ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިނދިކޮޅު އެންމެހައި ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަކޮށް ރާއްޖޭގެ ވެރިކަން ދުސްތޫރީ ވެރިކަމަކަށް ބަދަލުކުރުމަށްޓަކައި މިސްރާބު ޖެހުމަށް އެމް.ޑީ.ޕީން ޤަރާރު ފާސްކުރުން

1 ފެބްރުއަރީ 2016 ވަނަ ދުވަހުގެ ރޭ ބޭއްވުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޤައުމީ މަޖިލިހުގެ 141 ވަނަ ބައްދަލުވުމުގައި ފާސްކުރި ޤަރާރުގައި ބަޔާންކޮށްފައި ވަނީ ، ދިވެހި ދައުލަތް ފާލުން ނެއްޓި،ޤާނޫނު އަސާސީއާ ޚިލާފުވެ، ޤާނޫނުތައް އެއްކިބާކޮށް، ދުސްތޫރީ މުއައްސަސާތަކުގެ ބާރުކަނޑުވާ، ޝަރުޢީ ނިޒާމުގެ މައްޗަށްނުފޫޒުފޯރުވާކަމަށް އިޤްރާރުވެ، ވިޔަފާރިތައް ހަލާކުކޮށް، ފަސާދައާއި ކަރަޕްޝަނުންފޯވެ، މިސްރާބުގެއްލި، ސިޔާސީ އެންމެހާ ފަރާތްތަކަށާއި ރައްޔިތުންނަށް އަނިޔާވެރިވެ، ސިވިލްސާވިސްގެ މުވައްޒަފުންނާއި، ކިޔަވާކުދިންގެ ޙައްގުތަކަށް އަރައިގަނެ، ރައްޔިތުން އެއްކިބާކޮށް ސަލާމަތީބާރުތަކުގެ އަބުރުނަގާލާ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުންއަރާ ސިޔާސަތުތައް ތަންފީޛުކޮށް، ބޭރު ދުނިޔޭގައި ރާއްޖޭގެ އިތުބާރު ގެއްލުވާލައި، ސަރުކާރުރައްޔިތުންނާދުރުވެ، ތަޣައްޔަރުވެފައި ވީ ހިނދު،

ރާއްޖޭގެ ވެރިކަން ސާފުކޮށް ދުސްތޫރީވެރިކަމަކަށް ބަދަލުކޮށް ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމަށްޓަކައި، ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ވަޠަންދެކެ ލޯބިވާ އިދިކޮޅު އެންމެހާ ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަކޮށް، ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޤައުމުގެ ހުރިހައި ރައްޔިތުންގެ ބައިވެރިވުން އޮތް ސަރުކާރަކަށް މިސްރާބު ޖެހުމުގެ މަޤްޞަދުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޢަދާލަތު ޕާޓީއާއި އިޞްލާޙަށް މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކޮށް، އެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ބޭނުންވި ހިނދު، އަދި ހިނގަމުން މިދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކޯލިޝަން ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި އެ މަނިކުފާނަށް ތާޢީދުކުރައްވާ ބޭފުޅުން މި ޕާޓީއާއި އެކު މަސައްކަތްޕުޅުކުރެއްވުމަށް ބޭނުންފުޅުވެޑައިގެންފައިވާތީ، މަތީގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މިޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގައި ހިންގާ ސިޔާސީ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ހިންގައި، އިސްވެ ދެންނެވި މޭރުމުން މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް އިޤުރާރުވާކަމަށެވެ.

މިގޮތަށް ފާސްކުރި ޤަރާރު އެމްޑީޕީގެ ޤައުމީ މަޖިލިހަށް ހުށަހަޅުއްވާފައި ވަނީ އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ. އަދި އެ ޤަރަރާށް ތައީދު ކުރައްވާފައި ވަނީ ޗެއާރޕާރސަންގެ ނައިބް (މާލީ) އަލީ ނިޔާޒެވެ. އަދި މިޤަރާރު ފާސްކޮށްފައިވަނީ ޤައުމީ މަޖިލިހަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.