5 އޮކްޓޯބަރ 2010
ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިޔާއަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއެކު އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓީލް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ، އިންޑިޔާގެ ރައީސްގެ ރަސްމީ ގެކޮޅު، ރާޝްތްރަޕްރަތީ ބަވަންގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމަންވެލްތް ގޭމްސްގެ ކަންތައްތައް އިންޑިޔާގައި ދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ގޭމްސް ފެށުމުގެ ރަސްމިއްޔާތުގެ ފުރިހަމަކަމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގާތްގުޅުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.