ރައީސުލްޖުމްހޫރިއްޔާ، ޕްރެސް ޓްރަސްޓް އޮފް އިންޑިޔާއަށާއި، ބީ.ބީ.ސީ. ވާރލްޑް ސަރވިސް ރޭޑިއޯއަށް ބަސްދީގަތުން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ޕްރެސް ޓްރަސްޓް އޮފް އިންޑިޔާއަށާއި، ބީ.ބީ.ސީ. ވާރލްޑް ސަރވިސް ރޭޑިއޯއަށް ބަސްދީގަތުން ދެއްވައިފިއެވެ.
ނިއުދިއްލީގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި ވަކިވަކިން ދެއްވި މި ދެ ބަސްދީގަތުމުގައިވެސް ނިއުދިއްލީގައި ރޭ ބޭއްވި ކޮމަންވެލްތް ފެށުމުގެ ރަސްމިއްޔާތަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.
އަދި، އިންޑިޔާއާއި ރާއްޖެއާ ދެމެދުގައިވާ ގުޅުން ބަދަހިވަމުން އަންނަ ގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މި ގުޅުމަކީ ވަރަށް ޒަމާންވީ އަދި ވަރަށް ތާރީޚީ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމުން، މިއަހަރު މެކްސިކޯގައި ބޭއްވޭ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ. އަދި، ތިމާވެށީގެ ދާއިރާގައި ދުނިޔެ މިދަނީ ފަންނީ އިންޤިލާބަކާ ދިމާއަށްކަމަށާއި، މިކަމުގައި އިންޑިޔާގެ އިސްނެގުން ވަރަށް މުހިންމު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.