އައްޑޫ ސިޓީ “އެޑްވާންސް ޖަގަހަ” ރޯކުރި ފަރާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ބަލައި ތަހްގީގްކުރުމަށް ގޮވާލުން

އައްޑޫ ސިޓީ “އެޑްވާންސް ޖަގަހަ” ރޯކޮށް އަންދާލި ޖަރީމާ ކުށްވެރިކޮށް، މިކަން ކުރި މީހުންނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ބަލައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވައިލަމެވެ.

އައްޑޫ ސިޓީ ފޭދޫ އެޑްވާންސް ޖަގަހައިގައި މިއަދު ފަތިހުގެ ވަގުތެއްގައި ހުޅު ޖެހުމުގެ ސަބަބުން އެޢިމާރާތްވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާ، ވިރާނާވެފައެވެ. ތަނުގެ ތެރޭގައި ހުރި އަގުހުރި އަޑުގަދަކުރާ ސިސްޓަމާއި، އެހެނިހެންވެސް ފަރުނީޗަރާއި، ތަކެތިވެސްވަނީ މުޅިން އަނދާ އަޅިއަށްވެފައެވެ. ލިބުނު ގެއްލުން ބައި 5 ލައްކަ ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.

މީގެކުރިންވެސް އައްޑޫ ސިޓީ މީދޫގައި އަޅާފައިހުރި “ނިންމާ ޖަގަހަ”އިގެ ބިއްލޫރިގަނޑު ތަޅާލައިފައިވެއެވެ. އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު، އައްޑޫ ސިޓީ މަރަދޫގައި ހުންނަ މިޕާޓީގެ އޮފީހަކަށްވަދެ ތަނުގައި ތިބި މީހުންނަށް އެކިވަރުގެ ހާނިއްކަކޮށްފައިވެއެވެ. މިއިން އެއްވެސްކަމެއް އެދެވޭގޮތެއްގައި ބަލާ، ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރެވިފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

އެޑްވާންސް ޖަގަހަ ރޯކޮށްލުމާއި، އެހެނިހެންވެސް މިބާވަތުގެ ޖަރީމާތަކަކީ ބަޔަކު އަޑީގައި ތިބެ، ދުރާލާ ރާވާއިގެން، ރިޔާސީ ކެމްޕޭނަށް ހީނަރުކަން ގެނައުމަށާއި، ކެމްޕޭނުގެ ޙަރަކާތްތެރިންނަށް ބިރު ދެއްކުމަށް ހިންގާ ނޭއްގާނީ ޖިނާޢީ ޢަމަލުތަކެވެ. އަދި ސެޕްޓެންބަރު 23، 2018 ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިޙަށް އޮތް މަތިވެރި، ތާޢީދާއި، ތަރުޙީބު ހަޖަމުކުރުމަށް ދަތިވާ ބަޔަކު ހިންގާ ވިޔަޔާނުދާ ކަންކަންކަމުގައި މެނުވީ މިޕާޓީން ނުދެކެމެވެ.

ރިޔާސީ ކެމްޕޭނަށް ދަމާފައިހުރި ދިދައާއި، ފޮތިގަނޑާއި، ޕޯސްޓަރު ނެއްޓުވުމާއި، އެތަކެތި ހަރުކުރުމުގައި ޙަރަކާތްތެރިވާ މީހުން ހައްޔަރުކުރުމާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭނު ވަދުފުތަކަށް މަރުޙަބާކިޔަން ނުކުންނަ ސިވިލް ސަރވަންޓުންނާއި، ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުން މަޤާމުން ވަކިކުރުމާއި، ދުރު ރަށްރަށަށް ފޮނުވާލުމާއި، ކެމްޕޭނު ޖަލްސާ ބާއްވާނެ ބިމެއް ދިނުމަށް ދެކޮޅުހެދުމާއި، ޕަބްލިކް ސަރވިސް މީޑިޔާ މެދުވެރިކޮށް ޖަޒީރާ ރާއްޖެ ކެމްޕޭނާ ގުޅުވައި ދޮގު ޚަބަރު ފެތުރުމާއި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރުކުރެވޭނެގޮތް ނެތުމާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި މިސަރުކާރުގެ އެތައް ސިޔާސީ މަޤާމެއް ފުރުއްވާފައި ހުންނެވި އަދި ރައީސް ޢަބްދުﷲ ޔާމިންގެ ކެމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކު ހުންނެވުންފަދަ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭ އެތައްކަމެއް ހިނގަމުންދިޔަނަމަވެސް، ރިޔާސީ އިންތިޚާބަށް އެކަށީގެންވާ މާހައުލެއް އޮތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް އިން ބުނެފައިވާކަމުގެ ހެއްވާކަން މިދަނޑިވަޅުގައި ފާހަގަކުރަމެވެ.

ކަންމިހެން ހުރިއިރު އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ އުފައްދާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކުރެވޭ ކެމްޕޭނަށް ހުރަސްއެޅުމަށް ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓާލައި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ސަލާމަތީ ޚިދުމަތްތަކާއި، އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރަމެވެ. އަދި އެޑްވާންސް ޖަގަހަ ރޯކޮށްލުންފަދަ މާލާއި، ޖާނަށް ގެއްލުންވާ މަގުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާ ތަޙްޤީޤުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭންޖެހޭ ޤާނޫނީ ޙިމާޔަތާއި، ރައްކާތެރިކަން، ފިކުރުގެ ތަފާތުތަކަށް ބެލުމެއްނެތި ލިއްބައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ސަރުކާރަށް އިލްތިމާސްކުރަމެވެ.