އެމްޑީޕީގެ އަސްލު އަގުތަކާއި، އުސޫލުތަކަށް ރުޖޫޢަވުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އީޖާބަދިނުމަށް އެމްޑީޕީ ހެންވޭރު ހުޅަނގު ދާއިރާއިން ސަރުކާރަށް ގޮވައިލަން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެމައްޗަށް ބިނާވެ އޮތް އަގުތަކާއި، އުސޫލުތައް ނެގެހެއްޓުމަށް މި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގެ މައްޗަށް ގޮވާލެއްވި ގޮވާލެއްވުމަށް މަރުޙަބާ ދަންނަވާ، އެގޮވާލެއްވުން ހެންވޭރު އުތުރު ދާއިރާއިން ތަކުރާރުކުރަމެވެ.

ޝައްކެއްނެތް ގޮތުގައި އެމްޑީޕީގެ އެންމެ އިސް އަދި އެންމެ އަޑުހަރު ވަކާލާތަކީ އިންސާނީ ޙައްޤުތަކާއި، ޢަދުލް އިންސާފެވެ. އަބުރުވެރި، ތާހިރު ދިރިއުޅުމެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް އިންތިޚާބުވެވަޑައިގަތީ އެ ވަޢުދުތަކައިގެންނެވެ.

2012 ގެ ބަޣާވާތަށްފަހު މިވޭތިވި މުއްދަތުގެ ތެރޭގައި ޤަތުލުކުޅަ ޑރ. އަފްރާޝީމް ޢަލީއާއި، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދް ރިޟްވާން ޢަބްދުﷲއާއި، ވަޅިޖަހައި މަރާލި ޔާމިން ރަޝީދުގެ މަރުގެ ޙަޤީޤަތް ހޯދުމުގެ ވަޢުދައިގެންނެވެ. ދިވެހި
މާލިއްޔަތުން އެމް.އެމް.ޕީ.އާރްސީ ޚިޔާނާތުގެ ވާސިތާއިން ފޭރުނު ފައިސާ އަނބުރާ ހޯދައި، ވަގު ހިފާނެކަމުގެ ވަޢުދައިގެންނެވެ.

އެހެންނަމަވެސް، އަދިވެސް އެއިންކަމެއްގެ ކޮޅެއް މެދެއް ނުފިލައެވެ. އެއިން މައްސަލައެއްގައި ދައުވާ އުފުލި، މީހެއްގެ މައްޗަށް ޝަރީޢަތް ހިންގާ މަންޒަރު އަމުދުން ނުވެސް ފެންނަނީއެވެ. އަދި ކިއެއްތަ! މިއިން ކޮންމެ ވިޔާނުދާކަމެއްގެ ބައިވެރިންނާއި، ވާގިވެރިން، އެކި ކުލައިގެ، އެކި ފޭރާމުގައި ތިބޭތީ މިފެންނަނީ ސިޔާސަތު ކަނޑައެޅުމުގައި އަވަދިނެތި އުޅޭތީއެވެ.

އިހު ނަންގަނެވުނު ލާއިންސާނީ ޢަމަލުތައް ހިންގާފައިވަނީ ދީނީ ފިކުރުގެ ހައްދުފަހަނައެޅި މީހުން މެދުވެރިކޮށްކަން ސަރުކާރަށް މާސާފުކޮށް އެނގި ފައުޅުވެފައިވެއެވެ. އެހެނަސް، މޭ ހަވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު އަވާހަރަކޮށްލަން މިފުރަ މާލޭގެ މަޖީދީމަގުގައި ބޮންގޮއްވާ ހިސާބަށް ކަންތައް ދިޔައިރުވެސް ސަރުކާރުން ފެންނަނީ ޣާފިލުކަމުގައި ތިބިއްޔަތީއެވެ.

އެޙަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވި ދެތިން ހަތަރު ޅަފުރައިގެ ކުއްޖަކު މެނުވީ އަތުވެފައެއް ނުވެއެވެ. އެޙަމަލާއަށް ފައިނޭންސް ކުޅަ މީހުންނާއި، މާސްޓަރމައިންޑުންގެ ޚަބަރެއް ދަބަރެއް ނުއެނގެއެވެ. ބޮނޑު ނަގުލަށްވެ، މައްސަލަ ފިނިވާދާއިރުވެސް، މައްސަލައިގެ ފުންމިނާއި ހަމައަށް ވާސިލުނުވެވޭކަމާއި، ބޮންގޮއްވާ ފިކުރުގެ މޫތައް ނައްތައިލުމަށް މާނަހުރި މަސައްކަތެއް ވެވެމުން ނުދާކަން ހިތާމަޔާއެކުގައި މެނުވީ ފާހަގަނުކުރަމެވެ.

ސަރުކާރުގެ ފުށުން މިހިނދު ފެންނާންޖެހޭނީ ހިތްވަރާއެކު ކުރިއަށްނުކުމެ، ބޮންގޮއްވާ ފިކުރާއި ދިމާކުރުމެވެ. ލޭ ހުއްދަކުރުމާއި، ތަކުފީރުކުރުން މަނާކުރުމެވެ. ދިވެހިރާއްޖެ ހައްދުފަހަނައެޅި ދީނީ ފިކުރުގެ ނުރައްކާތެރި ވަކިތަކުން ސަލާމަތްކުރުމެވެ.

ނަމަވެސް، ނަފްރަތު އުފައްދައިގެން ހަށިފުރާނައިގެ ރައްކާތެރިކަން ނަގާލުން ކުށަކަށް ހަދަން ޚުދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ފެނުނީ އެބިލު ހުށަހެޅުއްވި މެންބަރުގެ އިސްތަށިފުޅަށް އެ ބިލު ބޮލާލައި ޖެހި މަންޒަރެވެ. ނަފްރަތު އުފެއްދުމުގެ އަހުލުވެރިންގެ މަޝްވަރާއާއި، ބަހަށެވެ. ނަފްރަތު އުފައްދައިގެން، ޓާގެޓުކޮށް މަރާލި ޔާމިން ރަޝީދުގެ ޢާއިލާފަދަ ޢާއިލާތަކުގެ ކިބައިން ހޭވެސް އަހައި ނުލައެވެ.
އެމްޑީޕީއަށް ދިވެހި ރައްޔިތުން ވޯޓްދެނީ އަޅާ ބަނދަރަކަށް، ހަދާ މަގަކަށް، ބިނާކުރާ ސްކޫލަކަށް، ހިއްކާ ބިމަކަށް ނޫނެވެ. މައުނަވީ ބަދަލާއި، ހެޔޮ ވެރިކަމަކަށެވެ. އެގޮތް ސަރުކާރަށް އޮޅިއްޖިއްޔަތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެފަދަ ޢާންމުކޮށް އެމްޑީޕީއިން ބޮޑު އަޣްލަބިއްޔަތު ނަގާ ސިޓީތަކާއި، ރަށްތަކުން އެކަމުގެ ނުރުހުން ރައްޔިތުން ނުކުމެ ވޯޓްގެ ނަތީޖާއިން ދައްކާފައިވެއެވެ.

އެހެންކަމުން މިގޮތް ވަރިހަމަކޮށްގެން ތިބެ، އެމްޑީޕީއަށް ރައްޔިތުން ދޭ ތަޢީދާއި، ކުރާ އިތުބާރަށް ފޫނުބެއްދޭވަރުގެ ގެއްލުން ދިނުމުން މަނަޢަވެގަނެ، އެމްޑީޕީގެ އަސްލު އަގުތަކާއި، އުސޫލުތަކަށް ރުޖޫޢަވުމަށް ރައީސް މުޙައްމަދު ނަޝީދު އެގޮވާލެއްވި ގޮވާލެއްވުން އީޖާބީގޮތެއްގައި ސަރުކާރުން ބަލައިގަތުމަށް އެމްޑީޕީ ހެންވޭރު ހުޅަނގު ދާއިރާއިން އިލްތިމާސް ދަންނަވެމެވެ.

ބަޔާންނެރުނީ: ހެންވޭރު ހުޅަނގު ދާއިރާ