ގައްދޫ ދާއިރާއިން އިސްނަގައިގެން ނިންމެވި ނިންމެވުމަކީ ދުރުވިސްނޭ ބޭފުޅުން ކޮޅެއްގެ ޙިކްމަތްތެރި އަމަލެއް – އެމްޑީޕީގެ ޗެއަރޕާސަން

2 ނޮވެމްބަރ 2010

ރާމިޒް

އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ކޮންގްރެސް ނިންމަވާލެއްވުމަށް ރައީސްގެ އަރިހުގައި އުސްފަސްގަނޑަށް ވަޑައިގަންނަވަނީ - މާރިޔާ އަކީ އަންހެނުންގެ ސިޔާސީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ބޭކަނބަލެއް .. /ފޮޓޯ މައުރޫފް ޚަލީލް
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ކޮންގްރެސް ނިންމަވާލެއްވުމަށް ރައީސްގެ އަރިހުގައި އުސްފަސްގަނޑަށް ވަޑައިގަންނަވަނީ - މާރިޔާ އަކީ އަންހެނުންގެ ސިޔާސީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ބޭކަނބަލެއް .. /ފޮޓޯ މައުރޫފް ޚަލީލް

މިއަންނަ އީދު ބަންދުގެ ތެރޭގައި މަތި ދެކުނު ޕްރޮވިންސްގެ ގދ. ގައްދޫގެ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާޕްރައިމަރީ ބާއްވާނީ އެމްޑީޕީ ޓިކެޓަށް ކުރިމަތިލާފައިވާ 7 ފަރާތުގެ ތެރެއިން އަންހެން ބޭފުޅާއަށް ޓިކެޓް ދިނުމަށްފަހު ދެން ތިބި 6 މީހުންގެ މެދުގައި ކަމަށް އެމްޑީޕީ ގައްދޫ ދާއިރާގެ ހިންގާ ކޮމިޓީން ހާމަކުރުމާ ގުޅިގެން އެއީ ދުރުވިސްނޭ ބޭފުޅުން ކޮޅެއްގެ ޙިކްމަތްތެރި އަމަލެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ގައްދޫ ދާއިރާގެ ހިންގާ ކޮމިޓީއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ މީޑިއާއަށް މަޢުލޫމާތުދެއްވަމުން މާރިޔާ ވިދާޅުވީ ” ދެ ޖިންސްގެ ބައިވެރިވުން ޑިމޮކްރަސީއަށް މުހިއްމު ވެފައި ސިޔާސީ މައިދާނުން އަންހެނުން ފެނުން މަދުކަމަށް ރިޢާޔަތްކުރައްވައި ގައްދޫ ދާއިރާއިން އިސްނަގައިގެން ނިންމެވި ނިންމެވުމަކީ ދުރުވިސްނޭ ބޭފުޅުން ކޮޅެއްގެ ޙިކްމަތްތެރި އަމަލެއް ކަމަށް. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރިން މި އަމަލަށް ޝުކުރުވެރިވާނެކަން ޔަޤީން.”
ޗެއަރޕާސަން އިތުރަށް ވިދާޅުވީ އެހެން ދާއިރާތަކުން ވެސް ގައްދޫ ދާއިރާގެ މިއިސްނެގުން ނަމޫނާއަކަށް ބަލާނެކަމަށް އެކަމަނާ އުއްމީދުކުރައްވާ ކަމަށެވެ.