މެދު ޕްރޮވިންސްގެ ފ.ނިލަންދޫ އެމްޑީޕީ އާސާރީ ގޮފި އިފްތިތާޙް ކޮށް އެމްޑީޕީ ނިލަންދޫ ދާއިރާގެ އޮފީސް ހުޅުވައިފި

18 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

cropped-450-x-337

މެދު ޕްރޮވިންސްގެ ފ.ނިލަންދޫ އެމްޑީޕީ އާސާރީ ގޮފި އިފްތިތާޙްކުރުމާއި އެމްޑީޕީ ނިލަންދޫ ދާއިރާގެ އޮފީސް ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެރޭ އެރަށުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ނިލަންދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފ.އަތޮޅު ކައުންސިލަރ އަދި އެމްޑީޕީ ނިލަންދޫ ދާއިރާގެ ނައިބު ރައީސް އިބްރާހީމް ޚަލީިލް ދެއްކެވި ވާހަކައިގައި ދާއިރާ އިންތިޚާބަށްފަހު ނިލަންދޫގައި އެމްޑީޕީގެ ޙަރަކާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަދި ނިލަންދޫ އިން އެމްޑީޕީއާ ގުޅެމުންދާ މީހުންގެ އަދަދު މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ ނިލަންދޫއަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުޙްސިން ޙަމީދުގެ އުފަން ރަށް ކަން ފާހަގަކުރައްވަމުން މުޙްސިން އަކީ ވަރަށް ގުޅިގެން މަސައްކަތްކުރައްވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ވާހަކަފުޅުގައި ނިލަންދޫއަކީ ވަރަށް ތާރީޚީ ރަށެއްކަމަށާއި، އެރަށުގެ ރައްޔިތުންނަކީ ވެސް ތާރީޚާއި ޘަޤާފަތަށް ލޯބިކުރައްވާ ރައްޔިތެއް ކަން ފާހަގަކުރައްވަމުން، ނިލަންދޫގައި އިފްތިތާޙް ކުރި އެމްޑީޕީގެ ފުރަތަމަ ގޮފި ކަމަށްވާ އާސާރީގެ ގޮފީގެ ނަމުން ވެސް އެރަށުގެ ރައްޔިތުން ތާރީޚަށް ލޯބިކުރައްވާ މިންވަރު ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.
ޖަލްސާގެ ޝަރަފްވެރި މެހްމާން އެމްޑީޕީގެ އަމީންއާންމު ޙަސަން ޝާހް ދެއްކެވި ވާހަކަފުޅުގައި މި ޖަލްސާއަށް އެޕާޓީގެ ޗެއަރޕާސަން އާއި ވަގުތީ ރައީސް އަށް ވަޑައިނުގެންނެވުނު ނަމަވެސް އެދެބޭފުޅުންގެ ހެޔޮއެދުމާއި ތަހުނިޔާ ނިލަންދޫގެ ރައްޔިތުންނަށް އަދާކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، މި އިފްތިތާހްކުރެވުނުު ގޮތްޕާއި އެރަށުގައި ހުޅުވިގެންދިޔަ ދާއިރާ އޮފީހުގެ ސަބަބުން އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ނިލަންދޫ ދާއިރާގެ އޮފީސް ހުޅުއްވައިދެއްވުމަށްފަހު އެއޮފީހުގެ ދިދަ ނަންގަވައިދެއްވީ އެމްޑީޕީގެ އަމީން އާންމު ޙަސަން ޝާހްއެވެ.