅީން އަލަށް ދިވެހި ރައްޔިތުންނަށް ދައްކައިދިން އެމްޑީޕީ ސަރުކާރަށް ދެއަހަރު ފުރޭ ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާން ދެން އޮތީ ކުޑަކުޑަ ހިނދުކޮޅެކެވެ.
އެންމެންވެސް ދަންނަ ‘ޤައުމުގެ ބަޠަލު – ރައީސް ނަޝީދު’ ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ ދެއަހަރު ފުރޭ މިނޮވެމްބަރު 11 ވަނަ ދުވަހުގެ އުފާވެރި ޢީދު އަޅުގަނޑުމެންނާ މިކުރިމަތިލަނީ ތަފާތު އެތައް ދުއްތުރާތަކަށްފަހު އެވެ. މޫނާ ދިމާކޮށް ކުރީ ސަރުކާރުގެ އޯޑަރަށް ޖެހި ކަރުނަގޭހާއި، ޖައްވާއި ފަޒާއާއި ހަވައަށޭ ބުނެ ދިވެހީންގެ ހަށިގަނޑުގެ އެކި ތަންތަނަށް އަމާޒުކޮށް ޖެހި ބަޑީގެ އުންޑަތަކުން އެހަށިތައް މަރުވެދިޔަ ހިތާމަވެރި ދުވަސްތަކުގެ ހިތި ތަޖުރިބާތައް ކުރުމަށްފަހުގައެވެ.
މާތްﷲގެ ވާގިފުޅާ މިންވަރުފުޅުން އެ ކަޅު ދުވަސްތަކުން އަޅުގަނޑުމެން ސަލާމަތްވެ ތާހިރު ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދައިދިނުމަށް އެމްޑީޕީގެ މެނިފެސްޓޯއާއިގެން ރައީސް ނަޝީދު ނުކުމެވަޑައިގެންނެވީތީ މިއަދު އަޅުގަނޑުމެންނަށް ކާމިޔާބު ލިިބިއްޖެއެވެ. އަނިޔާވެރިކަމާއި ސަލާންޖެހުމުގެ ދިރިއުޅުމާއި، ބޭސްފަރުވާކުރުމުގެ އުޞޫލުތަކާ، ބޯހިޔާވަހިކަމާ، މިނޫންވެސް ދިރިއުޅުމަށް ފަސޭހަ ގޮތްތަކެއް ރައްޔިތުންނަށް ހޯއްދަވައިދިނުމަށް ބޭނުންފުޅުވެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މުޙައްމަދު ނަޝީދު އިންތިޚާބުކުރީ ރާއްޖޭގެ 54.21% މީހުން ބޭނުންވެގެންނެވެ. ވިސްނުމުގެ ކޮށިކަމުން ނަމަވެސް އޭރުތިބި ބަޔަކު ބޭނުންވީ ފަޤީރުން ފަޤީރުކަމުގައި ބައިތިއްބައި ކުރިންވެސް މުއްސަނދިކުރަމުންދިޔަ މީހުންނަށް ހަމައެގޮތްތައް ހޯދައި، ޒަމާނީ ޑިމޮޮކްރަސީ މިރާއްޖެއަށް ގެނައުމަށް އެމްޑީޕީން ކުރަމުންދިޔަ މަސައްކަތާ ދެކޮޅު ހެދުމަށެވެ. މާދަމާ އަޅުގަނޑުމެން މިފާހަގަކުރަން އުޅެނީ މިދެންނެވި މުސީބާތްތަކުން އަޅުގަނޑުމެން ސަލާމަތްވެ އަނެއް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް އަޅުގަނޑުމެން ފެށި ދުވަސް ކަަމަށްވާ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ހަނދާންތަކެވެ.
ރައްޔިތުން އަބަދުވެސް ދައްކަމުންދިޔަ ވާހަކައަކީ ރާއްޖޭގައި މީގެ ކުރިން ވެރިކަންކޮށްފައިވާ ބޭފުޅުން ރަށްފުށުގެ ޙާލަތު އޭރު އެއޮތްގޮތަށް ދޫކޮށްލައި، ހުރިހާ ކަމަކުންވެސް މާލެއަށް ސަރުކާރުން ކަންތައްތައް ކޮށްދެއްވި ވާހަކައެވެ. ރަށްފުށުމީހާ ކައިވެންޏެއް ކުރަން ޖެހުނަސް އަންނަން ޖެހެނީ މާލެއަށެވެ. ދުއްވާނެ ލައިސަންސެއް ނަގަން ޖެހުނަސް، ކުށްވެރިއަކަށް ޙުކުމެއް ކުރަން ޖެހުނަސް މިގެންނަން ޖެހެނީ މާލެއަށެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ރަށްރަށަށް ގޮސް ފަޅުފުންކުރަން/ ބިންހިއްކަން ރަށްރަށުގެ އަތިރިމަތީގައި ކަޑަ ޖަހައި ރައްޔިތުން ހައްދާލުމަށްފަހު އިންތިޚާބު ކާމިޔާބުވުމުން އެއިން އެއްވެސް ކަމެއް ދެނަހުރިކަމަކަށްވެސް ނުވެއެވެ. ޚުދުމުޚުތާރު ގޮތްތައް ގެންގުޅުއްވި ސަރުކާރުގެ އެޓޮލްސް މިނިސްޓަރަކު ދެފަހަރެއްގެމަތީން ދެއްވަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަތައް އެރަށު ރައްޔިތުންގެ ހަނދާނުން އަދިވެސް ފިލައިގެންނުދެއެވެ.
އެހެންނަމަވެސް މިސަރުކާރު އައުމާއެކު މިހުރިހާ ކަމެއްވެސް ބަދަލުވެއްޖެއެވެ. މިމުނާސަބު ދުވަހު ސަރުކާރަށް ދެއަހަރުފުރޭއިރު، ބިންހިއްކުމާ ބަނދަރު ހެދުމުގައި މިސަރުކާރު ވަރެއް ނެތްކަން މިހާރު އެންމެންވެސް ޤަބޫލުކުރެއެވެ. ގުޅިފަޅު މިކަމުގެ ހެއްކަކަށް ފުދެއެވެ. ނޮވެމްބަރު 2008ކުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖޭގެ 27 ރަށެއްގެ ބަނދަރު ވަނީ ހަދާފައެވެ. މިދިޔައަހަރުން ފެށިގެން މިހާތަނަށް 11 ރަށެއްގެ ނަރުދަމާގެ ނިޒާމު ޤާއިމްކޮށް މުޅީން ނިމިފައިވާއިރު 32 ރަށެއްގެ ޑިޒައިން މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށްދަނީ 10 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް އިތުރު 16 ރަށެއްގެ ބީލަންތައް ދިރާސާކުރުމުގެ މަސައްކަތެވެ. މިވަރުގެ މަޝްރޫޢެއް މިއިން ޒަމާނަކުވެސް ރާއްޖޭގައި ކުރެވިފައެއް ނުވެއެވެ. މުޅި ރާއްޖޭގައި ފްލެޓްތައް އަޅައި އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލޭގައި ފުރަތަމަ ޢިމާރާތްކުރާ ހައުސިންގ ޔުނިޓް ބިލްޑިންގ ގެ ބިންގާވެސް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެވަނީ އަޅުއްވައިދެއްވާފައެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް މިވެނި ވަޢުދެއް ނުފުއްދެވޭ ނޫންހޭ ބުނެ އެއްވެސް މީހަކަށް އިނގިލި ދިގުކޮށްލާނެ ޗާންސެއް ނެތެވެ. އެފަދަ ޗާންސެއް މިސަރުކާރަކުން ނުވެސް ދޭނެއެވެ.. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ސުވާލުކޮށްފައެއް ނެތެވެ. އެކަމަކު ހަމަ އެބުނަނީ ޖަވާބުދާރީ ނުވާ ވާހަކައެވެ. ޙަޤީގަތުގައި މިސަރުކާރަކީ އެމްޑީޕީގެ މެނިފެސްޓޯއެވެ. މެނިފެސްޓޯގައި ހިމެނޭ އެއްވެސް ކަމެއް މިވީހާ ތަނަށް ނުކުރެވިގެން އެއްވެސް ފަރާތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން އުޅެފައެއްވެސް ނެތެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ދަތުރުފަތުރުން ގުޅާލުމާ މަސްތުވާތަކެއްޗަށް ހުޅުވާލި ދޮރުތައް ބަންދުކުރުން ވެސް ހިމެނެއެވެ. ޚަބަރު އަޑުއަހާ މީހަކަށްނަމަ މަސްތުވާތަކެތީގައި ހިމެނޭ މައި 6 މީހުންވެސް ހައްޔަރުކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ވާހަކަ މިހާރު އޮންނާނީ އޮޅުމެއްނެތި އެނގިފައެވެ.
އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަށް ރައީސް ނަޝީދު ކުރައްވަމުންގެންދަވާ މަސައްކަތްތަކުން އެކަނިވެސް ރަށު ތަރައްގީ ރަށަށް ލިބި އެތައް ބަޔަކަށް ގެދޮރުގެ ދަތިކަން ފިލައިގެންދާނެކަމާމެދު ޝައްކެއް ނެތެވެ. ހދ.ކުޅުދުއްފުއްޓާއި ނ. މަނަދޫއާ ޅ. ނައިފަރުގައި 25 ރޯހައުސް އެޅުމަށް މިހާރު ވަނީ ހަވާލުކުރެވިފައެވެ. ހުވަދުއަތޮޅު ކޮލަމާފުށްޓާ ތިނަދޫ މިއިން ކޮންމެ ރަށެއްގައިވެސް ހަމައެފަދަ 3 ކޮޓަރީގެ އެޕާޓްމެންޓް ހުންނަ 25 ރޯހައުސް އެޅުމަށް ޙަވާލުކޮށްފިއެވެ. އެމްޑީޕީގެ ވަޢުދުތައް ފުއްދުމުގެ ގޮތުން ށ އަތޮޅުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ރާވަމުންދާއިރު މާލޭގައި 500 ހައުސިންގ ޔުނިޓާއި ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް އެޅުމަށްވެސް ވަނީ ސޮއިކޮށްފައެވެ. ސަރުކާރުން މުޅި ރާއްޖޭގައި އެއަޅުއްވަނީ ފްލެޓްތަކެވެ. ފްލެޓް ދޮންބެ މުޅި ރާއްޖެއަށް ޖެހިފައިވާ ގެދޮރުގެ ދަތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދެނީއެވެ. ފްލެޓެއް ނުލިބޭނެ އެއްވެސް ރަށެއް ނެތެވެ. ރަށްވެހި ތަރައްޤީ މިއަދު އަޅުގަނޑުމެންނަށް މުޅީން ލިބިއްޖެ ކަހަލައެވެ. އެހެންނަމަވެސް، ހަނދާންކުރަންވީ އެންމެ މުހިއްމު ނުކުތާއަކީ މިހުރިހާ ތަރައްޤީއެއްވެސް އަޅުގަނޑުމެންނަށް މިލިބެނީ އެމްޑީޕީގެ މެނިފެސްޓޯއާއިގެން ކުރިޔަށް ދިޔުމަށް ރައީސް ނަޝީދު ފިސާރި ކެރިވަޑައިގެން ހުންނެވުމުންނެވެ.
ފްލެޓް އެޅުމާއި ފަޅު ފުންކުރުމާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތްތަކުގެ އިތުރުން އެކަނިވެރި މައިންނަށް އެދެއްވާ އިނާޔަތްތައް އެއީ ދާއިމީކޮށް ލިބޭނެ އެއްޗަކަށް ހެދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން ރާއްޖޭގެ މާލިއްޔާތު އިތުރުކުރުމަށް ދިވެހި އެއަރލައިންތަކަށް ބޭރަށް އުދުހުމުގެ ފުރުޞަތުތައް ހުޅުވާލުމާއި، ބޭރުން ރާއްޖެ އަންނަ އެއަރލައިންތަކަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ފުރުޞަތު ހުޅުވާލުމަކީވެސް ފްލެޓް ދޮންބެގެ ހަރުދަނާ ސިޔާސަތުގެ ދަށުން މިސަރުކާރުން ނިންމާފައިވާ ކަމެކެވެ.