ޕްރައިމަރީ ބާއްވާނެ ރަށްތައް ކޮންގްރެސްގެ ހަވާސާގައި ކަނޑައެޅުމަށް އެމްޑީޕީން ނިންމައިފި

– ކޮންގްރެސް އޮބްޒާވް ކުރުމަށް 112 ފަރާތަކުން ނަން ހުށަހަޅާފައިވޭ

28 އޮކްޓޯބަރ 2010

ޢަބްދުﷲ ޖުނައިދު

ކުރިޔަށް އޮތް ލޯކްލަ ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލާ ކެނޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވާނެ ރަށްތައް ކޮންގްރެސްގެ ހަވާސާގައި ކަނޑައެޅުމަށް އެމްޑީޕީގެ ކެމްޕޭނު ކޮމިޓީން ނިންމައިފި އެވެ.
މިއަދު އޮތް އެޕާޓީގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކެމްޕޭނު ކޮމިޓީގެ ޑިރެކްޓަރ ޢަބްދުﷲ މާޖިދު ވިދާޅުވީ ކޮންގްރެސްއާ ވިދިގެން ޕްރައިމަރީތައް ވީހާވެސް އަވަހަށް ބާއްވާނެ ކަމަށާ، ޝޯޓްލިސްޓް ކުރުމަށްފަހު އެމަޢުލޫމާތުތައް ކޮންގްރެސްތެރޭގައި އިޢުލާން ކުރެވޭނެ އެވެ. މާޖިދު އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިޔަށްދާނީ ކޮންގްރެސްގެ ހަވާސާގައި، އެމްޑީޕީގެ އަތޮޅު ކޯޑިނޭޓަރުންނާއި ސިލެކްޝަން ކޮމިޓީގެ ފަރާތުންނެވެ. އެހެންކަމުން ކޮންގްރެސް ހިނގަމުންދާއިރު، ދާއިރާތަކުން، އަތޮޅު ކޯޑިނޭޓަރާއެކު ސިލެކްޝަން ކޮމިޓީއާ ބައްދަލުކުރާނެ ގަޑިއެއް، ކޯޑިނޭޓަރުންގެ އަރިހުގައި ނޯޓުކޮށްދެއްވުމަށްވެސް އެމްޑީޕީގެ ކެމްޕޭނު ކޮމިޓީން އެދިވަޑައިގެންނެވިއެވެ.
ސާޅީސް ހާހަށްވުރެ ގިނަ މެމްބަރުން ހިމެނޭ އެމްޑީޕީގެ ކޮންގްރެސް ކަވަރުކުރުމަށް އެކަނިވެސް 112 ފަރާތަކުން ފާސް ހޯދުމަށް އެދި ނަންތައް ހުށަހަޅާފައި ވެއެވެ. އަންނަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މިތިން ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް އަތޮޅުތަކުގެ ކޯޑިނޭޓަރުންނާ ގޮފިތަކުގެ ރައީސުންގެ އިތުރުން ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިކޮންގްރެސްގައި 945 މަންދޫބުން ބައިވެރިވެއެވެ.
ކޮންގްރެސް ނިމޭނީ ހޮނިހިރު ދުވަހުގެރޭ އޮންނަ ކައުނސިލް އިންތިޚާބުގެ ކެމްޕޭނު އިފްތިތާހު ކުރުމުގެ ހާއްސަ ރަސްމިއްޔާތަށް ފަހުގައެވެ.